ފެނަކަ ގޮވައިގެން އައްޑޫ ކައުންސިލުން ކޯޓަށް

އައްޑޫ ސިޓީ ހިތަދޫގެ ނަރުދަމާގެ ހިދުމަތް ދިނުމުގައި ފެނަކަ ކޯޕަރޭޝަނުން ގާނޫނާއި ގަވާއިދާ އަދި އުސޫލުތަކާ ހިލާފަށް އަމަލުކުރަމުންދާތީ އެ ކުންފުނި ގޮވައިގެން ކޯޓަށް ދިޔުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
އައްޑޫ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމީ ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ ހިތަދޫ ރަސްގެދަރަ ދާއިރާގެ ކައުންސިލަރު ހުސައިން ޒަރީރު އެވެ. މި ހުށަހެޅުން ފާސްވީ 9 ކައުންސިލަރުންގެ ވޯޓާއެކު އެވެ.
ޒަރީރު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ހިތަދޫގެ ނަރުދަމާ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ނުލިބި ގިނަ ދުވަސްވުމުގެ ސަބަބުން ހިތަދޫގެ މަގުތަކާއި އާންމު ތަންތަނަށް ނަޖިސް ބޭރުވެ ފެތުރެމުންދާ ކަމަށެވެ. އަދި ނަޖިހާއި ނަޖިސްފެން ސާފުކުރާ ނިޒާމެއް މެދުވެރި ނުކޮށް މޫދާއި ފަޅަށް ނަރުދަމާގެ ނަޖިހާއި ނަޖިސްފެން އަދި ކެމިކަލްގެ ބާވަތްތައް ހިތަދޫގެ ބިމަށް ހިންދުމާއި އަދި މޫދާއި ފަރަށް ބޭރުކުރަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.
ނަރުދަމާގެ ހިދުމަތަށް ދިމާވާ މި މައްސަލަތަކަށް ހައްލެއް ނުލިބި ގިނަ ދުވަސްވަމުންދާތީ ފެނަކައަށް އެކި ފަހަރު މަތިން ސިޓީ އާއި ރަސްމީ ބައްދަލުވުންތައް މެދުވެރިކޮށް ކައުންސިލްގެ ކަންބޮޑުވުންތަކާއި އަދި ރައްޔިތުންގެ ޝަކުވާތައް ހިއްސާކުރުމުން ވެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައި ނުވާ ކަމަށް ބުނެފައިވެ އެވެ.
މީގެއިތުރުން ދައުލަތުގެ ކަމާބެހޭ އިދާރާތަކާއި ރައްޔިތުންގެ މަޖިލީހާއި އަދި ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް މި މައްސަލަ ތަކުރާރުކޮށް ހުށަހެޅުމުން ވެސް ހަރުދަނާ ފިޔަވަޅެއް އަޅާފައި ނުވާ ކަމަށާއި މި ހާލަތު މިިގޮތަށް އޮންނަތާ އަހަރުތަކެއް ފާއިތުވެއިރު ވެސް އެއްވެސް ހައްލެއް ނުލިބި ގޯސްވަމުންދާކަން ވެސް ފާހަގަކޮށްފައިވެ އެވެ.
ޒަރީރުގެ ހުށަހެޅުމުގައިވާ ގޮތަށް އައްޑޫ ކައުންސިލުން ވަނީ ނަރުދަމާގެ ނަޖިހާއި ނަޖިސްފެން އަދި ކެމިކަލް އައްޑޫގެ އާންމު ތަންތަނާއި މަގުތަކަށް ބޭރުވުމާއި ބިމަށް ހިންދުމުގެ މައްސަލަ ހައްލުކޮށް، ހިތަދޫގައި ގާއިމުކުރަންޖެހޭ ސީވޭޖް ޓްރީޓްމެންޓް ޕްލާންޓް ގާއިމުކޮށް، އައްޑޫގެ މަގު ކޮނުމާއި މަގުގައި އެއްޗެތި ވަޅުލުމާއި ބެހޭ ގަވާއިދާ އެއްގޮތަށް އައްޑޫގެ މަގުތައް ކޮނުމާއި އެއްޗެތި ވަޅުލުމުގައި އަމަލުކޮށް، ތިން މަސް ދުވަހުގެ ތެރޭގައި މި މައްސަލަތައް ހައްލުކޮށް ގާނޫނާއި ގަވާއިދާ އުސޫލުތަކުގައިވާ މިންގަނޑުތަކާއި އެއްގޮތަށް ހިދުމަތްދޭ ފަރާތުގެ އަމަލުތައް އިސްލާހުކުރުމަށް ފެނަކައިގެ މައްޗަށް އަންގައި އަމުރުކޮށް ދިނުމަށް އެދި ޝަރީއަތަށް މައްސަލަ ހުށަހަޅައި ފެނަކައިގެ މައްޗަށް ދައުވާކުރުމަށް ފާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ