ޮކްލަބް މޯލްޑިވްސް ކްލަސިކް: ބަދަހި، ބީސީސީ އަދި ހުޅުމާލެ ހޮސްޕިޓަލް ދެ ވަނަ ބުރަށް ޮކްލަބް މޯލްޑިވްސް ކްލަސިކް: ބަދަހި، ބީސީސީ އަދި ހުޅުމާލެ ހޮސްޕިޓަލް ދެ ވަނަ ބުރަށް

ކްލަބް މޯލްޑިވްސް ކްލަސިކްގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، ޓީމު ބަދަހި، ކްލަބް ބީސީސީ އަދި ހުޅުމާލެ ހޮސްޕިޓަލުން ދެ ވަަނަ ބުރުގެ ޖާގައެއް ޔަގީންކޮށްފި އެވެ.
މި ތިން ޓީމުގެ އިތުރުން، ޓްރާންސްޕޯޓް ރެކްރިއޭޝަން ކްލަބުން ވެސް ވަނީ ގަދަ 16 ޓީމުގެ ބުރުގެ ޖާގައެއް ހޯދައިފަ އެވެ.
ގްރޫޕް ސީގައި ރޭ ޓީމު ބަދަހިން ކުޅުނު މެޗުގައި ވަނީ ފިޝަރީސް ރެކްރިއޭޝަން ކްލަބް އަތުން 5-0 އިން މޮޅުވެފަ އެވެ. ދެ މެޗުން ބަދަހި އަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ގްރޫޕްގައި ދެން އެ ޓީމަށް އޮތީ ދެ މެޗުން ބަލިވެ، ފުލުގައި އޮތް ދިވަރުއާ ދެކޮޅަށް ކުޅޭ މެޗެވެ. ގްރޫޕްގެ ދެ ވަނައިގައި އޮތީ ދިވަރު އަތުން 9-0 އިން މޮޅުވި ފެހިފަހި ކްލަބް އެވެ. މި ވަގުތު ދެ ވަނައިގައި އޮތް ފެހި ފަހި ކްލަބާއި ފިޝަރީސުން މި ގްރޫޕްގައި ބާކީ އޮތް ދެ ވަނަ ބުރުގެ ޖާގައަށް ވާދަކުރާނެ އެވެ.
ފިޝަރީސް ކޮޅަށް ރޭގެ މެޗުގައި، ފެހި ފަހި ޓީމުގެ ލަނޑުތައް ޖެހީ، އަހުމަދު ފާތިން (އަންމު) ހަތަރު ގޯލާއި އަބްދުލް ގާދިރު ހުސެއިން ދެ ގޯލާއި އިމްތިޝާލް އަބްދުލް ރަހީމް (ޕަބް)، އަބްދުﷲ އަބްދުލް ކަރީމް އަދި މައުމާން އަބްދުލް ރަޝީދު ގޯލެކެވެ. ބަދަހި ޓީމުން ރޭ ލަނޑު ޖެހީ، އަހުޒަމް ރަޝީދު (އަހު) އާއި އަލީ ރިޒްވީން، ކޮންމެ ކުޅުންތެރިއަކު ދެ ގޯލުގެ އިތުރުން، ޒާދު މުހައްމަދު ހާލިދު އެވެ.
ގްރޫޕް ޑީގެ ސެމީގެ ދެ ޖާގަ ވެސް ވަނީ ޔަގީންވެފަ އެވެ. ހުޅުމާލެ ހޮސްޕިޓަލާއި ބީސީސީން ވަނީ ފުރަތަމަ ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓް ހޯދައިފަ އެވެ. އެ ގްރޫޕްގައި ދެން އޮތް ދާހިލީ އާއި ޓްރޭޑް ކްލަބަށް އަދި ޕޮއިންޓެއް ލިބިފައިނުވެ އެވެ.
ބީސީސީން ރޭ 6-1 އިން ޓްރޭޑް ކްލަބް ބަލިކުރިއިރު، ލަނޑުތައް ޖެހީ، މުހައްމަދު ނިހާލް ނަޝީދު ހެޓްރިކެއްގެ އިތުރުން، މުހައްމަދު އީމާން އަހުމަދު އާއި އަބްދުލް ރަހުމާން ސާމީ އަބްދުލް ރަހީމް އަދި އަލީ ބައްސާމް އެވެ. ޓްރޭޑް ކްލަބްގެ ލަނޑު ޖެހީ، ހަސަން މިފްރާހު އެވެ.
ހުޅުމާލެ ހޮސްޕިޓަލުން 16-2 އިން ދާހިލީ ބަލިކުރިއިރު، މިއީ މި ފަހަރުގެ ކްލަސިކްގައި މިހާތަނަށް އެންމެ ގިނަ ލަނޑު ފެނުނު މެޗެެވެ. ހުޅުމާލެ ހޮސްޕިޓަލްގެ ހަސަން ސޮލާހު (ހައްޓެ) ވަނީ ހަތް ލަނޑު ޖަހައިފަ އެވެ. އަނެއް ލަނޑުތައް ޖެހީ، މުހައްމަދު ޒައިދު އަލީ އާއި ހުސެއިން ޝާފީ، ކޮންމެ ކުޅުންތެރިއަކު ހެޓްރިކެއްގެ އިތުރުން މުހައްމަދު މާއިސް ދެ ގޯލު އަދި ހަސަން ނާއިފް ގޯލެކެވެ. ދާހިލީގެ ލަނޑުތައް ޖެހީ، އަހުމަދު ޝަފްރާޒް މުހައްމަދު ދެ ގޯލެވެ.
ގްރޫޕް އީގައި ރޭ އެޗްޕީއެސްއެން އިން ވަނީ 6-1 އިން ހެލްތު ރެކްރިއޭޝަން ކްލަބް ބަލިކޮށްފަ އެވެ. އެޗްޕީއެސްއެންގެ ލަނޑުތައް ޖެހީ، މުހައްމަދު ޝިހާމް ހެޓްރިކެއްގެ އިތުރުން އަހުމަދު ޝޫން ދެ ގޯލާއި މުއާވިޔަތު އިބްރާހިމް ގޯލެކެވެ. އަދި، ހެލްތުގެ ލަނޑު ޖެހީ، މުހައްމަދު ޖިނާން އެވެ.
ގްރޫޕް އެފްގައި އެންމެ ފަހުގެ ޗެމްޕިއަން، ކުޅިވަރު ވުޒާރާ ކްލަބުން ވަނީ 3-0 އިން ހާރިޖީ ބަލިކޮށްފަ އެވެ. މި މެޗުގައި އާލިމް އަބްދުލް ގައްޔޫމު ދެ ގޯލު ޖެހިއިރު، އަނެއް ލަނޑު ޖެހީ އަހުމަދު ސާޖިދު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ