މާރާމާރީ ހިންގި ފުލުހަކު ކޯޓުގައި ބުނީ އެ ދުވަހު ހުރީ ހަމައިގައި ނޫން ކަމަށް މާރާމާރީ ހިންގި ފުލުހަކު ކޯޓުގައި ބުނީ އެ ދުވަހު ހުރީ ހަމައިގައި ނޫން ކަމަށް

މިދިޔަ ހުކުރު ދުވަހު ސެލޫނަކަށް ވަދެ އެތަނުގައި ހަމަނުޖެހުން ހިންގައި ތަކެއްޗަށް ގެއްލުންދީ މާރާމާރީ ހިންގި ފުލުހަކު ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހަށް ހާޒިރު ކުރުމުން އޭނާ އެކަން ކުރި ދުވަހު ހުރީ ހަމައިގައި ނޫން ކަމަށް ބުނެފި އެވެ.
ފުލުހުންގެ ވަޒީފާގައި އުޅޭ ސ. ހިތަދޫ، އަސަރީވިލާ، އަލީ މަނިކު، 43 ކޯޓުގައި ބުނީ ގިނަ ދުވަސްތަކެއް ނުނިދާ ހުރުމުން މާރާމާރީ ހިންގި ދުވަހު ހުރީ ހަމައިގައި ނޫން ކަމަށެވެ.
"މީނާއަކީ ކުރިން ވެސް އެތަނަށް ދާ މީހެއް ކަމަށާއި، ގިނަ ދުވަސްތަކެއް ނުނިދާ ހުރުމުން އެދުވަހު ހުރީ ހަމައިގައި ނޫން ކަމަށް ބުނި،" ފުލުހުން އޭނާއާ ހަވާލާދީ ކޯޓުގައި ބުންޏެވެ.
ފުލުހުން ބުނީ އަލީ މަނިކު ވަނީ ސެލޫނުގެ މުވައްޒަފަކާއި މަރާމާރީ ހިންގައި ތަކެއްޗަށް ގެއްލުން ދިނުމުގެ އިތުރުން އޭނާ ހުއްޓުވަން ފުލުހުން މަސައްކަތް ކުރުމުން ގަދަ ދައްކައި އަމުރަށް ނުކިޔަމަންތެރިވި ކަމަށެވެ. އެގޮތުން އަލީ މަނިކުގެ އަމަލުތަކުގެ ސަބަބުން ފުލުހަކަށް އަނިޔާވި ކަމަށް ވެސް ފުލުހުން ބުންޏެވެ.
މީގެ ކުރިން ކުށުގެ ރެކޯޑެއް ނެތް އަލީ މަނިކު ވަނީ ވަކީލެއްގެ ފުރުސަތު ބޭނުންވާ ކަމަށް ކޯޓުގައި ބުނެފަ އެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ޖެހީ ފަސް ދުވަހެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހޮނިހިރު ދުވަހު އަޑުއެހުމެއް ބޭއްވި އެވެ. އެ އަޑުއެހުމަށް އޭނާ ހާޒިރު ނުކުރެވުނީ ފުލުހުންގެ ބަންދުގައި ހުއްޓާ ގޮޅި ތެރެއަށް ހަރަކާތް ހުއްޓިގެން ވެއްޓިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާތީ ކަމަށް ފުލުހުން ބުންޏެވެ.
ހޮނިހިރު ދުވަހު މުއްދަތު މަޖިލީހުގައި ގާޒީ ވަނީ އޭނާ 24 ގަޑިއިރު ތެރޭގައި ކޯޓަށް ހާޒިރު ކުރުމަށް އަމުރުކޮށްފަ އެވެ. އޭނާގެ ބަންދަށް ފަސް ދުވަސް ޖެހީ އާދީއްތަ ދުވަހު ބޭއްވި މުއްދަތު މަޖިލީހުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ