އެމެރިކާ، ހުޅަނގު އަދި އަރަބި ބައެއް ގައުމުތަކުގެ ބައިވެރިވުމާ އެކު، އިޒްރޭލުން އީރާނަށް ހަމަލާދެމުން ގެންދާތާ ހަފްތާއެއް ވީ އެވެ.
މީގެ ކުރިން 2022ގައި ފެށި ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ތެލުގެ އަގު 100 ޑޮލަރު ފަހަނައަޅައި ދިޔަ ފަދައިން، މިފަހަރު ވެސް ތެލުގެ އަގު ބޮޑުވާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. މެދު އިރުމައްޗަކީ ތެލުގެ ވިޔަފާރީގެ ނާރެސް ކަމަށް ވުމުގެ އިތުރުން، ދުވާލަކު 20 މިލިއަން ފީފާގެ ތެޔޮ ހުރަސްކުރާ ހޮރުމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ހުރަސް އެޅުމުގެ ގާބިލުކަން އީރާނުގެ ކިބައިގައި ހުންނާނޭ ކަމަށް ގަބޫލުކުރެވޭތީއާ އެކުމެ އެވެ.
ނަމަވެސް ހަފްތާއެއް ކުރިން ހަމަލާތައް ފެށުނުއިރު 65 ޑޮލަރަށް ފީފާއެއް ލިބެން ހުރި ތެލުގެ އަގު، މިހާރު (ބުރާސްފަތި ދުވަހުގެ މެންދުރާ ހަމައަށް) ހުރީ 76 ޑޮލަރާ ހަމައިގަ އެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރު މިވަގުތައް ވެސް ދެކެނީ، ހަނގުރާމަ ބޮޑުތަނުން ފުޅާނުވާނޭ ކަމެެވެ. އަދި ތެލުގެ ވިޔަފާރިއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތި ނުވާނޭ ކަމަށެވެ.
މެދުއިރުމަތީގައި، ފުޅާ، ބޮޑު ހަނގުރާމައެއް ފެށުމުގެ މަންފާއެއް ދުނިޔޭގެ އެއްވެސް ގައުމަކަށް ނުކުރާނެ އެވެ. ހަނގުރާމަ ފުޅާކޮށް، ގިނަ ދުވަހަށް ހަނގުރާމަ ދެމެހެއްޓުމުގެ ފައިދާ ކުރާނީ ހަމައެކަނި ނަތަންޔާހޫ އަށެވެ. އޭނާގެ ސިޔާސީ ކެރިއަރު ދެމެހެއްޓުމަށް އެކަންޏެވެ.
އެމެރިކާއިން މި ހަމަލާތަކުގައި ސީދާ ގޮތުން ބައިވެރިވާނެތޯ ނުވަތަ ނޫންތޯ މިހާރު މި އޮތީ ސުވާލެއްގެ ތެރޭގަ އެވެ. އެމެރިކާއިން އީރާނަށް ސީދާ ހަމަލާދީފި ނަމަ މުޅި މެދުއިރުމަތީގައި ބޮޑު މައްސަލަގަނޑެއް އުފެދޭނެކަމުގެ އިންޒާރު އީރާނުން ދެ އެވެ.
އެމެރިކާއިން ސީދާ ބައިވެރިނުވި ކަމުގައިވިޔަސް، ހަނގުރާމައިގެ އިންތައް ފުޅާވެގެން ދާނީ ކިހިނަކުންކަން ޔަގީންކަމާ އެކު ބުނެދެވޭނެ އެއްވެސް ފަރާތެއް ނުވެ އެވެ. ހަމަލާގެ އިންތައް ފުޅާވެއްޖެ ނަމަ، ތެލުގެ އަގު އުފުލި، އަދި އެކަމާ ގުޅިގެން އެހެނިހެން މުދަލާއި ޚިދުމަތުގެ އަގު ވެސް ބޮޑުވާނެ އެވެ.
ޔޫކްރޭނަށް ރަޝިޔާ ސިފައިން އެރުމާ ގުޅިގެން މައިގަނޑު ގޮތެއްގައި ދުނިޔޭގެ ބާޒާރުގައި ކާޑާއި ތެލުގެ އަގަށް އައި ބަދަލު މައިތިރި ކުރަން ބަޖެޓު ކުރި މިންވަރަށް ވުރެ އިތުރަށް 2022ގެ ސަބްސިޑީ ބަޖެޓުން 5 ބިލިއަން ރުފިޔާ ހަރަދުކުރި އެވެ.
އިރާދަކުރެއްވިއްޔާ، އީރާނަށް ދެމުން ގެންދާ ހަމަލާތައް، އިތުރަށް ފުޅާވުމަށް މަގު ފަހިނުވެ، މައިތިރިއަށް ކިޔެވުމުގެ މަގު ފަހިވާނެ އެވެ. އަދި 80 ޑޮލަަރުން ތިރީގައި ތެލުގެ އަގު ހިފެހެއްޓޭނެ އެވެ.
މިހާރު ވެސް ތެޔޮ ފީފާއެއްގެ އަގު 65 ޑޮލަރުން 76 ޑޮލަރަށް ބަދަލުވުމުން ރާއްޖޭގެ އިމްޕޯޓް ބިލުގެ އަގު ވާނީ މައްޗަށް ޖެހިފަ އެވެ. ސަރުކާރުތަކުން އަބަދުވެސް މަސައްކަތް ކޮށްފައިވަނީ އަދި ކުރާނީ ވެސް، ތެލާއި ކާޑު ފަދަ އަސާސީ ތަކެތީގެ އަގު ބޮޑުވިޔަ ނުދިނުމަށް ކަމުން މި ހިނގާ 2025ގެ ދައުލަތުގެ ސަބްސިޑީގެ ބަޖެޓަށް މިހާރު ވެސް ވާނީ ނޭދެވޭ އަސަރުކޮށްފަ އެވެ. އަދި ހަމަލާތައް ދެމިއޮތްހާ ދުވަހު، މިގޮތުން ކުރާ ނޭދެވޭ އަސަރު ދެމިގެންދާނެ އެވެ.
މިފަަދަ ހައްސާސް ވަގުތުތަކުގައި ހަރަދުތައް މަދުކޮށް، ޖުމްލަކޮށް އިގުތިސާދުކުރުމުގެ މުހިންމުކަން ބޮޑުވެ އެވެ. މަދުކުރެވޭނީ އަދި ފަސްކުރެވޭނީ ކޮން ޚަރަދުތަކެއް ކަން ދެނެގަތުމުގެ މުހިންމުކަން ވެސް މިއަދު މިވަނީ އަނެއްކާ ބޮޑުވެފަ އެވެ.
މިއީ ހަމައަކަނި ދައުލަތުން ވިސްނަން ޖެހޭ ކަމެއް ކަމަށް ދުށުމަކީ ހެޔޮ ވިސްނުމެއް ނޫނެވެ. ތިމާ އާއި އާއިލާގެ ޚަރަދުތަކާ މެދު ވެސް، ކޮންމެ ފަރުދަކު ވެސް ވިސްނަން ފަށަން މިއަދު މުހިންމެވެ.
އީރާނަށް ދޭ ހަމަލާތަކުގެ ނޭދެވޭ އަސަރަށް ތައްޔާރުވުން މުހިންމު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ