ކޭން، ބާސެލޯނާ އަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް ކޭން، ބާސެލޯނާ އަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް

ބާސެލޯނާ (ނޮވެމްބަރު 3) - ބަޔާން މިއުނިކަށް ކުޅެމުން އަންނަ އިނގިރޭސި ގައުމީ ޓީމުގެ ފޯވާޑް، ހެރީ ކޭން، ސްޕެއިނުގެ ގަދަބާރު ބާސެލޯނާ އަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޓޮޓެންހަމްގައި 20 އަހަރު ހޭދަކުރި، ކޭން، 31، މީގެ ދެ އަހަރު ކުރިން، 2023 ވަނަ އަހަރު ބަޔާނަށް ސޮއިކުރީ ޖުމްލަ އެކު، 110 މިލިއަން ޑޮލަރަށް އަރާ ޑީލެއްގަ އެވެ. ބަޔާނާ އެކު، ކޭން ސޮއިކުރި ކޮންޓްރެކްޓް އޮތީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
ކޭން އާއި ބަޔާނުން ސޮއިކޮށްފައިވާ އެ ކޮންޓްރެކްޓްގައިވާ ގޮތުން، އެއްބަސްވުން ހަމަވުމުގެ އެއް އަހަރު ކުރިން ކޭން އަށް 70 މިލިއަން ޑޮލަރުގެ ޑީލެއްގައި، ބަޔާން ދޫކޮށްލެވިދާނެ އެވެ.
ބާސެލޯނާ އިން އަންނަނީ މި ސީޒަނަށް ފަހު، ކޮންޓްރެކްޓް ހަމަވެގެން އެ ކްލަބް ދޫކޮށްލަން ނިންމާފައިވާ ފޯވާޑް، ރޮބަޓް ލެވަންޑޯސްކީގެ ބަދަލުގައި ގޯލާ ރަށްޓެހި ރަނގަޅު ފޯވާޑެއް ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ. ކޭން އަންނަނީ ބަޔާނުގައި ލެވަންޑޯސްކީ ކުޅުނު ރޯލު ފުރިހަމަ އަށް އަދާކުރަމުންނެވެ. އަދި، ލަނޑު ޖެހުމުގެ ގިނަ ރެކޯޑްތަކެއް ހަދަމުންނެވެ.
ބަޔާނަށް 111 މެެޗުން 107 ލަނޑު ޖަހައިދީ 29 ލަނޑު ޖަހަން ފުރުސަތު ހޯދައިިދިން ކޭން އަށް އާ އެއްބަސްވުމެއް ދިނުމުގެ މަސައްކަތް އެ ކްލަބުން ވެސް ފަށާފައިވާއިރު، ބާސެލޯނާ އިން އަންނަނީ އޭނާގެ ސޮއި ހޯދުމުގެ ކަންކަން ވަރުގަދަކުރަމުންނެވެ.
ދާދި ފަހުން، ބަޔާންގެ ޗީފް، ކްރިސްޓޮފް ފްރެއުންޑް ވަނީ އެ ކްލަބުން ކޭން އަށް އާ ޑީލެއް ދޭން މަޝްވަރާ ކުރަން ފަށާފައިވާ ކަމަށްް ވިދާޅުވެފަ އެވެ. އެކަމާ ބެހޭގޮތުން، ސުވާލުކުރުމުން ކޭން ވަނީ ބަޔާންގައި މަޑުކުރުމުގެ ވިސްނުމަށް މަރުހަބާ ކިޔާނެ ކަމަށް ބުނެފަ އެވެ. އެކަމަކު، ބާސެލޯނާގެ ހުށަހެޅުން ރަނގަޅުނަމަ، އެ ކްލަބާ ގުޅުމުގެ ވިސްނުން ވެސް ކޭން ގެންގުޅެމުން އަންނަ ކަމަށް ސްޕެއިނުގެ ނޫސްތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ