ގެސްޓު ހައުސްގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ގޮހޮރުން 78 ޑުރަގް ބުލެޓް ފެނުނު: ފުލުހުން
މި ނިމުނު ނޮވެމްބަރު މަހުގެ 30ވަނަ ދުވަހު ހުޅުމާލޭގެ ގެސްޓް ހައުސެއްގެ ކޮޓަރިން މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑުން 78 ޑުރަގް ބުލެޓް ފެނިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ. ހުޅުމާލެ ފޭސް އެކެއްގައި ހުރި ގެސްޓު ހައުސެއްގެ ކޮޓަރިއެއް ތެރޭ މަރުވެފައި އޮތް މީހަކު ފެނިގެން ރިޕޯޓުކުރީ އެ ދުވަހުގެ މެންދުރުފަހު 12:14 ހާއިރެވެ. އިތުރު ތަފްސީލް ހާމަކުރަމުން ފުލުހުން ބުނީ އެއީ 40 އަހަރުގެ ނޭޕާލް ފިރިހެނެއް ކަމަށެވެ. މިހާތަނަށް އެނގުނު ގޮތުގައި އެ މީހާ ރާއްޖެ އައިސްފައިވަނީ އިތުރު ދެ މީހަކާއެކު ނޮވެމްބަރު 26ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ. އެ މީހުން މާފުށީގައި އުޅުމަށްފަހު ހުޅުމާލޭގައި ހުންނަ ގެސްޓްހައުސްއަށް ޗެކިން ވެފައިވަނީ ނޮވެމްބަރު 28 ވަނަ ދުވަހުގެ ހެނދުނު ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާއާއެކު ރާއްޖެ އައި ދެ މީހުން ހަމަ އެ ދުވަހު ރާއްޖެ ދޫކޮށް ފިލައިގެން ދިޔަކަން އެނގިފައިވާކަމަށް ފުލުހުން ބުންޏެވެ. އެއާއެކު ފުލުހުން ބުނީ، މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑުގައި އަނިޔާގެ ނިޝާނެއް ފެނިފައިނުވާ ކަމަށެވެ. އަދި މީހާގެ ހަށިގަނޑުގެ ސީޓީ ސްކޭނެއް ހަދާފައިވާއިރު، މި ސްކޭނުން އޭނާގެ ގޮހޮރުގައި މަސްތުވާތަކެތި ހުރިކަމަށް ފާހަގަކުރެވުނުކަމަށް ފުލުހުން ބުންޏެވެ. އެހެންވެ ގާނޫނީ ގޮތުން އަމަލުކުރަންވީ ގޮތުގެ ލަފާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހޯދައި، މިދިޔަ އަންގާރަ ދުވަހުގެރޭ އެ މީހާގެ ހަށިގަނޑުގައި ހުރި މަސްތުވާތަކެތި ޑޮކްޓަރެއްގެ އެހީތެރިކަމާއެކު ނަގާފައިވާކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ އޮޕަރޭޝަން ކުރީ ސިއްހީ ޚިދުމަތް ދޭ ތަނެއްގައި ނޫންކަމަށާއި އެހެން އެކަން ކުރީ، ސިއްހީ ހިދުމަތްދޭ ތަނެއްގައި އެފަދަ އޮޕަރޭޝަނެއް ކުރެވޭ ވަރަށްވުރެ ބޮޑަށް ހަށިގަނޑި ޑީކޮމްޕޯސްވެފައިވާތީ ކަމަށެވެ. އެގޮތުން އޭނާގެ ހަށިގަނޑުން ޖުމްލަ 78 ޑުރަގް ބްލެޓް ނަގާފައިވާއިރު، މިތަކެތީގެ ބަރުދަނަކީ 818 ގްރާމްކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މި މައްސަލައިގެ މައުލޫމާތު ހާމަކޮށްފައިނުވަނީ މި މައްސަލައަކީ ތަހުގީގު ކުރަމުންދާ މައްސަލައަކަށްވެފައި، މި މައްސަލާގައި ވަށައިގެންވާ ކަންކަމަށް ބަލައި، ލިބިފައިވާ މައުލޫމާތުތައް ކަށަވަރުކޮށް، ހިމެނޭ މީހުން ދެނެގަތުމަށާއި މިކަމާ ގުޅުންހުރި އިތުރު މީހުން ހޯދުމުގެ މަސައްކަތްކުރަމުން ދާތީކަމަށެވެ. މަސްތުވާތަކެތި ހަށިގަނޑަށް އެތެރެކޮށްގެން ރާއްޖެ އެތެރެކުރުމުގެ މައްސަލަތައް ދޭތެރެއަކުން ފުލުހުން ތަހުގީގުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ