މިދިޔަ އަހަރު އޭސީސީއިން ދަތުރުތަކަށް 1.2 މިލިއަން ރުފިޔާ ހަރަދުކުރި މިދިޔަ އަހަރު އޭސީސީއިން ދަތުރުތަކަށް 1.2 މިލިއަން ރުފިޔާ ހަރަދުކުރި

މިދިޔަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކި ދަތުރުތައް ކުރުމަށް 1.2 މިލިއަން ރުފިޔާ ހަރަދުކުރިކަން އެނގިއްޖެ އެވެ.
އޮޑިޓު އޮފީހުން މި މަހުގެ ކުރީކޮޅު އާންމުކުރި އޭސީސީގެ 2024 ގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި އެ ކޮމިޝަނުން މިދިޔަ އަހަރު ކުރި ހަރަދުތަކުގެ ތަފުސީލު ހިމަނާފައިވެ އެވެ. އެ ރިޕޯޓުން އެނގޭ ގޮތުގައި އޭސީސީ އިން މިދިޔަ އަހަރު ޖުމްލަ 47.7 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
އޭގެ ތެރެއިން 1,262,203ރ. ހަރަދުކޮށްފައިވަނީ ދަތުރުތަކަށެވެ. ނަމަވެސް، އެ ދަތުރުތައް ކުރި ތަންތަނާއި ދަތުރުތަކުގެ ބޭނުން ސާފެއް ނޫނެވެ.
އޭސީސީގެ އިތުރު ހަރަދުތަކަށް ބަލާއިރު ކޮމިޝަނުގެ ބަޖެޓުން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ މުވައްޒަފުންނަށެވެ. އެއީ 33.9 މިލިއަން ރުފިޔާ އެވެ. އަދި، އޮފީސް ހިންގުމަށް 7.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
އޭސީސީ ަށް ލިބޭ ބަޖެޓާއި އެއްވަރަށް އެ ކޮމިޝަނުން މަސައްކަތް ނުކުރާ ކަމަށް އޭރަކު އިދިކޮޅުގައި ތިބޭ ފަރާތްތަކުން އަދި އާންމުން ބުނެ އެވެ. މި ފަހުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކުރެވުނު ބަހުސްތަކުގައި އާއި ކޮމިޓީތަކުގައި ކުރެވުނު މަޝްވަރާތަކުގައި އެފަދަ ކަންބޮޑުވުންތަކެއް ފާޅުކޮށްފައިވެ އެވެ.
އެ ގޮތުން ހިނގަމުންދާ ސަރުކާރެއްގެ މައްސަލަތައް، އެ ސަރުކާރު ނިމުމުގެ ކުރިން ނުބެލޭނަމަ އޮޑިޓު އޮފީހަށާއި އޭސީސީއަށް ކޮންމެ އަހަރަކު ބޮޑު ބަޖެޓެއް ދިނުމުގެ ބޭނުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވަނީ މި ފަހުން މަޖިލީހުގައި ވާހަކަ ދައްކަވާފަ އެވެ.
ސެޕްޓެމްބަރު 25، ގެ ރޭ ދަންވަރު އާންމުކުރި މިދިޔަ ސަރުކާރުގެ ފެނަކައިގެ ހާއްސަ ރިޕޯޓާއި ގުޅިގެން ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ މިފަދަ މައްސަލަތައް ބަލަން ޖެހޭ ކަމަށާއި ނަމަވެސް ފެންނަ މަންޒަރަކީ ކޮންމެ ސަރުކާރެއް ނިމުމުން ކުރީ ސަރުކާރުގެ މައްސަލަތައް ބަލަން ފަށާ މަންޒަރު ކަމަށެވެ.
ޒިޔާދުގެ އިތުރުން، މިފަހުން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވެސް ވަނީ ހިޔާނާތާއި ވައްކަން އިތުރުވުމާއި އެ ކުށްތަކުން ދައުލަތަށް ގެއްލިގެންދާ ފައިސާ ނުހޯދޭތީވެ އޭސީސީ އާއި އޮޑިޓު އޮފީސް އޮތުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ