ފައިސާ ޗާޕު ނުކުރާނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭނުން ފެށިގެން ރައީސް މުހައްމަދު މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވިޔަސް، އެންމެ ފަހުން ފައިސާ ޗާޕްކޮށްގެން، ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރަށް އެ ފައިސާ ދޭން މަސައްކަތް ފަށައިފި އެވެ.
އިތުބާރު ހުރި މަސްދަރުތަކުން އަދަދު ނޫހަށް ބުނީ މި މުއާމަލާތް ކުރިއަށް ގެންދަނީ އެމްއެމްއޭއިން 2.5 ބިލިއަން ރުފިޔާ، ޕެންޝަން ފަންޑަށް އިންވެސްޓުކުރުމުން، ޕެންޝަން ފަންޑުން އެ ފައިސާ ފިނޭންސް މިނިސްޓްރީގެ ބޮންޑަކަށް އިންވެސްޓުކުރާ ގޮތަށެވެ.
"މިއީ ފައިސާ ޗާޕްކުރުން،" މި މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.
އަދަދު ނޫހަށް މައުލޫމާތު ދިން މަސްދަރުތަކުން ބުނީ މި މުއާމަލާތްތައް ކުރިއަށް ގެންދަން ފެންނަ ކަމަށް ޕެންޝަން އޮފީހުގެ ބޯޑުން މި ހަފުތާގައި ނިންމާފައިވާ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ޕެންޝަން އޮފީސް، އެމްއެމްއޭ އަދި ސަރުކާރުން ވެސް އަދި އެއްވެސް ވާހަކައެއް ނުބުނެ އެވެ.
ފައިސާ ޗާޕްކުރުމަކީ، މަރުކަޒީ ބޭންކު، އެމްއެމްއޭ މެދުވެރިކޮށް ދިވެހި އިގުތިސޯދަށް ފައިސާ ނެރުމެވެ. އެހެންވެ، އެމްއެމްއޭ އިން ޕެންޝަން ފަންޑަށް އިންވެސްޓުކޮށް، ޕެންޝަން ފަންޑުން ސަރުކާރަށް ފައިސާ ދިނުން، ފައިސާ ޗާޕްކުރުމަށް ވާނެ އެވެ.
"މިގޮތަށް ޗާޕް ކުރިޔަސް ދިވެހި ރުފިޔާގެ އަގު ދަަށްވެ، ޑޮލަރު ފަހާ ދުވާ ރުފިޔާގެ އަދަދު ގިނަވާނެ. އިންފްލޭޝަންގެ މަތިވެ، ޕެރަރަލް މާކެޓު އިތުރަށް ގޯސްވެގެން ދާނެ،" އިގުތިސާދީ ދާއިރާގެ މާހިރަކު ބުންޏެވެ.
"އެހެންވެ ވިޔަފާރިތަކަށް [ޑޮލަރު ލިބުން ދަތިވެ] އުނދަގޫތަކެއް އަތުވެދާނެ ހާލަތަކަށް ވާނެ."
މި އަހަރު ކުރީކޮޅު 14 ބިލިއަން ރުފިޔާ ޗާޕްކުރަން އުޅުނީ، ހުޅުމާލޭން ބޮޑު ބިމެއް އެމްއެމްއޭއަށް ގަނެ، އެ ބިމުގެ އަގުގެ ގޮތުގައި އެ ފައިސާ ދޭ ގޮތަށެވެ. އެކަން މަޑުޖެހުނީ އިންތިހާއަށް ފާޑުކިޔުން އަމާޒުވުމާ ގުޅިގެންނެވެ.
އެ ފަހަރު ފައިސާ ޗާޕްކުރަން އެމްއެމްއޭއިން ނިންމުމުން އެ އިދާރާގެ ބޯޑުގެ ދެ މެންބަރަކު އިސްތިއުފާ ދިނެވެ.
ފައިސާ ޗާޕްކޮށްފި ނަމަ ޑޮލަރުގެ އަގު 24ރ. އަށް އަރާނެ ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝިދު އޭރު ވިދާޅުވި އެވެ.
މުއިއްޒު ތަންފީޒުކުރައްވަން ފެއްޓެވި ޑޮލަރު މާރުކުރަން މަޖުބޫރުކުރާ ސިޔާސަތާ ގުޅިގެން މިހާރު ޑޮލަރުގެ އަގު 20ރ. އިން މަތީގައި ހުންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. ނަތީޖާއެއްގެ ގޮތުން މުދަލުގެ އަގު ދަނީ އުފުލެމުންނެވެ. އަދި ވިޔަފާރިތަކަށް ގެއްލުންތައް ކުރިމަތިމަތިވާ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.
ފައިސާ ޗާޕްކޮށް، ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރަށް ދެނީ ފައިސާ ޗާޕްކޮށް، ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރަށް ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ