ފައިސަލް މި ކިޔައިދެނީ މަސް ކައްކައިގެން މަހަކު ލައްކައެއް ހޯދޭނެ ގޮތެއް
ދިވެހީންގެ ތަނބު، މަސްވެރިކަމުގައި އެތައް ބަޔަކު އުޅެއެވެ. އެ މީހުން ބާނާ މަސް ހިއްކައިގެން ކައްކާ މީހުން ވެސް އެބަ އުޅެއެވެ. އެކަމަކު، މަސައްކަތުގެ ބުރަ ކަމުން، އެކަށީގެންވާ އުޖޫރައެއް އެބަ ލިބެން ޖެހެއެވެ. އެ މަސައްކަތުގައި އެތައް އަހަރެއްގެ ތަޖުރިބާ ހުރި އަބްދުﷲ ފައިސަލް މި ކިޔައިދެނީ މަހަކަށް މަދުވެގެން އެއް ލައްކަ ރުފިޔާ ހޯދާނެ ގޮތެވެ. މިކަން ކުރާނެ ގޮތް ފައިސަލް މި ކިޔައިދެނީ، އަމިއްލަ ދިރާސާތަކާއި ތަޖުރިބާތަކުގެ އަލީގައެވެ. މަސް ކައްކާ، ހިއްކައިގެން މަހަކު އެއް ލައްކަ ރުފިޔާ ހޯދަނީ ކިހިނެއް؟ މ. ވޭވަށުގައި މިހާރު ވެސް ރިހާކުރު އުފައްދާ ފައިސަލް ބުނީ، އެއްޓަނު މަހުން މަދުވެގެން 50 ފުޅި ރިހާކުރު އުފައްދާ ކަމަށެވެ. އެ ފުޅިތައް ވިއްކައިގެން 12،000 ރުފިޔާގެ އާމްދަނީއެއް ފައިސަލަށް ލިބެއެވެ. ދުވާލަކަށް 500 ކިލޯއާއި 1،500 ކިލޯއާ ދެމެދުގެ މަސް ހިއްކައިގެން އެ އާމްދަނީ ދެ ގުނަ އެބަކުރެވެއެވެ. އެކަމަށް 10 ދުވަސް ހޭދަކޮށްލައިގެން 125،000 ރުފިޔާ ލިބޭ ކަމަށް ފައިސަލް ބުންޏެވެ. ބާކީ 20 ދުވަސް ހޭދަކުރަނީ ދަރު ހޮވުމާއި އެހެނިހެން ކަންކަމުގައެވެ. "އެހެނަސް މިކަން މިގޮތަށް ކުރެވޭނީ ކަމުގެ އިލްމާއި ހުނަރު އަދި އިޚުލާސްތެރިކަމުގެ ސިފަހުރި ރަނގަޅު ލީޑަޝިޕެއްގެ ޒިންމާދާރު ވެރިއެއް ހުރެފައި ޒަމާނުގެ ފެންވަރުގެ ބަދިގެ އެއް ހުރެގެން،" ފައިސަލް ބުންޏެވެ. މަސް ކައްކަން ބޭނުންވާ މަސް ގަތުމަށް ފައިސަލް ބަނދަރު މަތީގައި: އޭނާ ވަނީ މަސްކައްކާ ހިއްކުމުގައި އާމްދަނީ އިތުރުކުރެވޭނެ ގޮތް ކިޔައިދީފައި --- ސަން ފޮޓޯ މަސް ކަންކަން ބޭނުންކުރާ ދަރުގެ މައްސަލަ ހައްލުކުރާނެ ގޮތަކީ ކޮބާ؟ މަސް ކައްކައިގެން ހިއްކުމަކީ ގިނަ އަދަދަކަށް ދަރު ބޭނުންވާ ކަމެކެވެ. އެކަމަށް ބޭނުންވާ ދަރު ރަށްރަށުގައި މީހުން ހޯދަނީ، ވަލުތެރެއިން ހޮވައިގެންނެވެ. ނަމަވެސް، ބައެއް ރަށްރަށުގެ މީހުންނަށް އެކަށީގެންވާ ވަރަށް ދަރު ހޯދުމަށް ދަތިވެއެވެ. ފައިސަލް ބުނީ، އެ މައްސަލަ ހައްލުކުރުމަށް ކަޅު ތެޔޮ ބޭނުންކުރެވޭނެ ކަމަށެވެ. މި ކަމުގައި ފައިސަލްގެ ތަޖުރިބާއަށް ބަލާއިރު، ހާހެއްހާ ފީފާގެ ކަޅުތެޔޮ މިހާތަނަށް އޭނާ އަންދާފައިވެއެވެ. އެއީ، އެ މީހުންގެ ފެކްޓްރީގައި އަމިއްލައަށް އުފެއްދި، "ވޭސްޓް އޮއިލް ބޫސްޓިން ސިސްޓަމް" އަކުންނެވެ. ފައިސަލް ކިޔައިދިން ގޮތުގައި، އެ ސިސްޓަމުން ކަޅުތެޔޮ ގޭހަށް ބަދަލުކުރެއެވެ. "ރާއްޖޭގެ އެންމެ ދެކުނުން އައްޑު އަތޮޅުން މ. ވޭވަށަށް ތެޔޮފީފާއެއް ގެނައުމަށް އަޅުގަނޑު އަތުން ޚަރަދު ވެފައިވަނީ 637 ރުފިޔާ. މިއިން ފީފާއަކުން 70 ވަރަކަށް ފުޅި ރިހާކުރު ކެކެއެވެ. ބޭނުންވަނީ މި ތެޔޮތައް ހެޔޮ ގޮތުގައި ނައްތާލުމަށް މަސް ކައްކާ މީހުންނާ ހަމައަށް ފޯރުކޮށްދޭނެ ނިޒާމެއް ރޭވުމެވެ،" މަސްވެރިންތަކެއް ދޯންޏެއްގައި: ރާއްޖޭގައި ބީއެސްއެފް ލާވާ ނުވަތަ ފުޅަ އެމެއްގެ ގޮތުގައި ބޭނުން ކުރަން ޖެހޭ ކަމަށް ފައިސަލް ގަބޫލުކުރޭ ----- ފޮޓޯ/ މަސްވެރި އިހަވަންދޫ މަސްވެރިކަމުގައި އިތުރު ބަދަލުތައް ގެންނަން ފައިސަލް ޚިޔާލު! ޒަމާނަށް އަންނަ ބަދަލުތަކާ އެކު، މަސައްކަތްތަކަށް އާ ހޯދުންތައް ބޭނުންވެއެވެ. އެ ހޯދުންތައް ގިނަ ފަހަރަށް ހޯދެނީ އަމިއްލައަށް ކުރާ ތަޖުރިބާއިންނެވެ. ފައިސަލް ވަނީ އެގޮތަށް ކުރަން ރަނގަޅު ކަމެއް ކިޔައިދީފައެވެ. ރާއްޖޭގައި ބީއެސްއެފް ލާވާ ނުވަތަ ފުޅަ އެމެއްގެ ގޮތުގައި ބޭނުންކުރަން ޖެހެއެވެ. ބީއެސްއެފް ލާވާއަކީ، ބްލެކް ސޯލްޖާ ފްލައި، ނަމަކަށް ކިޔާ މެއްސެއްގެ ދަރިފަންޏެކެވެ. އެ ފަނި ގާތްގަނޑަކަށް އެއް އިންޗިއަށް ބޮޑުވުމަށް ފަހު ޕިއުޕާއަކަށް ބަދަލުވެއެވެ. އެ ދަރިފަނި ރާއްޖޭގައި ބޭނުންކުރަން ޖެހޭ ކަމަށް ފައިސަލް ބުނަނީ ތަޖުރިބާކޮށް، ނަތީޖާ ރަނގަޅުވީމައެވެ. އެ ދަރިފަނި އާލާ ވެސް ކުރި ފައިސަލް ބުނީ، މަސްވެރިން އެ ދުވަހަކަށް ބޭނުންވާ ވަރަށް ބާލިދީ ތަކުގައި އެ ދުވަހަކަށް ބޭނުންވާ ވަރަށް ބީއެސްއެފް ލާވާ ގެންދިޔަ ކަމަށެވެ. އަދި، ބާކީވާ ލާވާކޮޅު އަނބުރައި އެ މަސްވެރިން ފައިސަލާ ހަވާލުކުރެއެވެ. ފައިސަލް ބީއެސްއެފް ލާވާ އުފައްދައި، އާލާކުރީ ކިހިނެއް؟ އޭނާ ވަނީ ރާއްޖެއިން މި މެހި ހޯދައި އޭގެ ބިސް އިންކިއުބޭޓްކޮށް، ފަނި ފަޅުވާފައެވެ. އެ ފަންޏަށް ކާންދީގެން އެ ފަނިން މެހި ވެސް އޭނާ އުފަންކުރިއެވެ. ފައިސަލް ބުނީ، އެއީ ވަރަށް ކާމިޔާބު ތަޖުރިބާ އެއް ކަމަށެވެ. އެގޮތުން، މި ލާވާއަކީ ކޮންމެ އެއްޗެއް ވެސް ކާ އެއްޗަކަށްވާތީ ފައިސަލް ކާންދިނީ ބާކީވާ ކާނާއެވެ. ފައިސަލް ބުނީ، ރާއްޖޭގައި 1،000 މީހުންގެ އާބާދީއަކުން 15 ޓަނުގެ ކާނާ ބާކީ ކުރާ ކަމަށް އޭނާގެ ހޯދުންތަކުން އެނގޭ ކަމަށެވެ. އެ ކާނާއިން އެކަނި 4500 ކިލޯ ލާވާއާއި 3000ކިލޯ އޯގަނިކު ގަސްކާނާ އުފެއްދޭނެ ކަމަށް ފައިސަލް ބުނެއެވެ. "4500 ކިލޯ ލާވާއަކީ ދޯންޏެއް 90 ދުވަހު މަހައްދާހާ އެމެވެ. އަޅުގަނޑު މަޝްވަރާކުރަން ބޭނުންވަނީ ރާއްޖޭގައި ބީ އެސް އެފް ކޮލޮނީ ތަކެއް އުފައްދައި މި ފުޅަ ރާއްޖޭގައި ބޭނުން ކުރުމާއި ބެހޭ ގޮތުންނެވެ،" އޭނާ ލިޔެފައިވެއެވެ. ދިހަ ވަރަކަށް ދުވަހު ދިރިއުޅޭ މި މެއްސަކީ އެއްވެސް އެއްޗެއް ކާ އެއްޗެއް ނޫން ކަމަށް ފައިސަލް ބުންޏެވެ. "އެދާ ދުވަސް ތަކުގެ ތެރޭ ބައިވެރިއެއް ހޯދައި، ބިސް އެޅުމަށް ފަހު މަރުވެދާންދެން ފެން ބޮއިގެން ދިރިއުޅޭ އެއްޗެއް ކަމުން އެއްވެސް ނުރައްކަލެއް ހުރި އެއްޗެއް ނޫނެވެ،" އޭނާ ލިޔެފައިވެއެވެ. މި ފަހުން ފިޝަރީސް މިނިސްޓްރީއަށް ލަފާދިނުމަށް އެކުލަވާލާ ކޮމިޓީއަށް ކަނޑުމަހުގެ އުފެއްދުންތައް އުފައްދާ މީހުން ތަމުސީލުކުރާ މަންދޫބެއްގެ ގޮތުގައި އައްޔަނުކުރި ފައިސަލަށް ބޭނުންވަނީ ދާއިރާއާ ގުޅޭ އެހެން މީހުންގެ ޚިޔާލާ މަޝްވަރާއެވެ. އޭނާގެ ތަޖުރިބާގެ އިތުރަށް މި ދާއިރާގައި އެހެން މީހުންގެ ޚިޔާލު ދިނުމަށް އޭނާ އެދިފައިވެއެވެ. ފައިސަލް ބުނަނީ މަސް ކައްކާ ހިއްކައިގެން، މަހަކު ލައްކައެއް ހޯދިދާނެ ކަމަށެވެ. އެއީ، އޭނާގެ ތަޖުރިބާއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ