ހުލާސާކޮށް އިއްޔެ:"މައްސަލަތައް ބަލަނީ ނެތް ހާލަތެއް އުފައްދައިގެން" ހުލާސާކޮށް އިއްޔެ:"މައްސަލަތައް ބަލަނީ ނެތް ހާލަތެއް އުފައްދައިގެން"

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑުކޮށް ފަނޑިޔާރުންގެ މައްސަލަތައް ބަލަނީ ނެތް ހާލަތެއް އުފައްދައިގެން ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އިއްޔެ ވިދާޅުވި އެވެ.
އަޒްމިރާލްދާގެ ގާނޫނީ ވަކީލުންގެ ފަރާތުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އަޒްމިރާލްދާ ސަސްޕެންޑުކޮށް، ހަމަ އެ ދުވަހުގެ ވަގުތެއްގައި އޭނާގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން އަންގާފައިވާއިރު، އެ މައްސަލަތަކަކީ އަސްލެއް އަދި އަސާސެއް ނެތި ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަށް އުފައްދާފައިވާ ހާލަތެއް ކަމަށެވެ.
ޖިނާއީ ކުށެއްގެ ތުހުމަތު ވެސް ނެތީސް ހައްޔަރު ކުރި އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކުރުވުމަށް ނުފޫޒު ފޯރުވިކަމަށް ބުނެ ކުރާ ތުހުމަތަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ތުހުމަތެއް ކަމަށާއި އެ މައްސަލައާ ގުޅިގެން އެއްވެސް ފަނޑިޔާރަކަށް ގުޅައި ނުފޫޒެއް ފޯރުވާފައި ނުވާނެކަން ބަޔާންކޮށް އަޒްމިރާލްދާ ޖޭއެސްސީއަށް ސިޓީއެއް ވެސް ފޮނުވި އެވެ.
"26 ފެބްރުއަރީ 2025 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ތާވަލު ކުރެވިފައި އޮތް އަޑުއެހުމަކަށް ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ސަސްޕެންޑު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާފައި ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ފަނޑިޔާރު ގުޅޭ ޖިނާއީ ތަހުގީގެއް ހިންގަމުން ގެންދާކަމަށް ބުނެ،" ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
ނަމަވެސް އޭސީސީން ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށް ބުނެ ފަނޑިޔާރު ސަސްޕެންޑުކުރިތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވީއިރު ވެސް އެ ކޮމިޝަނުން ފަނޑިޔާރުގެ މައްސަލައެއް ބަލަމުންދާ ކަމެއް ނުވަތަ އެއީ ކޮން ބާވަތެއްގެ ކުށަކާ ގުޅޭ މައްސަލައެއް ކަމެއް ވެސް އެއްވެސް ގޮތަކަށް އަންގާފައި ނުވާކަން އަޒްމިރާލްދާގެ ގާނޫނީ ވަކީލުންގެ ޓީމުން ފާހަގަކުރި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން ދޫކޮށްލަން ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކުރާ މައްސަލައިގައި އެ ކޯޓުގެ ފަނޑިޔާރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުކޮށް, ބަޔާން ވަނީ ނަގާފަ އެވެ.
މި ކަމުގައި ޖޭއެސްސީގެ ރަސްމީ ބަހެއް ނުލިބުނު ނަމަވެސް އަދަދު އަށް އެނގިފައިވާ ގޮތުގައި އެ ކޮމިޝަނުން ވަނީ ކްރިމިނަލް ކޯޓުގެ ގާޒި އިބްރާހިމް ޒިހުނީގެ ބަޔާން ނަގާފަ އެވެ. އަދި މާދަމާގެ ވަގުތެއްގައި ގާޒީ ސަފްއަތު ހަބީބުގެ ބަޔާން ނެގުމަށް ހަމެޖިފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.
ނުފޫޒު ފޯރުވި މައްސަލައިގައި ޖޭއެސްސީން ތުހުމަތުކުރަނީ ފަނޑިޔާރު އަޒްމިރަލްދާގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ އަށެވެ. މަހާޒް ވެސް ސަސްޕެންޝަންގައި ހުންނެވިއިރު، އޭނާ ސަސްޕެންޑުކުރީ އެ މައްސަލައާ ގުޅިގެނެއް ނޫނެވެ.
އަޒްމިރާލްދާ އާއި މަހާޒްގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ޖޭއެސްސީސް ސަސްޕެންޑު ކުރެއްވި އެވެ. އެކަމަކު ހުސްނުއްސުއޫދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ