ސިނގިރޭޓު ވަގަށް ނެގުން: އިދާރާތައް ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރަނީ
ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ކަމާބެހޭ އެންމެހާ އިދާރާތައް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް އަންނަ އާދީއްތަ ދުވަހު ހޯމްލޭންޑް މިނިސްޓްރީ ހާޒިރުކުރަން ވަނީ ނިންމައިފައެވެ. އެއަށްފަހު ފުލުހުންނާއި ކަސްޓަމްސްގެ އިތުރުން އެމްޕީއެލްގެ އިސް ބޭފުޅުންވެސް ހާޒިރުކޮށް ސުވާލުކުރަން ނިންމާފައިވާކަން ވަނީ އެނގިފައެވެ. އެ ނިންމުން ކޮމިޓީން ނިންމީ ހޯކްސްގެ އުޅަނދެއްގައި ސިނގިރޭޓު ވަގަށް އެތެރެކުރި މައްސަލައިގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ސިއްރު ބައްދަލުވުމުގައެވެ. މިދިޔަ އޭޕްރިލް މަހުގެ 26ވަނަ ދުވަހު ކަސްޓަމްސްއިން ހިފަހައްޓައި ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ 13.6 މިލިއަނަށް ވުރެ ސިނގިރޭޓު ވަގަށް ނެގި މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. މި މައްސަލައިގައި ފުލުހުން ހަތަރު މީހަކު ހައްޔަރުކުރިއެވެ. އެއީ މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ އަހްމަދު އާރިފް (އާއްޓޭ)އާއި އެޕޯލޯ ހޯލްޑިންގްސްގެ ސީއީއޯ މުހައްމަދު ވަހީދު (ދިގަލި)ގެ އިތުރުން މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީއާއި ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓް ޒިވާރު އިސްމާއީލެވެ. މި މައްސަލައިގައި މުއާޒް ފަސް ދުވަހަށް، ވަހީދު 10 ދުވަހަށް، އަދި އާރިފާއި ޒިވާރު 15 ދުވަހަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލައިގައި މިފްކޯއިން މުއާޒު 30 ދުވަހަށް، އަދި ކަސްޓަމުން ޒިވާރު 30 ދުވަހަށް މުސާރަ ނުލިބޭގޮތަށް ވަނީ ސަސްޕެންޑުކޮށްފައެވެ. ހަމަ މި މައްސަލައިގައި އެމްޕީއެލްގެ ހަ މުވައްޒަފަކުވެސް ސަސްޕެންޑުކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ