އީރާނު ފެނަށް ޖެހި، ކްލައުޑް ސީޑިންގެ މަސައްކަތް ފަށައިފި

އީރާނަށް ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވެފައިވާތީ، ވިލާގަނޑަށް ކެމިކަލް ސްޕްރޭކޮށް ވާރާ ވެހޭނެ ގޮތް ހެދުމުގެ މަސައްކަތް އެ ގައުމުން ކުރަން ފަށައިފިއެވެ. ކްލައުޑް ސީޑިންގެ ނަމުން މަޝްހޫރު މި ޕްރޮސެސް ކުރިއަށް ގެންގޮސްފައިވަނީ ހޮނިހިރު ދުވަހު އުރުމިއާ ލޭކް ބެސިންގެ މަތީގައި ކަމަށް އީރާނުގެ ރަސްމީ ނޫސް އެޖެންސީ އައިއާރްއެންއޭ އިން ބުނެއެވެ. އުރްމިޔާ އަކީ އީރާނުގެ އެންމެ ބޮޑު ލޭކް ނަމަވެސް އެތަން ވަނީ އެއްކޮށް ހަނަފަސްވެފައެވެ. އަދި އިތުރު އޮޕަރޭޝަންތައް އަޒަރުބައިޖާންގެ އިރުމައްޗާއި ހުޅަނގުގައި ކުރިއަށް ގެންދާނެ ކަމަށްވެސް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. ރެކޯޑް މިންވަރަކަށް ވާރޭ ވެހުން މަދުވެފައިވާއިރު، އީރާނު ވަނީ ފެނަށް ޖެހިފައެވެ. ގާތްގަނޑަކަށް 10 މިލިއަން މީހުންގެ އާބާދީއެއް އިރާނުގެ ވެރިރަށް ތެހްރާންގައި ދިރިއުޅޭއިރު، އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ވިދާޅުވި ގޮތުގައި، އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި، ވާރޭނުވެހިއްޖެނަމަ، ތެހްރާންގައި ފެން ދޫކުރާ މިންވަރު ސަރުކާރުން ކޮންޓްރޯލްކުރަން މަޖުބޫރުވާނެއެވެ. އަދި މާގިނައިން ފެން ބޭނުންކުރާ ގޭބިސީތަކާއި ވިޔަފާރިތަކަށް އަދަބު ދޭނެ ކަމަށް ވެސް އޮފިޝަލުން ވަނީ އިއުލާންކޮށްފައެވެ. ވާރޭ ވެހުމަށް މެދުވެރިކުރެއްވުމަށް އެދި ނަމާދަށް ފަހު ތެހެރާންގެ އަންހެނުންތަކެއް ދުއާ ކުރަނީ.ފޮޓޯ/އީޕީއޭ އީރާނުގެ މޫސުމާބެހޭ އިދާރާއާ ހަވާލާދީ އައިއާރްއެންއޭ އިން ބުނީ ދިގުމުއްދަތުގެ އެވްރެޖާ އަޅާބަލާއިރު، މިއަހަރު ވާރޭ ވެހުނު މިންވަރު ގާތްގަނޑަކަށް 89 ޕަސަންޓް ދަށްވެފައިވާ ކަމަށެވެ. "މިވަގުތު އަޅުގަނޑުމެންނަށް މި ތަޖުރިބާ ކުރަނީ ވޭތުވެދިޔަ 50 އަހަރު ދުވަހުގެ ތެރޭގައި އީރާނުން ތަޖުރިބާކުރި އެންމެ ހަނަފަސް މޫސުން." އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ. އީރާންގެ ކަމާ ބެހޭ އިދާރާތަކުން ބުނީ، އާދަޔާ ޚިލާފަށް ގިނައިން ފެން ބޭނުން ކުރުމަކީ ފެނުގެ ވަސީލަތްތައް ބެލެހެއްޓުމުގައި އެ ގައުމަށް ކުރިމަތިލާން ޖެހިފައިވާ އެންމެ ބޮޑު ސަބަބުގެ ގޮތުގައި ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ. ދެހާސް އެކާވީސް ވަނަ އަހަރު އީރާންގެ ހުޅަނގުދެކުނު ސަރަހައްދުތަކުން ސާފު ބޯފެން ހުސްވެ، ފެން ލިބުން ދަތިވުމާ ގުޅިގެން ސަރުކާރާ ދެކޮޅަށް މުޒާހަރާތަކެއް ކޮށްފައިވެއެވެ. ތެހެރާންގައި ފެނާއި ނަރުދަމާގެ ޚިދުމަތްތައް ފޯރުކޮށްދޭ މައި ކުންފުނިން ބުނީ، އެ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން 70 ޕަސަންޓް މީހުން ދުވާލެއްގެ މައްޗަށް 130 ލީޓަރުގެ ފެން ބޭނުން ކުރާ ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ