ޔާމީންގެ ރައްދު ޝުޖާއުއަށް: 'ބްރިޖުން އެ ފެންނަނީ 5 މިނެޓު ތާސްކުޅެން އިނދެގެން ގެނެސްފައި ހުރި ތަރައްގީ'

ވާނުވާ ބަންދުގެ މައްސަލަ ހައްލުނުކޮށް ވެރިކަމުގައި ހުންނެވިއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން "އިންނެވީ ތާސްކުޅެން" ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވުމުން ޔާމީން އެކަމަށް ރޭ ރައްދު ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - ވާނުވާގެ ބަހުސްގައި ޝުޖާއު ޔާމީނަށް ބަހުގެ ހަމަލާތަކެއް ރައްދުކުރެއްވީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައީސް މުހައްމަދު މުއިއްޒު މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ވާނުވާ ބަންދުޖަހާތީ ފާޑުކިޔައި އާންމުންގެ މީހަކު ދެއްކި ވާހަކައަކާ ގުޅުވަ އެވެ.
އެ ބައްދަލުވުމުގައި ވާހަކަދެއްކި މީހާ ބުނީ:
ވާނުވާ މައްސަލައަށް ހައްލު ހޯދައިދޭން ހަގީގަތުގައި ވެސް ބޭނުންވާ ނަމަ "ކުރީގެ ރައީސް ޔާމީން ބުނިހެން، ވާނުވާ ބަންދު އުވާލަން ނަގާނީ ފަސް މިނެޓު" 
ވާނުވާ ބަންދު ނުޖަހަން ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އައްބާސް ޝަރީފަށް، ރައީސް އަންގަވާއިރަށް އެކަން ވާނެ 
އެއަށް ރައްދުދީ، ޝުޖާއު ވިދާޅުވެފައިވަނީ ފަސް މިނެޓުން ވާނުވާ ބަންދު މައްސަލަ ހައްލުކޮށްދޭން ވިދާޅުވާ ޔާމީންގެ ވެރިކަމުގައި ފަސް މިނެޓު ވަންދެން އިންނެވީ ތާސްކުޅެން ކަމަށެވެ. 
"ފަސް މިނެޓުން މިކަން ހައްލު ކޮށްދެއްވަން ވިދާޅުވި ރައީސް [ޔާމީން]ގެ ވެރިކަމުގައި ކްރިމިނަލް ކޯޓްގެ ސީލިން ވެއްޓުނީ ފަނޑިޔާރުންގެ ބޮލަށް. ފަސް މިނެޓް އިންނެވީ ތާސް ކުޅުމުގައި. ކޯޓްތަކުގެ ފަނޑިޔާރުން ވިދާޅުުވަމުން ގެންދެވީ މަސައްކަތް ކުރާނެ ފަހި މާހައުލެއް ނެތި މިއީ ހައްލު ހޯއްދަވަން ދަތިފުޅު މައްސަލައެއް ކަމުގައި،" ޝުޖާއު ވިދާޅުވި އެވެ.
ބުނީ ކީކޭ؟ - ރޭ ބޭއްވި ޕީއެންއެފް ޖަލްސާގައި މިވާހަކަތަކުގެ ރައްދުގައި ޔާމީން ވިދާޅުވީ، އެ މަނިކުފާނުގެ ވެރިކަމުގައި ވާނުވާ މައްސަލަތައް މިހާރު މިއޮތް މިންވަރަށް ނޫޅޭ ކަމަށެވެ. ވާނުވާ މައްސަލަ މިފަހަކުން ބަހުސަކަށް ވެގެން އުޅޭތީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީއަކު ވެސް ގުޅުއްވައި އެ މަނިކުފާނުގެ ވެރިކަމުގައި ވާނުވާ ބަންދު ނުޖަހާ ކަމަށް ވިދާޅުވި ކަމަށް ޔާމީން ވިދާޅުވި އެވެ.
ޔާމީން ދެން ވެސް ވިދާޅުވީ އެއީ "ފަސް މިނެޓުން ކުރެވޭނެ ކަމެއް" ކަމަށެވެ.
"ޝުޖާއަށް އެނގެންވާނެ ތެއްދޯ، ފަސް މިނެޓު ތާސްކުޅެން އިނދެގެން ނޫންތޯ ބްރިޖު ވެސް އަޅައި ނިންމާލީ. ފަސް މިނެޓު ތާސްކުޅެން އިނދެގެން ކޮށްފައި ހުރި ކަންކަން ތިހުރީ ޝުޖާމެންނަށް ފެންނަން،" ޔާމީން ވިދާޅުވި އެވެ.
"އެހެންވީމާ ތާސް ވެސް ކުޅޭނެ އިނގޭތޯ. ފަސް މިނެޓު ތާސްކުޅެން ނީދެ ގައުމުގެ ތަރައްގީއަށް ހުރިހާ ވަގުތު ދިން ނަމަ ޝުޖާމެން ހޯދާ ނުފެންނާނެ ތެއްދޯ. އޭރު ޝުޖާމެން ކުރަން އުޅުނީ ކީއްތޯ؟ އޭރު ޝުޖާމެން އުޅުނީ ބަޔަކާ ގުޅިގެން ރައީސް ޔާމީން މަގާމުން ދުރުކުރެވޭތޯ."
ޔާމީން ވިދާޅުވީ:
އެ މަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގައި ވާނުވާ ބަންދު މިހާރު މި ޖަހާ ގޮތަކަށް ނުޖަހާ
އޭރު ތިބީ މާ މޮޅެތި ތަޖުރިބާކާރު ޕީޖީން؛ އޭރު ޕީޖީން ނުދާނެ ވާނުވާ ބަންދު ޖަހަމަކުން
އޭރު ތިިބި ޕީޖީންނަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނޯންނާނެ
ހައްގު ނޫން މައްސަަލައެއްގައި ވާނުވާ ބަންދުގައި ބައިންދަން ފުލުހުންގެ ގާތުގައި ބުނަންދާކަށް އޭރު ތިބި ޕީޖީންނަކަށް ނުކެރޭނެ
ވާނުވާ ޖަހަން ޖެހެނީ މީހަކު ބަންދުކުރާއިރު މައްސަލައިގެ އެކަށީގެންވާ ހެކި ފުލުހުންގެ އަތުގައި ނެތުމުން
ފުލުުހުން އެކަށީގެންވާ ހެކި ހޯދާފައި ހުންނަ ނަމަ ބަންދަށް ވަކި މުއްދަތެއް ޖަހާކަަށް ކޯޓަށް ދައްޗެއް ނުވާނެ
"ޕީޖީ އޮފީހުން ފުލުހުންނަށް އަންގަންވީ ހަތް ދުވަސް ތެރޭ ނުވަތަ 14 ދުވަސް ތެރޭ ތި މައްސަލަ ތަހުގީގުކޮށްފައި ކޯޓަށް ހުށަހެޅޭ ވަރަށް ތިމަންނަ ކައިރިއަށް ނުފޮނުވައިފިއްޔާ ވާނުވާ ޖަހާފައި ހުރި މީހާ [ޖަލުން] ނެރޭނަމޭ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން އިތުރަށް ވިދާޅުވީ، ޝުޖާއު ވާހަކަތައް ދައްކަވަނީ "ތަނެއްދޮރެއް" އެނގިގެނެއް ނޫން ކަމަށާއި ފައިސާ ގަނޑެއް ލިބިވަޑައިގަންނަވާތީ ރައީސް މުހައްމަދު މުއިއްޒުއާ ދިމާލަށް އަންނަ ކޮންމެ ކަމަކަށް ރައްދު ދޭން އޭނާ ޖެހޭތީ އެކަން ކުރައްވަނީ ކަމަށް ޔާމީން ވިދާޅުވި އެވެ.
"ކޮންމެ ވެސް ދިމާލަކުން ކޮރަޕްޝަންގެ ފައިސާގަނޑެއް ލިބެނިކޮށް އޭނާއަށް ފުދޭނެ،" ޔާމީން ވިދާޅުވި އެވެ.
"ޝުޖާމެން ރަނގަޅުވާނީ ވާހަކަ ނުދެއްކިއްޔާ. އަނެއްކާވެސް ބަލައިލާންވާނެ ތެއްދޯ. ހަމަ ފަހަތަށް އެނބުރިލާފައި މެހިބުރާތޯ ބަލާލަންވާނެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ