މިދިޔަ އާދީއްތަ ދުވަހު ހުޅުމާލޭ ގެސްޓްހައުސްއެއްގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ގޮހޮރުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ނަގައިފި އެވެ.
ވީ ކިހިނެއް؟ - މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ހުޅުމާލޭ ސަހަރާގައި ފަޅާލައި، ގިނަ އަދަދެއްގެ "ބުލެޓްތަކެއް" ނެގި ކަމަށް އަޑުއެރުމާ އެކު، ފުލުހުން މިރޭ ވަނީ އެ ވާހަކައާ ގުޅޭގޮތުން މީޑިއާތަކަށް މެސެޖެއް ފޮނުވާފަ އެވެ.
ފުލުހުން ބުނިގޮތުގައި:
މަރުވެފައި އޮއްވާ ފެނުނީ 26 ނޮވެމްބަރުގައި އެކުގައި ރާއްޖެ އައި ބިދޭސީ ތިން މީހެއްގެ ތެރެއިން 40 އަހަރުގެ ނޭޕާލް ފިރިހެނެއް
އެ މީހުން މާފުށީގައި އުޅުމަށް ފަހު ހުޅުމާލޭ ގެސްޓްހައުސްއަށް ޗެކިންވީ 28 ވަނަ ދުވަހުގެ ހެނދުނު
މަރުވި މީހާއާ އެކު ދެން އައި ދެ މީހުން ހަމަ އެ ދުވަހު ވަނީ ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައި
ފުލުހުން ބުނިގޮތުގައި މަރުވި މީހާގެ ހަށިގަނޑުގައި އަނިޔާގެ އެއްވެސް ނިޝާނެއް ނެތެވެ. ނަމަވެސް، އޭނާގެ ހަށިގަނޑުގެ ސީޓީ ސްކޭނެއް ހެދިއިރު އޭނާގެ ގޮހޮރުގައި މަސްތުވާތަކެތި ހުރި ކަމަށް އެ ސްކޭނުން ދެއްކި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި:
ދެން އަމަލު ކުރަންވީ ގޮތުގެ ގާނޫނީ ލަފާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހޯދައި، 2 ޑިސެމްބަރުގައި، އޭނާގެ ހަށިގަނޑުގައި ހުރި މަސްތުވާތަކެތި ވަނީ ނަގާފައި
އޮޕަރޭޝަނެއްކޮށް، މަސްތުވާތަކެތި ނެގީ އެކަމަށް ހާއްސަ ޑޮކްޓަރުންގެ ލަފައާ އެކު ޑޮކްޓަރުން
ފާހަގަކުރެވޭ - އެ އޮޕަރޭޝަން ކުރިތަނެއް ފުލުހުން ނުބުނެ އެވެ. އެކަމަކު ފުލުހުން ބުނީ، ސިއްހީ ހިދުމަތް ދޭ ތަނެއްގައި އެކަން ނުކުރީ، އެފަދަ އޮޕަރޭޝަނެއް ކުރެވޭ ވަރަށް ވުރެ ބޮޑަށް އޭނާގެ ހަށިގަނޑު ކުނިވެފައި އޮތުމުން ކަމަށެވެ.
ފުލުހުން ބުނީ މަރުވެފައިވާ މީހާގެ ގޮހޮރުން މަސްތުވާތަކެތީގެ 78 ބުލެޓް ނެގި ކަމަށާއި އޭގެ ބަރުދަން 818 ގްރާމަށް އަރާ ކަމަށެވެ.
"މި މައްސަލައިގެ މައުލޫމާތު ހާމަކޮށްފައިނުވަނީ މިއީ ތަހުގީގު ކުރަމުންދާ މައްސަލައަކަށްވުމާއި މި މައްސަލައިގައި ވަށައިގެންވާ ކަންކަމަށް ބަލައި، ލިބިފައިވާ މައުލޫމާތުތައް ކަށަވަރުކުރުމަށެވެ. އަދި މައްސަލައިގައި ހިމެނޭ މީހުން ދެނެގަތުމަށާއި މިކަމާ ގުޅުންހުރި އިތުރު މީހުން ހޯދުމުގެ މަސައްކަތްކުރަމުން ދިއުމާއެކު އެވެ،" ފުލުހުން ފޮނުވި މެސެޖުގައި ބުނެފައި ވެ އެވެ.
ފުލުހުން ވަނީ މި މައްސަލަ މިހާރު ވެސް ތަހުގީގު ކުރަމުންދާތީ އެކަމާ ގުޅޭ ދޮގު ހަބަރުތައް ނުފެތުރުމަށް އެދިފަ އެވެ.
ހުޅުމާލޭ ގެސްޓްހައުސްއެއްގައި މަރުވެފައި އޮތް މީހާގެ ބަނޑުން 78 ބުލެޓް މަސްތުވާތަކެތި ނަގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ