ގިލްގެ އަނިޔާ ސީރިއަސްވެ ޓީމުން ބާކީކޮށްފި ގިލްގެ އަނިޔާ ސީރިއަސްވެ ޓީމުން ބާކީކޮށްފި

ގުވަހާޓީ، އިންޑިއާ (ނޮވެމްބަރު 21) - އިންޑިއާގެ ޓެސްޓް ކްރިކެޓް ޓީމުގެ ކެޕްޓަން، ޝުބްމަން ގިލް އަށް ލިބުނު އަނިޔާ ހީކުރި ވަރަށް ވުރެން ސީރިއަސްވެ، އޭނާ ސްކޮޑުން ބާކީކޮށްފި އެވެ.
ގިލްގެ ކަަރަށް އަނިޔާވެފައިވަނީ، ދެކުނު އެފްރިކާއާ ދެކޮޅަށް އިންޑިއާ އިން ކުޅޭ ޓެސްޓް ސީރީސްގެ ފުރަތަމަ މެޗުގެ ދެ ވަނަ ދުވަހުގަ އެވެ. އެ ދުވަހު ލިބުނު އަނިޔާއާ ގުޅިގެން، ކޮލްކަތާގެ ހޮސްޕިޓަލުގައި ގިލް އެޑްމިޓްކުރި އެވެ. އަދި، އެއް ދުވަސް ވަންދެން އޮބްޒަވޭޝަންގައި ބާއްވައިގެން ފަރުވާ ދިނުމަށް ފަހު ޖެހިގެން އައި ދުވަހު ދޫކޮށްލި އެވެ.
ދެކުނު އެފްރިކާ އަތުން ޓެސްޓް ސީރީސްގެ ފުރަތަމަ މެޗުން އިންޑިއާ ވަނީ 30 ލަނޑުން ބަލިވެފަ އެވެ. ޓެސްޓް ސީރީސްގެ ފަހު މެޗު އިންޑިއާގެ ގުވަހާޓީގައި ކުރިއަށްދާއިރު، އިންޑިއާ އިން މި މެޗަށް ނެގި ސްކޮޑުގައި ފުރަތަމަ ގިލް ހިމެނި އެވެ. އަދި، ޓީމާ އެކު، ގުވަހާޓީ އަށް ގިލް ވަނީ ދަތުރުކޮށްފަ އެވެ. އެކަމަކު، އަނިޔާއިން އެއްކޮށް ރިކަވާ ނުވާތީވެ، ގިލްގެ ނަން ސްކޮޑުން ބާކީކުރަން އިންޑިއާގެ ކޯޗު ގޯތަމް ގަމްބީރު ނިންމީ އެވެ.
ޓެސްޓް ސީރީސްގެ ދެ ވަނަ މެޗުގައި ގިލްގެ ބަދަލުގައި، އިންޑިއާ ޓީމު ލީޑުކުރާނީ ވައިސް ކެޕްޓަން، ރިޝަބް ޕާންޓް އެވެ.
އިންޑިއާގެ ޓެސްޓް ކްރިކެޓް ޓީމުން ވިރާތު ކޯލީ އާއި ރޯހިތު ޝަރްމާ، ރިޓަޔާކުރުމުން، ގިލް އަށް ޓީމުގެ ކެޕްޓަންކަން ދިނީ މިދިޔަ މެއި މަހު އެވެ. ގިލްގެ ކެޕްޓަންކަމުގައި އިންޑިއާ އިން ކުޅުނު ހަތް ޓެސްޓް މެޗުގެ ނަތީޖާ އަށް ބަލާއިރު، ހަތަރު މެޗުން ވަނީ މޮޅުވެފަ އެވެ. ދެ މެޗުން ބަލިވިއިރު، އެއް މެޗު ނިންމާލަން ޖެހުނީ ނަތީޖާއެއް ނެތި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ