ވަގަށް ރާއްޖެ އެތެރެކުރުމުން ހިފަހައްޓައި އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުރި 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ހިމެނޭ ދެ ކޮންޓެއިނަރު އެ ބަނދަރުން ވަގަށް ބޭރުކުރި މައްސަލާގައި ފަހުން ހައްޔަރުކުރީ އެމްޕީއެލްގެ މުވައްޒަފުންކަން އެނގިއްޖެ އެވެ.
ވީކިހިނެއް؟ - ފުލުހުން ރޭ ބުނި ގޮތުގައި، މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށް އިއްޔެ ކޯޓުން ބަންދުގެ އަމުރު ނެރެދިން ތިން މީހުންނަކީ:
އަހްމަދު ޝަހީމް، 42، ނޫރަލީގެ/ހދ. ވައިކަރަދޫ
ހުސައިން ސާމިހް، 35، ޗާނދަނީގެ/ސ. ހިތަދޫ
އަހްމަދު ފިރުސާން، 35، ހ. ރުމޭނިޔާ
އޭގެ ތެރެއިން ޝަހީމް އާއި ސާމިހް ހަތް ދުވަހަށް ބަންދުކުރުމަށް ކޯޓުން އިއްޔެ އަމުރުކުރި އެވެ. އަދި ފިރުސާން ފަސް ދުވަހަށް ބަންދުކުރުމަށް އަމުކުރި އެވެ.
ތަފްސީލް - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ހައްޔަރުކުރި ތިން މީހުންނަކީ އެމްޕީއެލްގެ މުވައްޒަފުންނެވެ. އަދި މިއީ މި މައްސަލާގައި އެމްޕީއެލްގެ ބަޔަކު ހައްޔަރުކުރި ފުރަތަމަ ފަހަރެވެ.
މީގެ ކުރިން މި މައްސަލައާ ގުޅިގެން އެމްޕީއެލްއިން ވަނީ އެ ތަނުގެ ހަ މުވައްޒަފަކު ސަސްޕެންޑްކޮށްފަ އެވެ.
މީގެ އިތުރުން، އެޕޯލޯ ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ މުހައްމަދު ވަހީދު (ދިގަލި)ގެ އިތުރުން ވެސް އެޕޯލޯގެ ދެ މުވައްޒަފަކު ހައްޔަރުކޮށްފައިވާކަން އެނގިފައިވެ އެވެ. އެ ގޮތުން:
ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ހަސަން އަބްދުއްރަހްމާން، 52، ލިންކް/ކ. ތުލުސްދޫ - އެއީ އެޕޯލޯގެ މީހެއް
ސިނގިރޭޓު ކޮންޓެއިނަރުތައް ވަގަށް ބޭރުކުރި ދޯނީގެ ކައްޕި، އާދަމް ވަހީދު، 54، ކެނެރީގެ/ނ. މިލަދޫ - އެޕޯލޯގައި ކައްޕިއެއްގެ ވަޒީފާގައި ހުރި މީހެއް؛ އެ ކުންފުނީގެ ވަޒީފާގައި މަސައްކަތްކުރާތާ 25 އަހަރަށް ވުރެ ގިނަ ދުވަސް ވާނެ
ފާހަގަކޮށްލެވޭ - މި މައްސަލައިގައި ދެން ހައްޔަރުކޮށްފައިވަނީ:
އެޕޯލޯ ކުންފުނީގެ އެއް ހިއްސާދާރު މުހައްމަދު ވަހީދު (ދިގަލި)، 65 - ކުރިން ބަންދުކުރީ 10 ދުވަހަށް؛ ޝަރީއަތް ނިމެންދެން ބަންދުކުރަން އިއްޔެ ވަނީ ކޯޓުން އަމުރުކޮށްފައި
ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް، 61 - ބަންދަށް 15 ދުވަސް ޖަހާފައިވޭ
މިފްކޯގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ - އޭނާގެ ބަންދަށް އެންމެ ފުރަތަމަ ޖެހީ 5 ދުވަސް؛ މިދިޔަ ހޯމަ ދުވަހު ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރު 10 ދުވަހަށް ޖަހާފައި
ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސް ވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލް - އޭނާގެ ބަންދަށް ޖެހީ 10 ދުވަސް
އެނގުން މުހިންމު - ކަސްޓަމްސްއިން ކުރިން ބުނެފައިވާ ގޮތުގައި:
40 ފޫޓުގެ ދެ ކޮންޓެއިނަރުގެ ތެރެއިން 1،360 ކޭސް ސިނގިރޭޓް (13.6 މިލިއަން ސިނގިރޭޓް ސްޓިކް) ވަނީ ފެނިފައި
މި ޝިޕްމެންޓްގައި ހިމެނޭ ބްރޭންޑްތަކުގެ ސިނގިރޭޓަށް ޑިއުޓީ ދައްކަން އާންމުކޮށް ކަނޑައަޅާ އަގުތަކަށް ބަލާއިރު، ޑިއުޓީއަށް ގާތްގަނޑަކަށް 122 މިލިއަން ރުފިޔާ އަރާނެކަމަށް ލަފާކުރެވޭ
މިދިޔަ އަހަރު ފަހު ކޮޅުން ފެށިގެން ސިނގިރޭޓުގެ އަގު ސަރުކާރުން ބޮޑުކުރުމާ އެކު އެކި ކަހަލަ ވަގު ބްރޭންޑްތަކުގެ ސިނގިރޭޓާއި އެ ނޫން ވެސް ވަގަށް އެތެރެކޮށްފައިވާ ސިނގިރޭޓު ވިއްކުން ވަރަށް ބޮޑަށް ވަނީ އާންމުުވެފަ އެވެ.
ސިނގިރޭޓް ވައްކަން: ފަހުން ހައްޔަރުކުރި 3 މީހުންނަކީ އެމްޕީއެލްގެ މުވައްޒަފުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ