މޯލްޑިވިއަނުން އިސްވެ، ލަންކާއަށް އެހީގެ ގޮތުގައި 3.8 ޓަނުގެ އަސާސީ ތަކެތި ފޮނުވައިދެނީ

މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު އަވައްޓެރި ސްރީލަންކާއަށް އެރި ތޫފާން 'ދީތުވާ'ގައި ހާލުގައި ޖެހުނު އެ ގައުމުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ގާތްގަނޑަކަށް 3.8 ޓަނުގެ ޒަރޫރީ ތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ގައުމީ އެއާލައިން މޯލްޑިވިއަނުން ނިންމައިފިއެވެ. 'ފޭސްބުކް'ގައި މިއަދު ކުރި ޕޯސްޓެއްގައި މޯލްޑިވިއަނުން ބުނީ، ސްރީލަންކާއަށް އެހީތެރިކަން ފޯރުކޮށްދެނީ އެ އެއާލައިނާއި އެންޖީއޯއެއް ކަމަށްވާ މަހަލްދީބު ފައުންޑޭޝަނާއި މީޤާތު ޙައްޖު އެންޑް ޢުމްރާ ގުރޫޕު ގުޅިގެން ކަމަށެވެ. އެގޮތުން ސްރީލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގައި ޒަރޫރީ ބޭނުންތަކަށް 3.8 ޓަނުގެ ތަކެތި އެ ގައުމަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް، މޯލްޑިވިއަނުން ބުންޏެވެ. https://x.com/MaldivianAero/status/1997659182967701532 ތޫފާން 'ދީތުވާ'ގެ ސަބަބުން ލިބުނު ގެއްލުމުން އަރައިގަތުމަށް ސްރީލަންކާއަށް އެންމެ ބޮޑު އެހީއެއް ދީފައި ވަނީ ރާއްޖެއިންނެވެ. އެގޮތުން އެކިއެކި ގައުމުތަކުން ލަންކާއަށް އެހީގެ ގޮތުގައި ލިބުނު 6.5 މިލިއަން ޑޮލަރުގެ ތެރެއިން 2.4 މިލިއަން ޑޮލަރު ރާއްޖޭން ވަނީ ހަދިޔާކޮށްފައެވެ. ސްރީލަންކާގެ ނޫސްތަކުން އިއްޔެ އެކަން ރިޕޯޓުކޮށްފައި ވަނިކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގައި އިސްކޮށް ހަރަކާތްތެރިވާ އެއް ކުންފުނި ކަމަށްވާ ޔުނިވާސަލް އެންޓަޕްރައިސަސް އިން ވަނީ މިއަދު އެއްލައްކަ އެމެރިކާ ޑޮލަރު ހަދިޔާކޮށްފައެވެ. ސްރީލަންކާއަށް ކުރިމަތިވެފައިވާ ދަތި ހާލަތުން އަރައިގަތުމަށް އެހީތެރިވެދިނުމުގެ ގޮތުން، ސަން ސިޔާމް ގްރޫޕްގެ ފަރާތުން ދެ ލައްކަ ޑޮލަރު އެ ގައުމަށް ހަދިޔާކުރަން ނިންމައި، ފުރަތަމަ 75،000 ޑޮލަރު މިދިޔަ އާދިއްތަ ދުވަހު ވަނީ ހަވާލުކުރައްވައިފައެވެ. އެ ގައުމުގެ ސަފީރު މުޙައްމަދު ރިޒްވީ ޙަސަނާ ބައްދަލުކުރައްވައި އެހީގެ ރަމްޒީ ޗެކު ސަފީރަށް ހަވާލުކޮށްދެއްވީ ސަން ސިޔާމް ގްރޫޕުގެ ބާނީ އަޙްމަދު ސިޔާމް މުޙައްމަދެވެ. ސަން ސިޔާމް ގްރޫޕުގެ ބާނީ އަޙްމަދު ސިޔާމް މުޙައްމަދާއި ސްރީލަންކާ ސަފީރު މުޙައްމަދު ރިޒްވީ ހަސަން -- ސަން ފޮޓޯ: މުޙައްމަދު އަފްވާން ސިޔާމް ވަނީ، ސަން ސިޔާމް ގްރޫޕުގެ ހުރިހާ ކުންފުންޏަކުން ވެސް ލަންކާއަށް އެހީވުމަށް ފަންޑު ހޯދުމުގެ ހަރަކާތްތައް ކުރިއަށް ގެންދަން ޚާއްސަ އިރުޝާދުފުޅެއް ދެއްވައިފައެވެ. އެ ހަރަކާތްތަކުގެ ދަށުން ސަން ސިޔާމް ހެޑް އޮފީހުގައާއި، ރާއްޖޭގައި ހިންގަމުން އަންނަ ސަން ސިޔާމްގެ ފަސް ރިސޯޓު ކަމަށްވާ ސިޔާމް ވޯލްޑާއި, އިރުފުއްޓާއި، ވިލުރީފުގެ އިތުރުން އިރުވެއްޔާއި އޮޅުވެލީގައި ވެސް ވަނީ ފަންޑު ފޮށިތައް ބަހައްޓައިފައެވެ. އަދި ސަން ސިޔާމް މީޑިއާގެ އޮފީހުގައި ވެސް ފަންޑު ފޮށި ބަހައްޓައިފައިވެއެވެ. އެ ހަރަކާތް ހޯމަ ދުވަހު ފަށައިފައިވާއިރު، މިހާރު ވެސް ފައިސާ ހަދިޔާކުރުމުގެ ފުރުސަތު އޮތީ ހުޅުވާލައިފައެވެ. ދިވެހި ސަރުކާރުން ލަންކާއަށް ބައިލައްކަ ޑޮލަރު ހަދިޔާކުރިއިރު، ގައުމީ ފެންވަރުގައި ދައުލަތުގެ މީޑިއާ ޕީއެސްއެމުން އިސްނަގައިގެން ގިނަ މީޑިއާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ 'ސިލޯނާއެކު ދިވެހީން' ޓެލެތޯނުން އެކަނި ވެސް ވަނީ އަށްލައްކަ ޑޮލަރު އެހީގެ ގޮތުގައި ހޯދައިފައެވެ. https://sun.mv/214928 ފާހަގަކުރެވޭ ގޮތުގައި ތޫފާން ދީތުވާގެ ސަބަބުން އަވައްޓެރި ސްރީލަންކާއަށް ދިމާވި ބޮޑު ގެއްލުމުން އަރައިގަތުމަށް ރާއްޖޭން ލިބުނު އެހީތެރިކަމަށް ޝުކުރު އަދާކުރުމުގެ ގޮތުން ރާއްޖޭގައި ދިރިއުޅޭ ސްރީލަންކާގެ ރައްޔިތުން ވަނީ ހުކުރު ދުވަހުގެ ހަވީރު ބޮޑު އެއްވުމެއް ވެސް ބާއްވައިފައެވެ. އެ ހަރަކާތުގައި ސްރީލަންކާގެ ސަފީރު ރިޒްވީވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ރާއްޖެއާއި ސްރީލަންކާގެ ދިދަތަކާއި ޝުކުރުގެ އެކި ބެނާތަކާއެކު އެތައް ބަޔަކު ވަނީ ދިވެހީންނަށް ޝުކުރުވެރިވުމުގެ ޝުއޫރުތައް ފާޅުކޮށްފައެވެ. ރާއްޖެއަކީ އެ މީހުންނަށް ވަރަށް ގާތް ގައުމެއް ކަމަށް ވެސް ސްރީލަންކާ ރައްޔިތުން އައީ ބުނަމުންނެވެ. ފައިސާގެ އެހީގެ އިތުރުން ރާއްޖެއިން ވަނީ 25،000 މަސްދަޅު ކޭސް ސްރީލަންކާ އަށް އެހީގެ ގޮތުގައި ހަވާލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ