ގޯތި ލިބޭ މާލޭ މީހުންގެ 5 އަހަރުގެ ރަށްވެހިކަމުގެ މުއްދަތު ކުރު ކުރެވޭތޯ ބަލަނީ

މި ސަރުކާރުން މިހާރު އިއުލާންކޮށްފައިވާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭ ރަށްވެހިންނަށް ގޯތި ލިބޭ ޝަރުތުތަކުގައި ހިމެނޭ، މާލޭގެ ރަށްވެއްސަކަށްވީތާ ފަސް އަހަރު ވާން ޖެހޭނެ ކަމަށް އޮތް ޝަރުތު މުރާޖައާ ކުރުމާ މެދު ވިސްނަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މުއިއްޒު މިގޮތަށް ވިދާޅުވީ، މާލޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެ މަނިކުފާނު ބާއްވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ހެންވޭރު ރައްޔިތުންނާ އެކު ކަލާފާނު ސްކޫލުގައި ރޭ ބޭއްވި ބައްދަލުވުމުގައި އާންމުންގެ މީހަކު އެ ޝަރުތާ ގުޅޭ ގޮތުން ފާޅު ކުރި ކަންބޮޑުވުމަކާ ގުޅިގެންނެވެ.
ތަފްސީލު - އެ ޝަރުތު ލުއިކުރުމަށް އެދިވަޑައިގެން ދެއްކި ވާހަކައަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، އެ މައްސަލަ ހައްލުކުރުމަށް "އީޖާބީ ގޮތެއްގައި، ޕޮޒިޓިވް ނޯޓެއްގައި" ސަރުކާރުން ވިސްނާނެ ކަމަށެވެ.
"ވިސްނާފައި އެއަށް ގެނެވޭނެ އެންމެ ބޮޑު ލުޔެއް ގެނެސްދީ، އެ މުއްދަތު ކުރުކޮށްދެވޭނެ އެންމެ ބޮޑަކަށް [ކުރުކޮށްދެވިދާނެ ނުވަތަ] އެ ހަމަ އެއްކޮށް އުވާ ވެސް ލެވިދާނެ. އެހެންވީމަ، އަޅުގަނޑުމެން ބަލާނަން އެއަށް ގެނެވޭނެ ބަދަލަކީ ކޮބައިތޯ. ބަލާފައި އަޅުގަނޑުމެން ބޭނުންވަނީ އެންމެ ގިނަ ރައްޔިތުންނަށް ފުރުސަތު ދޭން ގޯތިތަކާއި ފްލެޓްތަކަށް ކުރިމަތިލާ ފަރާތްތަކަށް،" ރައީސް ވިދާޅުވި އެވެ.
މިދިޔަ މަހު 16ގައި ސަރުކާރުން އިފްތިތާހު ކުރި 'ބޯހިޔާވަހިކަން އެންމެންނަށް' ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން އަންނަ މަހު ހުޅުވާލާ ގޯއްޗާއި ފްލެޓް ދިނުމުގެ އުސޫލު ވަނީ އާންމުކޮށްފަ އެވެ. 
ރޭގެ ބައްދަލުވުމުގައި އެ އުސޫލުގައިވާ ފަސް އަހަރު މާލޭ ރަށްވެހިކަން އޮތުން ލާޒިމްކޮށްފައިވާ ޝަރުތާ ގުޅޭ ގޮތުން ހުސައިން އަސްވާން ނަމަކަށް ކިޔާ މީހަކު ބުނި ގޮތުގައި:
އޭނާގެ އެއްބަޑުއެއްބަފާ ހަ ބެއިން އެބަތިބި އަދި ފެށުނީއްސުރެ މާލޭގައި ދިރިއުޅެމުން އައީ މަންމަގެ އާއިލީ ގޯތީގައި
ނަމަވެސް އެ ގެ ބަހައިގެން އެއްވެސް ތަންކޮޅެއް މަންމައަށް ނުލިބޭތީ، ހުރިހާ ކުދިން ވެސް ރަށްވެހިކަން އައްޑުއަށް ބަދަލު ކުރި
އައްޑޫގައި ރަށްވެހިކަން އޮތުމުން ކުރީގެ ސަރުކާރުގެ 'ގެދޮރުވެރިޔާ' ސްކީމަށް އެއްވެސް ދަރިއަކަށް ކުރިމަތިނުލެވެމުން 2022ގައި އަލުން ރަށްވެހިކަން މާލެއަށް ބަދަލު ކުރި؛ އެހެންވެ، ރަށްވެހިކަން ބަދަލު ކުރިތާ އަދި މިވީ ތިން އަހަރު
މި ސަރުކަރުން އިއުލާން ކުރި އުސޫލުގައިވާ ގޮތުން ގޯތި ދެނީ ދެ ގެޓަގަރީއަކަށެވެ. އެއީ މާލެ ރަށްވެހިންގެ ކެޓަރީ އާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށެވެ. އަސްވާނަށް ކުރިމަތިލުމަށް ހުރަސް އެޅެނީ ކެޓަގަރީ އެކެއްގައި މާލޭގެ ރަށްވެއްސަކަށްވީތާ މަދުވެގެން ފަސް އަހަރު ނުވަތަ އުފަންވީއްސުރެ މާލޭގެ ރަށްވެއްސަކަށް ވާން ޖެހޭތީ އެވެ.
"ދެ ވަނަ ކެޓަގަރީ ހާއްސަކޮށްފައި މިވަނީ މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވެފައިވާ މާލެ ނޫން ރަށްވެހިންނަށް. އެކަމަކު އަޅުގަނޑުމެންނަކީ މިހާރު މާލޭގެ ރަށްވެހިން. އެހެންވެ މި އުސޫލުގެ ސަބަބުން ބޯހިޔާވަހިކަމަށް ޝަރުތު ހަމަ ނުވާ ވަރަށް ބޮޑު ގެޕެއް ކްރިއޭޓްވޭ. އެ ގެޕަކީ މާލެ ރަށްވެހިންނަށް ބަދަލުކުރިތާ ފަސް އަހަރު ނުވާ، ނަމަވެސް މާލޭގައި މުޅި އުމުރު ދުވަހު ދިރިއުޅެމުންދާ މީހުން ލެފްޓްއައުޓް އެބަވޭ،" އަސްވާން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ