ޑިވެލޮޕްމަންޓް ބޭންކަކީ ސަރުކާރު ފެއިލްވެފައިވާކަމުގެ ރަމްޒެއް: މަލީހް
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)އަކީ ސަރުކާރުގެ އިގުތިސާދީ ސިޔާސަތު ފެއިލްވެފައިވާކަމުގެ ރަމްޒެއް އަދި ބިނާއެއް ކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ރޭ ވިދާޅުވެއްޖެއެވެ. އެތައް މިލިއަނެއް ޚަރަދުކޮށްގެން ޑީބީއެމް ރަސްމީކޮށް އިފުތިތާހުކުރިތާ އަހަރެއްވާއިރު ވެސް މަސައްކަތް ފެށިފައެއް ނުވެއެވެ. އެ ކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެސްއެސްޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަލީހް ވިދާޅުވީ، ޑީބީއެމުން ދައްކުވައިދެނީ ސަރުކާރުގެ ޒިންމާދާރުކަން ކުޑަކަމާއި ވިސްނުމެއް ނެތްކަން ކަމަށެވެ. ކަންކަން ކުރުމުގެ ފަންނިއްޔާތާއި ގާބިލުކަން ވެސް ނެތް މަންޒަރު އެ ކަމުން ފެންނަ ކަމަށް ވިދާޅުވެ، އޭނާ ނުރުހުން ފާޅުކުރެއްވިއެވެ. "ޑީބީއެމަކީ ސަރުކާރުގެ ސިޔާސަތުތައް ފެއިލްވެފައިވާކަން ދައްކުވައިދޭ ވަރަށް ހަގީގީ ބޮޑު ރަމްޒެއް. ބިނާއެއްގެ ގޮތުގައި. އަޅުގަނޑަށް ފެންނަނީ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ހަމަ އެއިން ގޮތަށް އެއްވެސް ކަމެއް ނުކޮށް، ފަތުރުވެރިންނަށް ވެސް މިހެން ގޮސް ކިޔައިދޭ ހަނދާނީ ބިނާއެއް ގޮތަށް، ސުނާމީ ބިނާގޮތަށް ބަހައްޓަން،" އޭނާ ވިދާޅުވިއެވެ. "އެއީ ސަރުކާރުގެ އިގުތިސާދީ ސިޔާސަތު ފެއިލްވުމުގެ ރަމްޒުގެ ގޮތުގައި،" މީގެ ކުރިން ޔޫތު މިނިސްޓަރުކަން ވެސް ކުރައްވާފައިވާ މަލީހް ވިދާޅުވީ، ޑިވެލޮޕްމަންޓް ބޭންކެއް ހުޅުވާ ވާހަކަދައްކާއިރު އެ ބޭންކަށް ކެޕިޓަލް ގެންނާނީ ކިހިނެއްތޯ ވެސް ވިސްނަންޖެހޭ ކަމަށެވެ. އެކަން ކުރާނެ ހަކަތައާއި އިތުބާރު ވެސް ދިވެހި އިގުތިސާދުގައި ނެތްކަމަށް އޭނާ ގަބޫލުކުރައްވައެވެ. އޭނާ ވަނީ ޑީބީއެމަށް ފައިސާ ހޯދަނީ ކިހިނެއްތޯ އަދި އެ ބޭންކަށް ފައިސާ ލާނީ ކޮން ބައެއްތޯ ސުވާލު އުފައްދަވާފައެވެ. މަލީހް ވިދާޅުވީ، ދިވެހި ދައުލަތުގެ މާލިއްޔާގައި އެހާ ބޮޑު ކެޕިޓަލްއެއް ޑީބީއެމަށް އިންޖެކްޓްކުރާނެ ހަކަތަ ނެތް ކަމަށެވެ. ރާއްޖެއިން ދަރަންޏަށް ދައްކަންޖެހޭ ފައިސާ ވެސް ފަސްކުރަމުން އަންނަނީ އެ ވަރު ކުރެވޭނެ ގޮތް ވެސް ނެތިގެން ކަމަށް އޭނާ ގަބޫލުކުރައްވައެވެ. އޭނާ ވިދާޅުވީ، 50 މިލިއަން ޑޮލަރު ދަރަންޏަށް ދެއްކޭނެ ކެޕޭސިޓީ ވެސް މި ސަރުކާރުގައި ނެތް ކަމަށެވެ. "އެފަދަ ބަޔަކަށް ކޮން ބޭންކެއްތޯ؟ އަމުދުން ޑިވެލޮޕްމަންޓް ބޭންކް. މި ކިޔަނީ ބޮޑެތި އެތައް މިލިއަން ޑޮލަރެއްގެ ލޯނުތައް ދޫކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި [އުފައްދާ ބޭންކެއްގެ ވާހަކަ]،" މަލީހް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. https://sun.mv/212632 މީގެ ކުރިން މި ސަރުކާރުގެ އިސްވެރިންނާ އެކު ޕީޕީއެމްގައި މަސައްކަތްކުރެއްވި މަލީހް ވިދާޅުވީ، މި ކަމުން ދޭވަނަކީ އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު މަގާމަށް ކުފޫހަމަނުވާކަން ކަމަށެވެ. ރާއްޖޭގައި ޑިވެލޮޕްމަންޓު ބޭންކެއް ގާއިމުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ޑިވެލޮޕްމަންޓު ބޭންކު އިފުތިތާހުކުރީ ނޮވެންބަރު 16، 2024 ގައެވެ. އެކަމަކު، ޚިދުމަތް ނުފެށި އެ ބޭންކަށް ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުވެފައެވެ. މިދިޔަ ހަފުތާގައި މަޖިލީހުގައި އެ ކަމާ ގުޅިގެން ސުވާލުކުރުމުން ވެސް ޑީބީއެމްފެ މަސައްކަތް ފެށޭނެ ސީދާ ތާރީޚެއް ސައީދު ވިދާޅެއް ނުވެއެވެ. ބަދަލުގައި ވިދާޅުވީ، ބޭންކްގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އެސްޓީއޯގެ އެލައިޑް ބިލްޑިންގައި ޑީބީއެމް ހިންގާ ގޮތަށް އިފުތިތާހުކުރީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 16 ގައެވެ. އެހެންކަމުން، އެ ތަން ހިންގާތާ މިހާރު ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ޑީބީއެމުން މަހު ކުލީގެ ގޮތުގައި އެސްޓީއޯއަށް 75،892 ރުފިޔާ ދައްކަންޖެހެއެވެ. އެ ބޭންކަށް އައްޔަންކުރި ބޭރުގެ ސީއީއޯ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް ވެސް ވަނީ ބޭންކުން އިސްތިއުފާ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ