''މީދުއަށް މި އޮތީ ފުރިހަމަ ބާރާއި މިނިވަންކަން ލިބިފައި، ތަފާތު ދައްކާނަން''

އިއްޔެގެ ޚިޔާލު ހޯދުމުގެ އިންތިޚާބަށް ފަހު އައްޑޫ މީދޫގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމާއި ސަރުކާރުގެ އިދާރާތަކާއި މުއާމަލާތުކުރުން ފަދަ ކަންކަމުގައި ފުރިހަމަ މިނިވަންކަން ލިބިއްޖެ ކަމަށާއި، މީދޫން ތަފާތު ދައްކާނެ ކަމަށް އެ އަވަށުގެ ކައުންސިލަރު އާމިނަތު ސާލިހާ މިއަދު ވިދާޅުވެއްޖެއެވެ. އައްޑޫ ސިޓީ ކައުންސިލުގައި އޮތުމާ މެދު ހުޅުދުއާއި މީދުއާއި ފޭދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި ވޯޓުގައި ހުޅުދުއާއި މީދޫން ނިންމީ ސިޓީ ކައުންސިލުން ވަކިވެ، ވަކި ކައުންސިލު އިދާރާތަކެއް ގާއިމްކޮށް ހިންގުމަށެވެ. އެހެންކަމުން އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް ފަހު ހުޅުދުއާއި މީދޫގައި ދެން އޮންނާނީ ވަކި ކައުންސިލްތަކެކެވެ. https://sun.mv/213114 'ސަން'އިން އިންތިޚާބާ ގުޅޭގޮތުން ސުވާލުކުރުމުން ސާލިހާ ވިދާޅުވީ، މީދޫގެ ރައްޔިތުން ރީރަޖިސްޓްރީ ވާން ލިބުނީ މަދު ވަގުތުކޮޅެއް ކަމަށާއި، ރިސޯޓުތަކާއި ރާއްޖޭގެ އެހެނިހެން ރަށްރަށާއި ރާއްޖޭން ބޭރުގައި އުޅެމުން އަންނަ މީދޫގެ ރައްޔިތުންނަށް މި އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތެއް ނެތް ނަމަވެސް، ގިނައީ ސިޓީ ކައުންސިލާ ވަކިވެ، ވަކި އަމިއްލަ ކައުންސިލެއް ބޭނުންވާ ރައްޔިތުން ކަމަށެވެ. މީގެ 15 އަހަރު ކުރިން، 2010ވަނަ އަހަރުން ފެށިގެން ސިޓީއެއްގެ ގޮތުގައި އޮންނަ އައްޑޫގައި ހުޅުދުއާއި މީދޫ ވަކިން އޮންނާތީ އެއީ ދިމާވާ ދައްޗެއް ކަމަށް ސާލިހާ ވިދާޅުވިއެވެ. "ހަގީގަތަކީ އަޅުގަނޑުމެންގެ މި ރަށަކީ، ޚާއްސަކޮށް މި ދެ ރަށަކީ އައްޑުއަތޮޅު އޭރު އޮންނައިރު މިހާރު އައްޑޫ ސިޓީއަށް ވިޔަސް ވަކިން އޮންނަ ދެ ރަށް، އޮންނައިރު ވަރަށް ގިނަ ޚިދުމަތްތައް އައްޑޫ ސިޓީގެ މޭޔަރާ ބައްދަލުކުރަން ވެސް، އޭރު އަތޮޅުވެރިންނާ ބައްދަލުކުރަން ވެސް ހަމަ ކަނޑު ދަތުރު ކުރަން އެބަޖެހޭ، އުނދަގޫތަކެއް އެބަ ދިމާވޭ،" އޭނާ ވިދާޅުވި ގޮތުގައި ސިޓީ ކައުންސިލުގެ ތެރެއިން ނޫން ގޮތަކަށް ސަރުކާރާ މުއާމަލާތުކުރަން ދަތިވާތީ އާންމުންގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ބައެއް ފަހަރު ހިތްހަމަނުޖެހޭ ގޮތަށް ކަންކަން ދިމާވެއެވެ. އިންތިޚާބުގެ ނަތީޖާއާ މެދު މީދޫގެ ރައްޔިތުން ތިބީ ހިތްހަމަޖެހިފައި ކަމަށާއި އެ އަވަށު ރައްޔިތުންނަށް ފުރިހަމަ ބާރު ލިބިފައިވާ ކަމަށް ވިދާޅުވެ، އެ އަވަށުން ތަފާތު ދައްކާނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. "އަޅުގަނޑުމެން ތަފާތު ދައްކާނަން، އެއީ މި އޮތޯރިޓީ މީދޫ ރައްޔިތުންނަށް މި އޮތީ ލިބިފައި، އަޅުގަނޑުމެންނަށް މި ލިބޭ ގްރާންޓުން މެނޭޖުކޮށް އަޅުގަނޑުމެންގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ލިބި، ރަށަށް ބާރު ލިބި، ގައުމީ އިދާރާތަކާ މުއާމަލާތުކުރުމުގެ ފުރިހަމަ އިޚްތިޔާރާއި މިނިވަންކަން ލިބުމަކީ އެއީ އަސްލު އަޅުގަނޑުމެން ބޭނުންވި ކަންތައް،" ސާލިހާ ވިދާޅުވިއެވެ. https://sun.mv/213119 މި އިންތިޚާބުގެ ނަތީޖާއާ ގުޅިގެން 'ފޭސްބުކް'ގައި، މީދޫގެ އިދާރީ ވަކިވުމަކީ އެ އަވަށްތަކުގެ ރައްޔިތުންގެ ޒަމާންވީ އުދާސްތަކަކަށް ނިމުން ގެނުވާނެ ނިންމުމެއް ކަމަށް އުންމީދުކުރައްވާ ކަމަށް، އައްޑޫގެ މޭޔަރު އަލީ ނިޒާރު ލިޔުއްވާފައިވެއެވެ. އިލެކްޝަންސް ކޮމިޝަނުން އާންމުކުރި، ވަގުތީ ނަތީޖާ ދައްްކާ ގޮތުން މި ރިފަރެންޑަމްގައި ފޭދޫގެ 4،368 މީހަކަށް ވޯޓުލުމުގެ ހައްގު އޮތް އިރު ވޯޓުލީ 2،421 މީހުންނެވެ. މީދޫން 2،341 މީހަކަށް ވޯޓުލުމުގެ ހައްގު އޮތް އިރު ވޯޓުލީ 1،002 މީހުންނެވެ. ހުޅުދޫން 2،867 މީހަކަށް ވޯޓުލެވޭ އިރު ވޯޓުލީ 1،070 މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ