އަހުރެންގެ ކައިރިއަށް ލަފާހޯދަން އަންނަ ގިނަ މީހުންގެ ވާހަކަތައް އަޑުއަހާފައި އޭނާއާއި ކައިވެނިކުރި ސަބަބު އޮޅުންފިލުވަން ސުވާލުކުރުމުން ގިނަބައަކު ބުނަނީ އޭނާގެ ރީތިކަމަށް ބަލާފައި އެކަމުން ލިބޭ ހިތްހަމަޖެހުން ބޮޑުވުމުން ކައިވެނިކުރީ ކަމަށެވެ. އޭނާގެ ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތް ނުވެސް ބަލާކަމަށެވެ.
އަހުރެންގެ ނަޞީޙަތަކީ ރީތިކަމުން ލިބޭ ހިތްހަމަޖެހުމަށް އެހައިގިނަ މާކްސް ނުދިނުމެވެ. އެއިގެ ބަދަލުގައި އޭނާގެ އަޚްލާޤަށާއި ތަޤްވާވެރިކަމަށް ދޭ މާކްސް ގިނަކުރުމަށެވެ. މިވާހަކަ ތަފާތު ޢިބާރާތްތަކުން ހުރިހާ ޢިލްމްވެރިންވެސް ވިދާޅުވެއެވެ. އެއީ ސަބަބުތައް ހުރުމުންނެވެ.
ޒަވާޖީ ޙަޔާތް ކާމިޔާބުކުރެވޭނީ ބައިވެރިޔާގެ ބޭރުފުށުގެ ސިފަ ރީތިވުމަކުން ނޫނެވެ. އޭނާގެ ކިބައިގައި ހުންނަ ރިވެތި އަޚްލާޤީ ސިފަތަކާއި ތަޤްވާވެރިކަމުންނެވެ. ހިތްރީތިކަމުން ކަމަށް އެބުނަނީ މިދެކަންތައް އެއްކޮށްލައިގެންނެވެ.
"ވަޅި ރީތީ ތޫނިއްޔާ" ކަމަށް އެބުނާ ބަހާއި ގުޅުވަންޖެހޭ ބައެއް އެބައޮވެއެވެ. އެއީ ބައިވެރިޔާ ރީތީ ވަފާތެރިވެފަ އަޅައިލަންޏާއެވެ. ތެދުވެރިވެފަ އޯގާތެރިނަމައެވެ. އަނެކާގެ އަގުވަޒަންކުރާނަމައެވެ. ބުނާ ރީތި ލޯބީގެ ބަސްތަކުން ފައިދާކުރާނީ އެބަސްތަކާއި އެއްގޮތަށް ޢަމަލުކުރާނަމައެވެ.
ވީމާ ކައިވެނިކުރާނެ ބައިވެރިއަކު އިޚްތިޔާރުކުރާއިރު ހަމައެކަނި އޭނާގެ ބޭރުފުށުގެ ރީތިަކަމަށް ބަލައިގެން ކައިވެނިކޮށްގެން މިބުނި އެއްވެސް ކަމެއް ޙާޞިލެއް ނުކުރެވޭނެއެވެ. މީހާއަށްވުރެ ރީތިވާންވީ މިބުނި ސިފަތަކެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ. ވަރަށް އަގުހުރި ފިލާވަޅުތަކެއް ލިބިލައްވާނެއެވެ. އިން ޝާ ﷲ
ފިނިފެންމަލަކީ އެންމެ ގިނަ މީހުންނަށް އެންމެ ރީތި މަލެވެ. ދުނިޔޭގެ އެންމެންހެން ފިނިފެންމަލަށް ތަޢްރީފްކުރެއެވެ. ބޭނުންވެސްވެއެވެ. ފިނިފެންމާ ފެނުމުން ހިތްހަމަޖެހުން ލިބެއެވެ. އުފާވެރިކަންވެސް ލިބެއެވެ. ގޭގައި ހައްދަންވެސް ބޭނުންވެއެވެ.
ސުވާލަކީ ފިނިފެންމަލުގައި ކަށިހުންނަނީ ކީއްވެގެންކަން އެނގޭހެއްޔެވެ؟ އަދި އެކަށިތައް ބުނެދެނީ ކޮންވާހަކައެއްކަން އެނގޭހެއްޔެވެ؟ ރަނގަޅަށް ވިސްނާލައިފި ނަމަ އެއީ އާދައިގެ ވާހަކައެއް ނޫންކަން ވިސްނޭނެއެވެ. އެބުނަނީ އަހުރެމެންގެ ދިރިއުޅުމާއި ގުޅުން ހުރި ވަރަށް މުހިންމު ވާހަކައެކެވެ.
ފިނިފެންމާ އެބުނަނީ ކިތަންމެ ރީތިނަމަވެސް ރީތި ކޮންމެ މީހަކީ ހިތަށް އުފާވެރިކަން ދޭނެ މީހަކަށް ނުވެދާނެކަމެވެ. އެކަމަށް ނުވިސްނައިފިނަމަ ގަޔަށާ ހިތަށް ކަށިހެރޭނެ ކަމެވެ. ދިރިއުޅުން ޒަހަރަށްވުރެ ހިތިވެދާނެ ކަމެވެ.
އެކަމަށް ވިސްނަނީ ވަރަށް މަދު މީހެކެވެ. ގިނަބައަކު ޙަޔާތުގެ ބައިވެރިއަކަށް ބޭނުންވަނީ އެންމެ ރީތި މީހާއެވެ. ރީތި ބައިވެރިއަކު ލިބިފައިވަނިކޮށްވެސް އޭނާއަށް ވުރެ ރީތި މީހަކު ފެނިއްޖެނަމަ އެމީހެއްގެ ފަހަތުން ދުވެވެއެވެ. ބައެއް ފަހަރު އޭނާގެ ޖާދޫގައި ޖެހި ތިމާއަށް ލިބިފައިވާ ބައިވެރިޔާ ނިކަމެތިކޮށް އަދި ދޫކޮށްވެސް ލެވެއެވެ.
މިއީ ވަރަށް ހިތާމަހުރިކަމެކެވެ. އެއިރުން އެވާގޮތަކީ ގަޔަށާ ހިތަށް އަމިއްލައަށް ކަށިތައް ހަރައިލެވެނީއެވެ. ދިރިއުޅުން ބަރުބާދުކޮށްލެވެނީއެވެ. ރީތިވި މީހާ ލިބޭއިރު އޭނާގެ ކިބައިން ދެން ފެންނަ ކަންތައްތަކުގެ ސަބަބުން އަބަދު ހިތްދަތިކަމުގައި އުޅެންވެސް ޖެހެނީއެވެ.
ފިނިފެންމާ އެބުނެދެނީ އެވާހަކަތަކެވެ. ކިތަންމެ ރީތި ނަމަވެސް ބިންނަން އަތްލަން ވާނީ ވަރަށް ބަލައިގެންނެވެ. ހެރިދާނެ ކަށިތަކަށް ރައްކައުތެރިވެ ހުރެގެންނެވެ.
އިތުރު ވާހަކައެއްވެސް އެކަށިތައް ބުނެދެއެވެ. ތިބާގެ ބައިވެރިޔާ ނިކަމެތިކޮށްލުމުގެ ކުރިން ފަރުވާތެރިވާށެވެ. ނޫންނަމަ ދެން އެޅޭ ފިޔަވަޅުގެ ސަބަބުން ކުރަންޖެހޭ ހިތާމަ މާބޮޑުވެދާނެއެވެ.
މިހުންނަނީ އަހުރެމެން ދަސްކުރަންޖެހޭ ފިލާވަޅުތަކެވެ. ދިރިއުޅުން އުފާވެރިކޮށް ބާއްޖަވެރިކުރެވޭނީ މިފިފަދަ ފިލާވަޅުތައް ދަސްކޮށް ޢިބްރަތް ޙާޞިލްކުރިވަރަކުންނެވެ.
- އަލަފް / މިއަދުނޫސް
ސިފަ ކިތަންމެ ރީތި ނަމަވެސް ކައިވެނިކުރުމުން ފައިދާކުރާނީ ހިތުގެ ރީތިކަމަށް ބަލައިގެން ބައިވެރިއަކު ޙޯދިއްޖެނަމަ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ