ތިން ރަށެއްގެ ފުޓްބޯޅަ ދަނޑާއި ތޮއްޑޫގެ އިންޑޯ ބެޑްމިންޓަން ކޯޓު ނިންމަން އާރުޑީސީ އާއި ހަވާލުކޮށްފި

ސަރުކާރުން ކ. ކާށިދޫ އާއި އދ. ހަންޏާމީދޫ އަދި ބ. މާޅޮހުގައި ތަރައްގީކުރާ ފުޓްބޯޅަ ދަނޑުތަކާއި، އއ. ތޮއްޑޫގެ އިންޑޯ ބެޑްމިންޓަން ކޯޓު ނިންމަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި މިއަދު ހަވާލުކޮށްފިއެވެ.
ރާއްޖޭގެ އެކި ސަރަހައްދުގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތައް ވީހާވެސް އަވަހަށް ނިންމައި ކުޅިވަރުގެ ގިނަ ވަސީލަތްތަކެއް ރަށްރަށުގައި ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މިގޮތުން ރަށްރަށުގައި ހުއްޓިފައިހުރި މަޝްރޫޢުތައް ސަރުކާރުގެ އެސްސޯއީތަކާ ހަވާލުކޮށްގެން އަވަހަށް ނިންމަވާނެކަމަށް ރައީސް ވިދާޅުވީ މިދިޔަ މަހުގެ ތެރޭގައެވެ.
އެގޮތުން މަހެއްހާ ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް މި މަޝްރޫޢުތައް ނިންމުމުގެ މަސައްކަތްވަނީ ފެށިފައެވެ. މިގޮތުން މިއަދު އާރުޑީސީއާއެކު ސޮއިކުރެވުނީ ކ. ކާށިދޫ އާއި އދ. ހަންޏާމީދޫ އަދި ބ. މާޅޮހުގެ ފުޓްބޯޅަ ދަނޑާއި، އއ. ތޮއްޑޫގެ އިންޑޯ ބެޑްމިންޓަން ކޯޓު ނިންމުމުގެ މަސައްކަތެވެ.
Advertisement
މި އެއްބަސްވުމުގައި ކުޅިވަރު ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢުއެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް ޢަލީ ޒުހެއިރުއެވެ.
މި އެއްބަސްވުމުގެ ދަށުން ކ. ކާށިދޫ ފުޓްބޯޅަ ދަނޑުގެ ޓާފް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތުގައި ހިމެނޭ ޑްރޭގް ބްރަޝް ހޯދުމުގެ މަސައްކަތް 45 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެއެވެ. މި މަސައްކަތަށް 86،400.00 (އަށްޑިހަ ހަހާސް ހަތަރު ސަތޭކަ) ރުފިޔާ ހޭދަވާނެއެވެ.
އދ. ހަންޏާމީދޫގެ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މަސައްކަތަށް 5.8 މިލިއަން ރުފިޔާ ހޭދަވާނެއެވެ. 90 ދުވަހުގެ ތެރޭގައި ފުޓްބޯޅަ ދަނޑުގެ ޓާފް ސަޕްލައިކޮށް އިންސްޓޯލްކުރުމާއި، ވަށާފާރު ރޭނުމާއި، ފެންސް ޖެހުމުގެ މަސައްކަތް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
އއ. މާޅޮސް ދަނޑަށް 11.9 މިލިއަން ރުފިޔާ ހޭދަވާނެއެވެ. މާޅޮހު ފުޓްބޯޅަ ދަނޑުގެ ތަރައްޤީީކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނެނީ ޓާފް ސަޕްލައިކޮށް އިންސްޓޯލްކުރުން، ލައިންޓިން ސިސްޓަމް ހަރުކުރުން، ވަށާފާރު ރާނައި، ފެންސް ޖެހުމުގެ އިތުރުން ރޮސްޓްރަމްގެ މަސައްކަތެވެ. އަދި މި މަސައްކަތް ތިން މަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.
އއ. ތޮއްޑޫގެ އިންޑޯ ބެޑްމިންޓަން ހޯލު ގާއިމްކުރުމުގެ މަސައްކަތަށް ފަސް މިލިއަނެއްހާ ރުފިޔާ ހޭދަވާނެއެވެ. މި މަސައްކަތް ފުރިހަމަކުރަން ޖެހޭނީ 180 ދުވަހުގެ ތެރޭގައެވެ.
ކ. ކާށިދޫ އާއި އދ. ހަންޏާމީދޫ އަދި ބ. މާޅޮހުގެ ފުޓްބޯޅަ ދަނޑާއި، އއ. ތޮއްޑޫގެ އިންޑޯ ބެޑްމިންޓަން ކޯޓު ނިންމަން އާރުޑީސީއާ ހަވާލުކުރުމުގެ އިތުރުން، މަސައްކަތް ހުއްޓިފައިހުރި އެހެން ރަށް ރަށުގެ މަޝްރޫއުތައްވެސް މި އަހަރުގެ ދެވަނަ ކުއާޓާގެ ތެރޭގަައި ނިންމުމަކީ ސަރުކާރުގެ އަމާޒެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ