މަޑިފުށީގެ އިޚްތިޞާޞްގައި އުފުރިޔާއާއި ކޮޅުފުށި ހިމަނައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކޮޅުމަޑުލު (ތ.އަތޮޅު) މަޑިފުށީގެ އިޚްތިޞާޞްގައި ހިމެނޭ ރަށްތަކުގެ ގޮތުގައި، އެއަތޮޅު އުފުރިޔާއާއި ކޮޅުފުށި ހިމަނުއްވައި އެކަން ކަނޑައެޅުއްވި ގަރާރު ނެރުއްވައިފިއެވެ.
މަޑިފުށީގެ އިޚްތިޞާޞްގައި އެއަތޮޅު އުފުރިޔާއާއި ކޮޅުފުށި ހިމަނައި ދެއްވުމަކީ ރައީސްގެ ވަޢުދުފުޅެކެވެ.
ރައީސް މިދިޔަ ފެބްރުއަރީ މަހު ތ.އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު މަޑިފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި މަޑުފުއްޓަށް އުފުރިޔާއާއި ކޮޅުފުށި ލިބޭނެގޮތް ހަމަޖައްސަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ.
ރައީސް މިއަދު ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުން، ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމުގެ ޤަރާރަކުން މަޑިފުށީގެ އިޚްތިޞާޞްގައި ހިމެނޭ ރަށްތަކުގެ ގޮތުގައި، އެއަތޮޅު އުފުރިޔާއާއި ކޮޅުފުށި ހިމަނުއްވައި އެކަން ކަނޑައަޅުއްވާފައެވެ.
މަޑިފުށީގެ އިޚްތިޞާޞަށް ގެނެވުނު މި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، މި ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ.
މި ބަދަލާ ގުޅިގެން، މީގެ ފަހުން ތ. އުފުރިޔާއާއި ތ. ކޮޅުފުށީގެ އިދާރީ ކަންކަން ބެލެހެއްޓުން ހިމެނިގެންދާނީ މަޑިފުށީގެ އިޚްތިޞާޞްގެ ތެރޭގައެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ