ކޮޅުވެއްޓި ބަންޑުން ޖަހާލުން: އެމްޕީއެލްއިން އެތެރޭގެ ތަހުގީގެއް ފަށައިފި

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން އެތެރޭގެ ތަހުގީގެއް ފަށައިފި އެވެ.އެމްޕީއެލްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން، ކަމާގުޅޭ ޑިޕާޓްމަންޓުތަކުން ތަހުގީގެއް ފަށާފައިވާ ކަމަށެވެ. އަދި ތަހުގީގުން ހާމަވާ މައުލޫމާތުތަކަށް ރިއާޔަތްކޮށް، އިތުރު މައުލޫމާތު އާއްމު ކުރާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.އިއްޔެގެ ހަވީރު ހިނގި ހާދިސާގައި އެންމެ ފުރަތަމަ ނިޔާވީ އެމްޕީއެލްގެ މުވައްޒަފެއްގެ ގޮތުގައި މަސަައްކަތްކުރާ ބަންގްލަދޭޝްގެ މަސޫދު ހޮސެއިނެވެ. އެ ކުންފުންޏާ އޭނާ ގުޅުނީ މީގެ ތިން އަހަރު ކުރިންނެވެ.އެ ހާދިސާގައި އަނިޔާވި ދެވަނަ މީހާ ކަމަށްވާ ގއ. ގެމަނަފުށީ ދިލްބަހާރުގޭ، އަލީ އަފްލާހު އަބްދުﷲ ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ރޭ ދަންވަރު އެވެ.ދެން ތިބި މީހުން މިހާރު ވަނީ ފަރުވާއަށްފަހު ދޫކޮށްލާފަ އެވެ.ފާހަގަކުރެވޭ ގޮތުގައި، މިދިޔަ މަހު މެދުތެރޭގައި މޫސުން ގޯސްވެ، ކޮޅުވެއްޓިއެއް ބަންޑުންޖަހާލުމުގެ ސަބަބުން ދިވެއްސަކާއި ދެ ބިދޭސީން މަރުވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ