ކައިވެންޏާ ލޯބި ދެމެހެއްޓުމަށް ދެމަފިރިން އެކުގަ ކުރަން އެންމެ ފައިދާހުރި ޢަމަލު-

ދެމަފިރިން އެކުގައި ކުރެވޭނެ އަޅުކަން ވަރަށް ގިނަ އެވެ. އެއިގެ ތެރެއިންވެސް އެންމެ ޚާއްޞަ އެއް އަޅުކަމަކީ ރޭއަޅުކަމެވެ. އެއިގެ އިތުރުވެސް ޛިކުރުކުރުމާއި ޤުރްއާން ކިޔެވުން ފަދަ ކަންކަންވެސް އެކުގައި ތިބެގެން ކުރެވޭނެއެވެ.  
އެއިރުން އެދެވެނީ ދެމަފިރިންގެ ގުޅުމުގެ އެންމެ މަތީ ދަރަޖައަށެވެ. ދެންވެސް ބުނަން އޮތީ ޚާއްޞަކޮށް ރޭއަޅުކަންކޮށް ޛިކުރުކޮށް ދުޢާކުރަން ދެމަފިރިން އެކުގައި ވަޤުތު ހޭދަކުރާށެވެ. އެކަމުގެ ސަބަބުން އެންމެ މަތީ ދަރަޖައަށް ދެވޭސަބަބަކީ އެއިރުން މަސައްކަތް އެކުރެވެނީ ދެމަފިރިން އެކުގައި ސުވަރުގެ ދިއުމަށް ކަމަށްވާތީއެވެ.
އެއިރުން އެދެމަފިރިންގެ ދިރިއުޅުމުގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާނެތެވެ. ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. ރިޒުޤް އިތުރުކޮށް ދެއްވަވާނެތެވެ. އަދި ދެމަފިރިންގެ ދަރިންނަށްވެސް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ.  
ކަމުގެ މާހިރުން ކުރާ ދިރާސާތަކުން އެނގޭ ގޮތުގައި އަލަތު ކައިވެނީގެ ތެރެއިން 50 އިންސައްތަ ނުވަތަ ދެބައިކުޅަ އެއްބައި ކައިވެނި ރޫޅިގެން ދެއެވެ. އަދި ދެވަނައަށް ކުރާ ކައިވެނީގެ ތެރެއިން 08 އިންސައްތަ އާއި ގާތަށް ކައިވެނި ރޫޅެއެވެ. ނަމަވެސް އެކުގައި އަޅުކަންކުރާ ދެމަފިރިންގެ ތެރެއިން ކައިވެނި ރޫޅޭ ނިޞްބަތް 1 އިންސައްތައަށްވުރެވެސް މަދެވެ.  
މިއީ މުސްލިމުން ކޮށްފައިވާ ދިރާސާތަކުން އެނގޭ ކަންކަމެއް ނޫނެވެ. ޣައިރު މުސްލިމުންގެ ދިރާސާތަކުން އެނގޭ ކަންކަމެވެ.  
މިފަދަ ދިރާސާތަކުންވެސް އެނގިގެން މިދަނީ ދެމަފިރިން އެކުގައި އަޅުކަންކުރުމުގެ މުހިންކަން ބޮޑުކަމެވެ. އެކުގައި ރޭއަޅުކަންކުރުމާއި ދުޢާކުރުމާއި އެކުގައި ޛިކުރްކުރުން ފަދަ ކަންކަމަށް ވަޤުތު ހޭދަކުރުމުގެ މުހިންމުކަމެވެ.  
ކަންކަން ވާނެ ގޮތް ނުއެނގެނީ އަހުރެމެންނަށެވެ. އަހުރެމެން އުފެއްދެވި ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. ވީމާ އިސްލާމް ދީނުގައި ބަޔާންވެގެންވާ ކޮންމެ ކަމަކީވެސް އަހުރެމެންނަށް އެންމެ ބޮޑަށް ފައިދާކުރާނެ ކަންކަމެވެ. އެންމެ ބޮޑަށް ފައިދާކުރާނެ ގޮތެވެ.  
ހިތާމައަކީ ދީނުގައި ބަޔާންވެގެންވާ ކަންކަމަށް ޢަމަލުނުކުރެވޭކަމެވެ. ކޮންމެހެން ކައިވެނީގެ ކަންކަމެއް ނޫނެވެ. ދިރިއުޅުމުގެ ހުރިހާ ކަންކަމުގައިވެސް އަހުރެމެންނަށް އެންމެ ބޮޑަށް ފައިދާކުރާނީ ދީނުގައިވާ މަގުން ޢަމަލުކުރުމުންނެވެ.
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ