އަމިއްލަ ދިރިއުޅުމުގެ ކަންކަން ނަމަވެސް ޤުރްޢާނާއި ޚިލާފަށް ނިންމުމަކީ ވަރަށް ބިރުހުރި ކަމެއް!

ޢުމަރުގެފާނުގެ އެންމެ ޚާއްޞަ އެއް ސިފަފުޅަކީ ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ ގޮތަކާއި ކިތަންމެ ކުދަކުޑަ މިންވަރަކަށް ނަމަވެސް ޚިލާފްވާ ގޮތަށް ބަސްފުޅެއް ވިދާޅުވެވޭހިނދު، ޞަހާބީން ޤުރްޢާނުގައި އޮތް ބަޔާންކޮށްދެއްވެވުމުން ޤުރްއާނުގައި އޮތް ގޮތަށް ޢަމަލުފުޅު ކުރެއްވެވުމަށް އަވަސްވެވަޑައިގަންނަވާ ކަމެވެ. 
މިދައްކަނީ މުސްލިމުންގެ ދެވަނަ ޚަލީފާ އެކަމުގައި ޢަމަލުފުޅު ކުރެއްވެވި ގޮތުގެ ވާހަކައެވެ. މިއީ މިކަމުގައި ކޮންމެ މުސްލިމަކުވެސް ޢަމަލުކުރަން އޮތްގޮތެވެ. ހިތާމައަކީ އެކަން ޤަބޫލުކޮށް ޢަމަލުކުރަން އުނދަގޫވާ ބައަކު އުޅެމުން އަންނަ ކަމެވެ. 
ބައެއް މީހުން އެމީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން އެމީހަކު އެފަހަރަކު ބޭނުންވި ގޮތަކަށް އެބަ ނިންމައިލައެވެ. އެއީ އެމީހަކަށް ލިބިގެންވާ އަމިއްލަ އިޚްތިޔާރެއް ކަމަށް ބަލައިގެންނެވެ. ނަމަވެސް ކީރިތި ޤްރުއާނުގައި ބަޔާންވެގެންވާ އެއްވެސް ކަމެއް ކީރިތި ޤްރުއާނާއި ޚިލާފަށް ނިންމުމުގެ އެއްވެސް ބާރެއް އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. އަމިއްލަ ދިރިއުޅުމުގެ ކަމެއްގައި ނަމަވެސް މެއެވެ. އެހެން މީހަކާއިއެކު ކުރާ މުޢާމަލާތެއްގައި ނަމަވެސް މެއެވެ. 
ވީމާ އަމިއްލަ ހަޔާތާއި ދިރިއުޅުމުގެ ކަންކަން ނިންމާއިރުވެސް މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެއެވެ. އެއްވެސް ކަމަކާއިމެދު ތިމާއަށް އެއްވެސް މިންވަރަކަށް އޮޅުން އަރާނަމަ، ޝައްކުވާނަމަ ދީނިގެ ޢިލްމުވެރިންގެ އަރިހުން އޮޅުންފިލުވައި ކީރިތި ޤްރުއާނުގައި އޮންނަ ގޮތަށް ޢަމަލުކުރާށެވެ! އަނބިދަރިންނާއި ޢާއިލާގެ މައްސަލަތަކުގައިވެސްމެއެވެ. 
ކަން އޮތީ މިފަދައިން ނަމަވެސް މިއަދު ގިނަ ބައަކަށް ޤުރްއާނާއިމެދު ވިސްނިފައި އޮންނަނީ އެއީ ކަމެއް ދިމާވުމުން ބަލައިލަން ބޭނުންކުރަން އޮންނަ "ރިފަރަންސް" ފޮތެއް ކަމަށެވެ. މިއީ ވަރަށް ބޮޑު ގޯހެކެވެ. ޤުރްއާނަކީ އެއަށް އެއްވެސް ބަދަލެއް ނުގެނެވޭނެ "ޕީނަލްކޯޑެވެ" އޮތީ ޢަމަލުކުރުމެވެ. އެންމެ އަކުރަކަށް އަދި ފިއްޔަކަށްވެސް ބަދަލެއް ނުގެނެވޭނެއެވެ. 
ޤުރްއާން ބާވައިލެއްވެވުނީ ވަކި ޒަމާނަކަށް ނޫނެވެ. ކޮންމެ އާޔަތެއްވެސް ބާވައިލެއްވެވުނީ ބާވައިލެއްވެވުނު ހިނދުން ފެށިގެން ދުނިޔެ ިމެންދެން ޢަމަލުކުރުމަށެވެ. ވީމާ 2020، 2021 ވުމަކުން ޤުރްއާނުގައިވާ އެއްވެސް ކަމަކަށް ކިތަންމެ ކުޑަނަމަވެސް ބަދަލެއް ނުގެނެވޭނެއެވެ. 
"ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތް ދެއްވި މީހުން އެފޮތް ކިޔަވަންވީ ޙައްޤު ގޮތުގައި އެފޮތް ކިޔަވައި އުޅެތެވެ. އެއުރެން އެ ފޮތަށް އީމާންވެތެވެ. އަދި އެފޮތަށް ކާފިރުވާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ ގެއްލެނިވެގެންވާ މީހުންނެވެ". (ބަޤަރާ ސޫރަތުގެ 121) 
މިއީ ބަޤަރާ ސޫރަތުގެ 121 ވަނަ އާޔަތެވެ. މިއާޔަތުގައި "އެފޮތަށް ކާފިރުވާ މީހުން" ކަމުގައި ބަޔާން ކުރައްވަވާފައި އެވަނީ ކީރިތި ޤްރރުއާނަށް އަމަލު ނުކުރާ މީހުންނަށެވެ. "ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތް ދެއްވި މީހުން އެފޮތް ކިޔަވަންވީ ޙައްޤު ގޮތުގައި އެފޮތް ކިޔަވައި އުޅެތެވެ. އެއުރެން އެ ފޮތަށް އީމާންވެތެވެ." އޮތް ބަސްފުޅުގެ މާނައަކީ ޙައްޤު ގޮތުގައި އެފޮތް ކިޔެވުމަކީ އެފޮތަށް އީމާންވުން ކަމުގައި ބަޔާން ކުރެއްވެވުމެވެ. އެފޮތަށް (ޤްރުއާނަށް) އީމާން ވުމަކީ އެފޮތަށް ޢަމަލުކުރުން ކަމުގައި މެނުވީ ނުވެއެވެ. 
ވީމާ ކީރިތި ޤްރުއާނުގައި ބާވައިލައްވަވާފައިވާ އެއްވެސް ޙުކުމްފުޅަކަށް އަމަލު ނުކުރުމަށްފަހު ޤައުމުތަކުގެ ވެރިންނަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނުއޮންނާނެއެވެ. އަދި ކިއެއްތަ! އެއްވެސް މީހަކަށްވެސް ދެއްކޭނެ އެއްވެސް ބަހަނާއެއް ނުއޮންނާނެއެވެ.  
ކީރިތި ޤްރުއާނުގައި ބަޔާންވެގެންވާ ގޮތް ހާމަކުރުމުން އިތުރަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނުއޮންނާނެއެވެ! އޮންނާނީ ޢަމަލުކުރުމެވެ.
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ