މިދިޔަ އަހަރުގެ ރެކޯޑު ދަމަހައްޓާ އެސްޓީއޯގެ ހިއްސާއަކަށް މި އަހަރު ވެސް 80ރ ބަހަން ފާސްކޮށްފި

ދައުލަތުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 80ރ. ބަހަން މިރޭ ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - މިގޮތަށް ފާސްކުރީ މިރޭ ބާސެލޯ ނަސަންދުރަ މާލެ ހޮޓެލްގެ ބޯލް ރޫމުގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގަ އެވެ.
ތަފްސީލް - މިދިޔަ އަހަރު ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ވެސް، އެ ކުންފުންޏަށް އޭގެ ކުރީ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް ބަހަން ފާސްކުރީ 80ރ އެވެ.
އެސްޓީއޯގެ 2024ގެ މާލީ އުސްއަލިތައް
ޖުމްލަ އާމްދަނީ: 15.4 ބިލިއަން ރުފިޔާ
ހިންގުމުގެ ފައިދާ: 1 ބިލިއަން ރުފިޔާ
ޖުމްލަ ސާފު ފައިދާ: 741 މިލިއަން ރުފިޔާ
މިދިޔަ 2024ގައި އެސްޓީއޯއަށް ލިބުނު ޖުމްލަ އާމްދަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ވަނީ %6 ދަށްވެފަ އެވެ.
އޭގެ ސަބަބެއް ކަމަށް އެ ކުންފުނިން ބުނީ؛
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ އެކު އެ ކުންފުނިން ވިއްކާ ތެޔޮ މިދިޔަ އަހަރު ތެރޭ ތިން ފަހަރެއްގެ މަތިން އަގުހޮޔޮކުރުމުން، އެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވުން
މިރޭގެ ޖަލްސާގައި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރަން ޑިރެކްޓަރަކު އިންތިހާބު ކުރުން ވެސް އޮތެވެ. ކުރިއަށް އޮތް އަހަރަށް ހިއްސާދާރުންގެ ވޯޓުން ހޮވީ މުހައްމަދު އަހުސަން ސަލީމް، މއ. ޓިއުލިޕްވިލާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ