އެޕިސޯޑް 9
އިއްޔެގެ ބަޔާ ގުޅޭ
އަދި ކަންފަތަށް ފުމެލި އެވެ. ޔަޒްދާ ވަގުތުން ފޮޅާލި އެވެ. އަދި ކޮޅަށް ތެދުވި އެވެ.
"ކިހިނެއްވީ؟" ބަދޫރާ އަހާލި އެވެ.
"ހީވީ މީހަކު ފުމެލިހެން،" ޔަޒްދާ އެކި ދިމަދިމާލަށް ބަލަމުން ބުންޏެވެ. ބަދޫރާ ވިސްނާލި އެވެ. ރޭގައި ނަސީފް ދެއްކި ވާހަކަ ކަންފަތުގައި ހަރުލާފައި އެބަ ހުއްޓެވެ. އެ ވާހަކަ ދެއްކުން ނަސީފް އޮތީ މަނާ ކޮށްފަ އެވެ. އެ ކަމުގެ ސިއްރެއް ބަދޫރާއަކަށް ނޭނގެ އެވެ. ބަދޫރާ އިނީ ވަރަށް ޖެހިލުންވެފަ އެވެ. އެ ތަނުގައި އިންނަން ވެސް އޭނާ ބޭނުމެއް ނޫނެވެ.
"ތި ވާނީ ހީވި ގޮތެއް ކަމަށް،" ބުޝްރީ ބުންޏެވެ.
"އަހަރެން ދެން ދަނީ. ކަމަކު ބޭނުން ވެއްޖިއްޔާ ގުޅާލާތި،" ގެއިން ނުކުންނަމުން ބަދޫރާ ބުންޏެވެ.
މަގުމަތިން ހިނގާފައި ބަދޫރާ ދިޔައިރު ވިސްނެމުން ދިޔައީ ނަސީފް ދެއްކި ވާހަކަތަކާ މެދުގަ އެވެ. ރައްޓެއްސެއް ވިޔަސް ކަމުނުދާ ސިފައެއް ހުރިއްޔާ ޖެހޭނީ އެކަން ރަނގަޅު ކުރަން ބުނާށެވެ. ޔަޒްދާއަކީ އެއްގޮތަކަށް ވެސް ނަމާދު ކުރާ މީހެއް ނޫނެވެ. ގުރުއާނެއް ވެސް ނުކިޔަވާނެ އެވެ. އޭނައަށް އެ ކަންކަން ކުރަން ނަސޭހަތް ދެވުނު އަދަދެއް ވެސް ނޭނގެ އެވެ. ވަހީދާ އާއި ބަދޫރާއަކީ ބަރާބަރަށް ނަމާދު ކުރާ ދެ މީހުންނެވެ. ޒިކުރުތައް ކިޔަވައި ދުއާކޮށް ހަދާ މީހުންނެވެ. އެ ކަންކަމަކީ ޔަޒްދާއަށް އެއްވެސް ކަމެއް ނޫނެވެ. އޭނާ ބުނާ ގޮތުން ނަމަ އަދި ވަގުތު އެބަ އޮތެވެ. ކުރެވޭނެ އެވެ. މިހާރު އޭނާ ކުރާ ހިތް ނުވަނީ އެވެ.
ނަސީފް ބުނި ގޮތުގައި ވިއްޔާ ޖިންނި އަވަލާފައި ހުރީ ޔަޒްދާއާ އެވެ. ޔަޒްދާއާ އެ ސޮރު އަވަލެވީ ކިހިނެއްތޯ އަދި ކީއްކުރަންތޯ ޖެހޭނީ ބަލާށެވެ. ޝިފާޒްއަށް އެ ހުރިހާ އަނިޔާއެއް އެ ކުރަނީ ޔަޒްދާއާ އަވަލާފައި ހުރި ޖިންނި އެވެ. އެއީ ކީއްވެތޯ ވެސް ޖެހޭނީ ބަލާށެވެ. އެ ސޮރު އަބަދުވެސް ޔަޒްދާ ގާތުގައި ހުންނަ ކަމަށް ނަސީފް ބުންޏެވެ. ނަސީފް އެ ރޭ އެ ހުރިހާ ކަމެއް ބެލީ ފަންޑިތައިގެ ބާރުގަ އެވެ.
ބައެއް ފަންޑިތަވެރިންނަކީ ޖިންނިން ކިޔަމަން ކޮށްގެން ގެންގުޅޭ ބައެކެވެ. އެ މީހުން ބޭނުންވާ ހުރިހާ ކަންކަމެއް އެ ސޮރުމެން ލައްވާ ކުރުވާނެ އެވެ. ބޭނުންވާ މައުލޫމާތުތައް ހޯދާނެ އެވެ. ނަމަވެސް ދީނުގައި އެއީ މަނާ ކުރައްވާފައިވާ ކަމެކެވެ. އެކަން ގިނަ ފަންޑިތަވެރިންނަށް އެނގޭނެ އެވެ. ނަމަވެސް އެކަން ހުއްޓާނުލައި ކުރަނީ އެވެ. އެ ބައި މީހުންގެ ނުބައިކަމުންނެވެ. ދީނުގައި ހުއްދަ ކަމަކީ ރުގްޔާ ކުރުމެވެ. ރުގްޔާއަކީ ގުރުއާނާއި ހަދީސް އަދި ދުއާތައް ބޭނުންކޮށްގެން ކުރާ ކަމެކެވެ.
ނަސީފަކީ ވެސް ޖިންނިން ބޭނުން ކުރާ ފަންޑިތަވެރިއެކެވެ. މީހުންނަށް ޖެހިފައިވާ އެ ކަހަލަ މުސީބާތްތަކުގެ ހަގީގަތް އޮޅުންފިލުވަނީ އެ ސޮރުމެންނާ ވާހަކަ ދައްކައިގެންނެވެ. އެ ކަން އެނގޭނީ މަދު މީހަކަށެވެ. ބަދޫރާމެންނަކަށް ވެސް އެ ވަރު ވިސްނުމަކަށް ނަ އެވެ. އެ މީހުން ގަބޫލު ކުރާ ގޮތުގައި ނަސީފް މާ މޮޅީ އެވެ. ކަމަށް ކުޅަދާނައީ އެވެ.
ޔަޒްދާ ހުރީ ފެންވަރާށެވެ. ޔަޒްދާ ވިސްނަމުން ދިޔައީ ޝިފާޒްއާ މެދުގަ އެވެ. އޭނާ އެ ކަމުން ސަލާމަތް ކުރާނީ ކިހިނެއްބާއޭ ހިތާހިތާ ސުވާލު ކުރަމުންނެވެ. ނުވަތަ ޝިފާޒް އެ ހާލުގައި އޮއްވައި އޭނާ ދޫކޮށްލަންވީ ހެއްޔެވެ؟ ދެ ފަރާތަށް ބޯ ހޫރުވާލި އެވެ. ހިތަށް އެރި އެވެ. މި ވިސްނެނީ ކޮން ގޮތަކަށް ހެއްޔެވެ؟ މިއީ ކާކު އަހަރެންނަށް ލައިދޭ ނަސޭހަތެއް ހެއްޔެވެ؟ ނަމަވެސް މި ކަމުން ސަލާމަތްވާން ކުރަން ޖެހޭ މަސައްކަތް ގިނަ ވާނެ އެވެ. ފަތަން ޖެހޭ ފުން ކަނޑުތަކުގެ ބާނިތައް ބިޔަވެފައި އޮއި ގަދަވާނެ އެވެ. އެތައް ތޫފާނަކާ ކުރިމަތިލާން ޖެހޭނެ އެވެ. އެ ފިކުރުގައި ހުރި އިރު ބޮލުގައި ރިހުމެއް އުފެދިފައިވާ ކަން ފާހަގަ ކުރެވުނެވެ. ފެން މާގަނޑު ނިވާލާފައި ބޮލުގައި މަޑުމަޑުން އަތް ކާއްތާލި އެވެ. ކުއްލިއަކަށް ވަރަށް ތޫލި އަޑެއް އިވުނެވެ. އެ އަޑު އަންނަނީ ކޮން ދިމާލަކުން ކަމެއް ނޭނގެ އެވެ. އެއާއެކު ބޮލުގެރިހުން ވެސް ކެނޑުނެވެ. އަޑު ދިޔައީ ގަދަ ވަމުންނެވެ. ޔަޒްދާ ވަށައިގެން ހޯދަން ފެށި އެވެ. ދެ ކަންފަތުގައި އަތް އެޅި އެވެ. އަވަސް އަވަހަށް ތުވާލި އޮޅާލައިގެން ކޮޓަރި ތެރެއަށް ނުކުތެވެ. އަޑު މަޑުވި އެވެ. ކޮޓަރިއަށް ނުކުތް އިރު ޝިފާޒް އޮތީ ބަލަހައްޓައިގެންނެވެ. އެހެންޏާ ނުބަލާ ގޮތަކަށެވެ. ކަޅި ހުއްޓިފައި ކަރު އަނބުރާލައިގެންނެވެ. އޮތް ގޮތުން ޔަޒްދާ ބިރުގަތެވެ. ނަމަވެސް އަލަމާރި ކައިރިއަށް ގޮސް ހެދުމެއް ލި އެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓުމުން ކަމެއް ފާހަގަ ކުރެވުނެވެ. އަޅާފައިވާ ބެޑްޝީޓް މަތިން ބަނޑާ ދިމާ ފުއްޕާފައި ހުރިކަން ފާހަގަ ކުރެވުނެވެ. ޔަޒްދާ ބެޑްޝީޓް ދަމައިގަތެވެ. ޝިފާޒްގެ ހަށިގަނޑު އޮތީ އެނބުރިފަ އެވެ. ފޫޅާ ހިސާބު ތިރިން އޮތީ އަނެއް ފަރާތަށް އެނބުރިފަ އެވެ. އަދި ދެ ފައި ވެސް އޮތީ ކުރުގެޅިފަ އެވެ. އެއީ އިންސާނަކަށް ކުރެވޭނެ ޒާތުގެ ކަމެއް ނޫންކަން ޔަޒްދާއަށް ވިސްނުނެވެ. ލެވުނު އެންމެ ބާރަކަށް ހަޅޭއްލަވައިގަތެވެ. އެ ވަގުތު ކުއްލިއަކަށް ޝިފާޒް ތެދުވި އެވެ. އަދި އެނދުމަތީގައި ހަތަރު މޮއްގަނޑު ޖެހި އެވެ. ބޯ އަނެއް ފަރާތަށް އަނބުރާލި އެވެ. މިހާރު ހީވަނީ ޖަނަވާރެއް ހެންނެވެ. ޝިފާޒްގެ ދެ ލޯ ހުރީ ހުދު ކުލައިގަ އެވެ. ހިނިގަނޑެއް ޖަހާލަމުން ހަތަރު މޮއްގަނޑު ޖަހާފައި ޔަޒްދާއާ ދިމާލަށް އަންނަން ފެށި އެވެ. ޔަޒްދާ ދުއްވައިގަތީ ދޮރާ ދިމާލަށެވެ. އަދި ކޮޓަރިން ނުކުމެފައި ދޮރު ލެއްޕި އެވެ. ބިރުން މީހާ ތުރުތުރުއަޅަ އެވެ. ދުވެފައި ގެއިން ބޭރަށް ނުކުތެވެ. އަދި ބަދޫރާއަށް ގުޅި އެވެ.
ފޯނެއް ނުނެގި އެވެ. އަނެއްކާވެސް ގުޅި އެވެ. ދެން ވެސް ފޯނެއް ނުނެގި އެވެ. ދެން ގުޅީ ބުޝްރީ އަށެވެ. އޭނާ ފޯނު ނެގި އެވެ.
"ފަހަތް ބަލާބަލަ،" ޔަޒްދާ އެއްޗެއް ބުނަންވާ އިރަށް ބުޝްރީ ބުންޏެވެ. ޔަޒްދާ ފަހަތް ބަލާލި އެވެ. ބުޝްރީ އާއި ބަދޫރާ އާއި ނަސީފް އަންނަ ތަން ފެނުނެވެ. އޭރު އެއީ އިރު އޮއްސޭ ވަގުތެވެ. ޔަޒްދާ އާންމުކޮށް ވެސް ފެންވަރާ ގަޑިއަކީ އެއީ އެވެ.
"ކިހިނެއްވީ؟" ޔަޒްދާއާ އަރާ ހަމަވުމުން ބުޝްރީ އަހާލި އެވެ.
"ކީއް ނުވަނީ؟ ޝިފާޒް ހީވަނީ ޖަނަވާރެއް ހެން. ފުންމައިގެން އަހަރެންނާ ދިމާލަށް އައީ. މީހާ ވެސް އޮތީ ފާޑެއްގެ ގޮތަކަށް އެނބުރިފައި."
"ހިނގާބަލަ އެތެރެއަށް،" ނަސީފް އެދުނެވެ.
"މަށަކަށް ނުކެރޭނެ. ކަލޭމެންނަކަށް ނުފެންނާނެ އޭނަ އޮތް ގޮތެއް،" ބިރުގަނެފައި ހުރެ ޔަޒްދާ ބުންޏެވެ.
"މަށާއެކު ހިނގާބަލަ. އެއް ކަމެއް ވެސް ނުކުރެވޭނެ،" ނަސީފް ބުންޏެވެ.
ޔަޒްދާ ޖެހިލުންވެ ހުރެ އެތެރެއަށް ވަނެވެ. އެކުގައި ދެން ތިބި މީހުން ވެސް ގޭތެރެއަށް ވަނެވެ. ޔަޒްދާ ގޮސް މަޑުމަޑުން ކޮޓަރި ދޮރު ހުޅުވާލި އެވެ. ފެނުނު މަންޒަރުން ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ޝިފާޒް އޮތީ ބެޑްޝީޓް އަޅައިގެން ނިދާފަ އެވެ. ނުވަތަ ދެ ލޯ މަރައިގެންނެވެ. ނަސީފް ރަނގަޅަށް ޝިފާޒަށް ބަލާލި އެވެ. ހީވާ ގޮތުން އޭނާ އޮތީ ގަދަކަމުން ދެ ލޯ މަރައިގެންނެވެ. ނަސީފް ގޮސް ޝިފާޒް ގާތަށް ހުއްޓުނެވެ.
"އައްސަލާމް އަލައިކުމް،" ނަސީފް ސަލާން ގޮވާލި އެވެ. ޝިފާޒް ދެ ލޯ ހުޅުވާލި އެވެ. އަދި ބަލި އަޑަކުން ސަލާން ބަލައިގަތެވެ.
"ޝިފާޒް ކިހިނެއްތަ؟" ނަސީފް އަހައިލި އެވެ.
"ރަނގަޅެއް ނޫން. ވަރަށް ފެން ވެސް ބޮވާ. ވަރަށް ބޮޑަށް ކަރު ހިއްކާ،" ޝިފާޒް ވާހަކަ ދެއްކި އިރު ތުރުތުރެއް އަޑުގައި ހުއްޓެވެ. ނަސީފް، ޔަޒްދާއަށް އިޝާރާތް ކުރީ ފެން ތައްޓެއް ގެނައުމަށެވެ. ޔަޒްދާ ފެން ތައްޓެއް ގެނަ އެވެ.
"ޝިފާޒަށް ވަނީ ކޮން ކަހަލަ އުނދަގުލެއް؟ މަށަށް ކިޔައިދީބަލަ،" ނަސީފް އެދުނެވެ.
"މިއީ ކާކު؟" ޔަޒްދާ ކައިރީ ޝިފާޒް އަހައިލިއެވެ. "ދީބަލަ ތި ފެންތަށި."
"މަޑު ކުރޭ!" ޔަޒްދާ ގާތުގައި ނަސީފް ބުންޏެވެ. ބުޝްރީ އާއި ބަދޫރާ ވެސް ތިބީ ނޭވާ ހިފަހައްޓާލައިގެންނެވެ.
"އަހަރެންނަށް ކިޔަނީ ނަސީފް. އަހަރެން މިއީ ފަންޑިތަ އާއި ދިވެހި ބޭސް ކުރާ މީހެއް. އަހަރެން މި އައީ ޝިފާޒަށް އެހީތެރިކަމެއް ދެވޭތޯ. އެކަމަކު އެއީ ޝިފާޒް އެގޮތަށް ގަބޫލު ވަންޏާ،" މަޑުމައިތިރިކަމާ އެކު ނަސީފް ބުންޏެވެ.
"އަހަރެން ބޭނުމެއް ނޫން ތި ކަހަލަ ކަންތައް ކުރާކަށް. ޔަޒޫ މީނަ މި ތަނުން ގެންދޭ!" އަނެއް ފަރާތަށް އެނބުރެމުން ޝިފާޒް ބުންޏެވެ.
"އެންމެ ރަނގަޅު، އަހަރެން ހިނގައިދާނަން. އެކަމަކު ޝިފާޒްގެ އަންހެނުން ބޭނުމެއް ނުވާނެ އަހަރެން މި ގެއިން ނުކުންނާކަށް،" ޔަޒްދާއާ ދިމާލަށް ނަސީފް ބަލާލަމުން ބުންޏެވެ.
"ޝިފާޒް އޭނާ ދައްކާ ވާހަކަ އަޑުއަހާލަބަލަ. ބޭނުމެއް ނުވޭތަ ތި ބަލިން ސަލާމަތްވާކަށް؟" އޯގާތެރިކަމާ އެކު ޔަޒްދާ ބުންޏެވެ.
"ތި ފެން ތަށި ދީބަލަ،" ހިތްހަމަނުޖެހިފައި ޝިފާޒް ބުންޏެވެ.
"ދޭނަމޭ. ކާން ވެސް ދޭނަން. އެކަމަކު އަހަރެން ކުރާ ބައެއް ސުވާލަށް ޖަވާބު ދީބަލަ،" ނަސީފް ބުންޏެވެ.
"ކޮން ކަހަލަ ސުވާލެއް؟" ހަމަޖެހެން މަސައްކަތް ކުރަމުން ޝިފާޒް ބުންޏެވެ.
-ނުނިމޭ-
ވާހަކަ: ގަބުރުސްތާނު - ނުވަވަނަ ބައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ