އެމެރިކާ ގެންދަނީ ޔުކްރެއިން ހަނގުރާމަ ހުއްޓުވުމާބެހޭ އައު ޕްލޭނެއް ތައްޔާރު ކުރަމުން

ވޮޝިންޓަން (20 ނޮވެންބަރު 2025) : ޔުކްރެއިން ހަނގުރާމަ ހުއްޓުވުމާބެހޭ ޕްލޭނެއް ތައްޔާރު ކުރުމުގެ މަސައްކަތް ރަޝިއާއާ ގުޅިގެން އެމެރިކާ ކުރަމުން ގެންދާކަމަށް އެމެރިކާގެ ނިއުސް ވެބްސައިޓެއްކަމަށްވާ "އެގްޒިއޮސް" އިން ހާމަކޮށްފިއެވެ. "އެގްޒިއޮސް" ބުނާގޮތުން އެމެރިކާ ސަރުކާރުން މިކަމުގައި މަޝްވަރާ ކުރިޔަށް ގެންދަނީ ރަޝިއާގެ ރައީސް ވްލްދިމިޔާ ޕޫޓިންގެ ޚާއްސަ މަންދޫބެއް ކަމަށްވާ ކިރިލް ޑިމިޓްރިޔީވް އާ ޔުކްރެއިންގެ މަސްއޫލުވެރިންނާ ގުޅިގެންނެވެ. ނަމަވެސް މިޕްލޭން އާ ބެހޭ ތަފްސީލެއް "އެގްޒިއޮސް" އިން ދީފައެއް ނުވެއެވެ. އެންބީސީ ނެޓްވޯކް ބުނާގޮތުން ޓްރަމްޕްގެ އިރުޝާދުގެ ދަށުން ޔުކްރެއިން ހަނގުރާމަ ހުއްޓުވުމާބެހޭ ޕްލޭން އެކުލަވާލުމުގެ އަމަލީ މަސައްކަތުގައި އިސްކޮށް އުޅުއްވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރުބިއޯ އާއި ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޯވް އަދި ޓްރަމްޕްގެ ދަނބިދަރިފުޅު ޖެރިޑް ކުޝްނާ އެވެ. މި ޕްލޭންގެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަށްވެސް އެންބިސީ ބުނެއެވެ. ރިޕޯޓްތައް ބުނާގޮތުން ޔުކްރެއިން ހަނގުރާމަ ހުއްޓުވުމާބެހޭ ޕްލޭން މައިގަނޑު ގޮތެއްގައި އަމާޒު ކުރަނީ ރަޝިއާއާއި ޔުކްރެއިންއަށްވެސް ބޭނުންވާ ސަލާމަތީ ގެރެންޓި ދިނުމަށާއި ދެގައުމުގެ މެދުގައި ދާއިމީ ގޮތަކަށް ސުލްހަ ގާއިމް ކުރެވޭނެ ފޮމިއުލާ އެއްގެ މައްޗަށެވެ. ނަމަވެސް ރަޝިއާ ހިފާފައިވާ ޔުކްރެއިން ބިންތަކުގައި ހިމެނޭ ބޮޑުބައެއް ރަޝިއާ ދޫކޮށްލުމާއި ނޭޓޯފަދަ އަސްކަރި ޖަމާއަތެއްގައި ޔުކްރެއިން ބައިވެރިނުވުމަށް ރަޝިއާ ކުރާ ޑިމާންޑްތަކަށް މިޕްލޭން ރިއާޔަތް ކުރެއެވެ. މިދެކަންތަކުގައި ޔުކްރެއިން ގެ ރުހުން ހޯދުން މި ޕްލޭން އެކުލަވާލުމުގައި ހަރަކާތްތެރިވާ އެމެރިކާގެ އިސްމަސްއޫލުވެރިންގެ ޓީމަށްވަނީ ދަތިކަމަކަށް ވެފައެވެ. ރަޝިއާ ވަނީ ޔުކްރެއިންގެ ގާތްގަނޑަކަށް 20 އިންސައްތަ ބިން އެގައުމުގެ ބާރުގެ ދަށަށް ގެނަސްފައެވެ. މީގެތެރޭގައި ހިމެނޭ ޔުކްރެއިންގެ ދުންބާސް ސަރަހައްދާއި ކްރައިމިޔާ ސަރަހައްދަކީ ރަޝިއާ ދަރިކޮޅުގެ މީހުންގެ އަޣްލަބިއްތު އޮންނަ ދެ ސަރަހައްދެވެ. ޔުކްރެއިން ހަނގުރާމަ ހުއްޓުވުމަށް ކުރާ މަސައްކަތުގައި ޓްރަމްޕް މިހާތަނަށްވަނީ ފެއިލް ވެފައެވެ. އަދި ރަޝިއާ އަށް ދަތިކުރުމުގެ ފިޔަވަޅުއަޅައިގެން އެގައުމު އިގްތިސާދީ ގޮތުން އިނދަޖައްސާލުމަށް އެމެރިކާއާއި ޔޫރަޕް ކުރި މަސައްކަތްވެސް ވަނީ މުޅިން ނާކާމިޔާބުވެފައެވެ. ޔުކްރެއިން ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލުމަށް ޓްރަމްޕް އެދުނު އެދުމަށް ރަޝިއާ ވަނީ ދެކޮޅު ހަދާފައެވެ. ހަންގޭރީގެ ވެރިރަށް ބުދަޕެސްޓްގައި މިމަހުގެ ކުރީކޮޅު ބޭއްވުމަށް ވައިޓް ހައުސް އިން ރޭވި ޓްރަމްޕް އާއި ރަޝިއާގެ ރައީސް ޕޫޓިންގެ ސަމިޓް ކެންސަލް ކުރަން ޖެހުނީވެސް މިކަމުގެ ސަބަބުންކަމަށްވެއެވެ. މިކަމާބެހޭ ރިޕޯޓްތައް ބުނާގޮތުން ޔުކްރެއިން ހަނގުރާމަ ހުއްޓުވުމާބެހޭ ގޮތުން އެމެރިކާ އެކުލަވާލާ ޕްލޭނަށް ޔޫރަޕްގެ ތާއީދެއް ނެތެވެ. އަދި ޔުކްރެއިންގެ ރުހުމެއްވެސް ނެތެވެ. އެއީ މި ޕްލޭންގައި ބޮޑަށް އިސްކަން ދީފައިވަނީ ރަޝިއާ ޑިމާންޑްތަކަށް ޔޫރަޕާއި ޔުކްރެއިން ދެކޭތީއެވެ. އެމެރިކާގެ މި ޕްލޭންގައި ރަޝިއާ ޑިމާންޑްތަކަށް އިސްކަން ދީފައިވާލެއް ބޮޑުކަމުން ޔޫރަޕާއި ޔުކްރެއިން އަށް ޝޮކެއް ލިބިފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. މުހައްލިލުން ބުނާގޮތުގައި ރަޝިއާ އާ ވިޔަފާރީގެ މުއާމަލާތްތައް ހިންގުން ހުއްޓުވުމަށް ޗައިނާއާއި އިންޑިއާއަށް ޓްރަމްޕް ކުރެއްވި ޕްރެޝަރުތައް ނާކާމިޔާބު ވެފައިވާއިރު ރަޝިއާ އާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަޅުތައް އެޅި ނަމަވެސް އެކަމުން ރަޝިއާގެ އަޒުމް ގުޑުވާނުލެވޭނެކަމުގެ އިހުސާސް ޓްރަމްޕާއި އޭނާގެ މުސްތަޝާރުންނަށް ކުރެވެން ފަށާފައެވެ. އެހެންކަމުން ރަޝިއާއަށް އިތުރަށް ޕްރެޝަރު ކުރުމަށް އެމެރިކާއަށް ދެން ކުރެވޭނެ މާބޮޑުކަމެއް އެޅޭނެ މާގިނަ ފިޔަވަޅުތަކެއް މިހާރު ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ