ކެމޮމައިލް 32
"ފަގީރު ދިރިއުޅުމެއް ހޯދުމަކީ ދާދި ލުއިކަމެކެވެ. ހަތަރުދަމު ސޯޝަލް މީޑިއާ ބޭނުންކުރުން، އެއްވެސް ހޮބީއެއްނެތުން، އެހެންމީހުންގެ ބޮލުގައި ކަންތައް އެޅުވުން، ޒިންމާއެއްނެތުން. ކަންނެތްކަން، އެހާ ބޮޑު ހުވަފެންތަކާއި ޝައުގުވެރިވާކަމެއް ނެތުން، މަސައްކަތެއްނުކުރިޔަސް ޖާދޫއިން ތިމާ ބޭނުންވާކަމެއް ވާނެކަން ގަބޫލުކޮށްލައިގެން ކަމެއްނެތި އޮތުން ހިމެނެއެވެ." *** ހޮޓަލަށް އެނބުރިގޮސް ނިދަން އުޅުމުންވެސް އެކި ޚިޔާލުތައް އުދަގޫކުރިއެވެ. އެކި ވިސްނުންތަކުން ސިކުނޑީގެ ހަމަޖެހުން ގެއްލުނެވެ. އޭގެ ތެރެއިން އެއް މައްސަލައަކީ އޭނައަށް ހަމްޒާގާތު ހެދުނު ދޮގެވެ. އޭނަ ހުރީ ކައިވެނިކޮށްގެން ކަމުގައި ބުނެވުމެވެ. ހަޔާތުގެ އެތައް މައްސަލަތަކެއް ހައްލު ކުރަން ޖެހިއްޖެއެވެ. އެކަމަކު މި މައްސަލަ ހަމަޖައްސާނީ ކިހިނެއްހެއްޔެވެ؟ ހަމްޒާގާތު ތެދަށް ބުނަންވީއެވެ. ބަރާބަރު ހަޔެއް ޖެހުމާއެކު ފޯނު އެލާމް އަޑުން އޭނަ ރީތި ހުވަފެނަކުން ހޭލައްވާލައިފިއެވެ. ދޮރުފޮތިތަކުން ކޮންމެވެސް ވަރަކަށް އަލިކަން ފާއްދާލާފައިވާއިރު ކޮތަރުތަކާއި އުޅަދުތަކުގެ ބަރުގޮނު ތިރީގައި ހުންނަ ކަޑާއިން ވާހަކަދައްކާ އަޑާއި ތަށި ސަމުސާފަދަ އެއްޗެހި ޖެހޭ އަޑުވެސް އިވުނެވެ. ރަށް ހޭލައިގެން އާ ދުވަހަކަށް ކުރިމަތިލައިފިއެވެ. މިއީ އޭނައަށްވެސް އާ ދުވަހެކެވެ. ކުރިމަގު ބިނާކުރަން އެތައް ބުރަ މަސައްކަތެއްކޮށް ނަތީޖާ ލިބި އެއަށްވުރެ އުހަށްދާން ފުރަތަމަ ފިޔަވަޅު އަޅާ ދުވަހެވެ. އޭނަ ފެންވަރައިގެން ނުކުމެ ތައްޔާރުވާން ހުރިއިރުވެސް ބޮލަށް އެނބުރުން އަރާގޮތްވީ އިއްޔެ އަނިޔާވުމުންހެން ހީވެއެވެ. ހަމައެކަނި މައްސަލައަކީ އެއީއެއްނޫނެވެ. މަންމަ ބަލިވުމާއި ހަމްޒާއާއި ދިމާވުން އަދި އޭނަ ހެދި ދޮގުގެ ސަބަބުންވެސް ނުތަނަވަސްވެ ސިކުނޑިއަށް ލިބިފައިވަނީ ފިލުވައިލަން ދަތި ނުތަނަވަސްކަމެކެވެ. މީހަކު ބޮލުގައި ބާރަށް ހިފަހައްޓާފައި ހުރިފަދައެވެ. ހުދުކުލައިގެ ބްލައުސްގައި ގޮށް އެޅިއިރު އިނގިލިތައްވެސް ތުރުތުރުލައެވެ. އަޅިކުލައިގެ ސްކާފްވެސް އޭނަގެ ތަބީއަތާއި ގުޅެއެވެ. ހިމޭންކަމާއި ޔަގީންކަމެއްނެތްކަން ރަމްޒުކޮށްދޭފަދައެވެ. އޭނަ ފޮތް ހުޅުވާލާފައި ބަލައިލިއިރު އަދިވެސް ޔުނިވާސިޓީއިން ޖާގަ ލިބުނުކަމުގެ ލިޔުން އޮތެވެ."ވީ އާ ޕްލީޒްޑް ޓު އިންފޯމް ޔޫ......" އޭނައަށް އެ ލަފުޒުތައް ބަރަކާތެއްފަދައެވެ. ނޫނީ ޗެލެންޖެއްހެއްޔެވެ؟ އޭނަގެ މަންމަ ބަލިވެއުޅުނަސް މަންމަ ދުނިޔޭގައި އެބަހުއްޓެވެ. ވަށައިގެން ތިބީ ރަގަޅު ހިތްހެޔޮ މީހުންނެވެ. މިރިއަމް ނެތަސް ހަމަ އެންމެ ރަގަޅު ނޫންހެއްޔެވެ؟ދެން ހަމަ އެތައްފަހަރު ތަކުރާރުކޮށް އޭނަގެ ޟަމީރު ވިސްނައިދޭ ޖުމްލަތައް ހަނދާންކޮށްދިނެވެ. އޭނަ ކިޔަވަނީވެސް މަންމައަށްޓަކައެވެ. މިއީ ހަމަ ރަގަޅު ނިންމުމެކެވެ. މަންމަވެސް ބޭނުންވާނީ އޭނަ ކާމިޔާބު މީހަކަށްވުމަށެވެ. ދުވަސްވީމީހުންނަށް އަޅާލުމަކީ މަންމައަށް ލިބޭ ޝަރަފެކެވެ. އެއީ ކިހާވަރެއްގެ މަތިވެރިކަމެއްހެއްޔެވެ؟ މަންމަ އޭނައަށް ދިން ތަރުބިއްޔަތުގެ ފުރިހަމަކަމެވެ. އޭނަ ޖެރިއޭޓްރިކް ނާސިން ހެދުމުން މަންމައަށް އެހީތެރިކަން އެންމެ ރަގަޅަށް ފޯރުކޮށްދެވޭނެއެވެ. އޭނަ އަށް ސެޓްފިކެޓް ލިބެންވާއިރަށް ރަށުގައިވެސް އެފަދަ މަރުކަޒަކާއި ފަރުވާދެވޭނެ ވަސީލަތްތައްވެސް ހުރެދާނެއެވެ. އޭނަގެ މި ދަތުރުން މަންމައަށް ވާނީ ގެއްލުމެއްނޫނެވެ. މަންފާއެވެ. ނަމަވެސް އަމިއްލަ ހިތަށް ޔަގީންކަމެއް ނުލިބުނެވެ. ފަހި ވިސްނުމާއެކު ދުވަސް ފެށުމަށް އޮވޭ ނޫންހެއްޔެވެ؟ ފަހި ވިސްނުންތަކާއެކު ހިނިތުންވުމަކުން ދުވަސް ފަށާށެވެ. ނޫނެކެވެ. އަދި މިއީ އެންމެ ރަގަޅެއްނޫނެވެ. ދުވަސްފަށަންވާނީ ފަޖުރު ނަމާދާއި ޒިކުރުންނެވެ. މިއަދު ނަސީބު ދެރަކަމުން ހޭނުލެވެނީއެވެ. ޔުނިވާސިޓީއަށް ދާމަގުމަތީގައި ދުޢާކޮށް ޒިކުރުކޮށްލާނީއެވެ. "ސްމައިލް މިރިއަމް. ސްމައިލް..." އިރުކޮޅެއްފަހުން އެނދުގައި ކުޑަގޮތަކަށް އިށީދެލާފައި ފޯނުން ގޫގުލް ހުޅުވައިލެވުނެވެ." އަލްޒައިމާސްގެ ކުރީކޮޅު ފަރުވާ ހޯދުމުން ބަލި ފަސޭހަވާނެހެއްޔެވެ؟" އޭނަ ޔަގީންކުރީ ހަމަ އެންމެ ރެއަކުންވެސް ޖަވާބު ބަދަލުވެދާނެކަމަށެވެ. ނަމަވެސް ހަމަ ކުރިންވެސް ލިބުނު ޖަވާބެވެ. ފަރުވާއެއްނެތެވެ. އެކި މަރުހަލާތަކެވެ. ބައެއް ބޭސްތަކެވެ. ތަންކޮޅެއް ކުރިން ބަލި ދެނެގަނެވިއްޖެއްޔާ ލަސްކުރެވިދާނެއެވެ. އުއްމީދީ ޖަވާބުތަކެއްނޫނެވެ. އޭނަގެ ފަހި ވިސްނުމަށް މާޔޫސްކަމުގެ ހިޔަނި އެޅެންފެށިއެވެ. އެތައް "ނަމަ"އެކެވެ. ހިތަށް މާ ބޮޑު ހަމަޖެހުމެއް ނުލިބުނެވެ. *** ޔުނިވަސިޓީ އޭނަ ޚިޔާލުކުރިވަރަށް ވުރެ ބޮޑުވެފައި ހައިބަތުހުއްޓެވެ. ހުދުކުލައިގެ ކޯޓުލައިގެން ތިބި ކުދިންގެ މޫނުތައް ތާޒާވެފައި ޖޯޝު ހުއްޓެވެ. ނޯޓްފޮތްތައް ހުޅުވަމުން ހިނިތުންވަމުން އެކަކު އަނެކަކަށް ތައާރަފުވަމުންދާތަން ފެނުނުއިރު އޭނަ ހުރީ ބާކީވެފައެވެ. ހިމޭންވެފައެވެ. ކޮނޑުގައި އަޅުވާފައި އޮތް ދަބަސް ރަގަޅުކޮށްލަމުން އޭނަ ކުރިއަށް ފިޔަވަޅު އެޅިއެވެ. ލޮބީގައި ހިފާފައިވީ އާ ފޮތްތަކާއިއެކު ސާފުވައިގެ ވަހެވެ. ކްލިޕްބޯޑެއް ހިފައިގެން އައި ނަރުހަކު ނަންތައް ޗެކްކޮށްލިއެވެ. މިރިއަމް ފަނދު ހިނިތުންވެމެއް ދީފައި ގޮސް ޖާގަ ހޯދީ އެންމެ ފަހަތުންނެވެ. އެހެންކުދިން އެކުވެރިން ހޯދުމާއި ހުނުމައި ކުޑައިރުގެ ވާހަކަތައް ހިއްސާކުރުމުގައެވެ. ބިއްލޫރި ދޮރެއްގެ ފަހަތުގައި އިނދެ އެ މަންޒަރުތަްއް ބަލާފަދައިން ބީރައްޓެހިކަމުގެ އިހުސާސްކުރެވުނެވެ. ދެން އޮތީ އަހުލުވެރިކުރުވުމެވެ. ޔުނިވާސިޓީގެ ޑީންއަކީ އިސްކޮޅުން ދިގު ހަރުކަށި އަޑެއްގެ ވެރިއެކެވެ. އޭނަ ހުރިހާ ދަރިވަރުންނަށް މަރުހަބާ ކިޔާފައި ތަގުރީރެއް ދޭންފެށިއެވެ. "ޖެރިއެޓްރިކް ކެއާއަކީ ހަމަ އެކަނި ސައިންސްއެއްވެސް ނޫން. އެއީ ހަނދާން ބެހެއްޓުން، އެމީހުންގެ ހަނދާންތައް ބެހެއްޓިތަނެއް ނޭގޭ މީހުން އެ ތަކުލީފުގައި އުޅޭއިރު އެމީހުންނަށް އެހީތެރިވުމާއި ލޯބިދިނުން.." އެސިކުންތުކޮޅު މިރިއަމްއަށް ހަށިގަނޑު ސީދާކޮށްލެވުނެވެ.ދަންނަ ވަހެއް ނޭފަތުގައި ޖެހުނީ ހަމަ ކުއްލިއަކަށެވެ. ކެމޮމައިލްގެ ވަހެވެ. އޭނަގެ ހިތް ލުހިގެން އަތަށް އައިފަދައެވެ. އެއީ އޭނަގެ މަންމަގެ ވަހެވެ. މަޑުމަޑު ދެނެފަރިތަ މަލެއްގެ ވަހެވެ. އޭނައަށް ފަހަތަށް ބަލައިލެވުނެވެ. ކުއްލިއަކަށް އެ ވަސް ނޭފަތުގައި ޖެހެން ވީ ކީއްވެހެއްޔެވެ؟އޭނަ މިއިނީ އެންމެ ފަހަތުގައި ހުރި ސީޓުބަރީގައެވެ. އެހިސާބުގައި މާ ވަށިގަނޑެއްނެތެވެ. ހަމައެކަނި ކެމޮމައިލްގެ ވަހެއްނޫނެވެ. އެމަލާއި ކާށި އަދިވެސް މާޒީގެ ހަނދާންތަކުގެ ތެރެއިން އެހެން ވަހެއްވެސް އެކުލެވުނެވެ. ވަގުތުން އެވަސް ދެނެގަނެވުނެވެ. ހިތާއި މުޅި ސިކުނޑިވެސް ދެނެހަތެވެ. އެކަމަކު މިތަނުގައި އިންދާ އެވަސް ނޭފަތުގައި ޖެހުނީ ކިހިނެއްހެއްޔެވެ؟ އެއީ ހަގީގަތަކަށް ނުވަންޏާ މިއީ "ފެންޓޮސްމިއާ"ހެއްޔެވެ؟ އެތަނެއްގައި ނެތް ވަހެއް ނޭފަތުގައި ޖެހުމެވެ. އެ ވަހާއިއެކު މާޒީގެ އެހެން ހަނދާނެއް ސިކުނޑީގައި ޖެހުނެވެ. މަންމަ ދުވަސްވީ ވަކަރު ފުނާއަކުން އޭނަގެ އިސްތަށިގަނޑު އޮމާންކޮށްދޭން ޖޯލީގައި އިނެވެ. "އެނގޭތަ؟ ކޮންމެވެސް ދުވަހަކުން މިރިއަމް ވަރަށް މޮޅު މަޝްހޫރު މީހަކަށްވާނެ އިރާދަކުރެއްވިއްޔާ...ބައްޕަވެސް އެހެންބުނެއެއްނު. ދޯ..." މަންމަގެ އެ ވާހަކަތަކާއި ބައްޕަވެސް އެއްބައިވެލިއެވެ. "މިރިއަމް ވާނީ ޑޮކްޓަރަކަށް ދޯ...ބަލިމީހުންނަށް އެހީތެރިވުމަކީވެސް އަޅުކަމެއް. ބައްޕަގެ ދަރިފުޅުހާ ރަގަޅު ހިތްހެޔޮކުއްޖެއް ނުހުންނާނެ. ދޯ ދޫނި..." މިރިއަމްއަށް ޚިޔާލުތަކުގެ ތެރެއިން ނުކުމެވުނީ ޑީން ގެ ވަރުގަދަ އަޑަށެވެ. "އެއީ ވަރަށް އަގުހުރި ޚިދުމަތެއް..ދުވަސްވީ މާމައިންނާއި މަންމަމެންނަށް އަދިވެސް ގާތް މީހުންނާއި ނުދަންނަ މީހުންނަށްވެސް ތިމާގެ މީހެއްފަދައިން އެހީތެރިވުން. ކޮންމެވެސް ދުވަހަކުން ތިމާވެސް އެފަދަ ޚިދުމަތަކަށް ބޭނުންވެދާނެ. މިކަމުގައިި ކެތްތެރިވުމާއި އިޚުލާސްތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ. އެމީހުންގެ ސިކުނޑި އެތަން މިތާ އެނބުރެން ފެށުމުން އެމީހުންނަށް ތިބާގެ ސިކުނޑި ބޮރޯ ކުރަންވެސް ދިނުން.. މިރިއަމްއަށް ހީވީ އެތަނުން އޮކްސިޖަން ހުސްވެ ނޭވާ ނުލެވުނުހެންނެވެ. އަވަހަށް ދަބަސް ހިފައިގެން އޭނަ އަވަސްވެގަތީ ހާމަތަނަކަށް ނުކުތުމަށެވެ. ހޯލުންގޮސް ބުލެޓިން ބޯޑާއި ހަމައިން އަދި ބިއްލޫރިދޮރުންގޮސް ގާހިރާގެ ހާމަ ވަޔަށް ނޭވާލެވުނެވެ. އެއާއެކު ކަރުނުން ލޯ ފުސްވިއެވެ. *** ޒުބޭރު ރުކަށް ލެނގިލައިގެން ހުރިއިރު އޭނަގެ ގަމީހުގައި ވައި އަޅު ވަމުން ދިޔައެވެ. ކަޅުކުލައިގެ ބޯވިލާތަކުން އުޑުމަތި އޮތީ ބައްދާލާފައެވެ. ކަނޑުވެސް ރުޅިވެރިކަމާއިއެކު ރާޅުތައް ބިންދަމުންދާގޮތުން ކޮންމެ އިރެއްގައިވެސް ވާރޭ ވެހިގެންފާނެކަން އެނގެއެވެ. އޭނަ ކޮންމެވެސް ނަމްބަރުތަކަށް ފިތައިލުމާއެކު ވަގުތުން އެމީހަކާއި ގުޅުނެވެ. "އަރީފް. ކޮންތާކު؟" "ބަލަ ރަށަށް ދިޔަގޮތަށް ގެއްލުނީމަ މަ އުޅުނިން ނޫހުގައި އިއުލާން ކުރަންވެސް...ކިހިނެއް ތިހަދަނީ؟ މިކޮޅަށް ނާންނަނީ؟" "ކަމަކު ކިޔަން....ވަރަށް ބޮޑުކަމެއް ކޮށްލަދޭންވެއްޖެ.." "އަވަހަށް ބުނޭ. ކޮންމެ ކަމަކު ކިޔަސް ހަމަ ތައްޔާރަށް..." "މާލެއިން އެޕާޓްމެންޓެއް ހޯދަދީބަލަ.މަށަކަށް ނޫން. އަޑުގަދަކަމާއި ހަލަބޮލިކަމަށް ނުރުހޭ މީހަކަށް. އެތަންވާން ޖެހޭނީ އަމާން ހިމޭންތަނަކަށް. ރަށްފުށުގެ ހިތްފަސޭހަކަން ހުންނަން ވާނެ..." "ވަރަށް ޅެން ބަހުރުވައިން ވާހަކަ ތިހިރީ. އެހާ ސީރިޔަސްތަ؟ އަންހެންކުއްޖެއް ދޯ..ރަށްފުށު އަންހެންކުދިންނާއިހެދި އުޅޭ ޓައިޕްކަމަކަށް ހިޔެއްނުކުރަން.." އަރީފް ހިނިގަނޑެއް ޖަހައިލިއެވެ. "އެތަނުގައި ބަގީޗާއެއް އޮންނަންވާނެ. އަސްލު ގަސްތަކާއި މާތައް..އެ ހެޔޮ ބެލްކަނީގައި ޕޮޓްތަކާއި އެކިވައްތަރުގެ މާއަޅާ ގަސްހެއްދިޔަސް. މޫދު ފެންނަ ތަނެއްވިއްޔާ ބޮޑަށް ރަގަޅީ....ޖާގަ ބޮޑު ބެލްކަނީއެއް އިނގޭ..."ޒުބޭރު ޝަރުތުތައް ކިޔައިދިނެވެ. "ކޮން ކުލައެއް؟" "ހުދުމާތަކެއް ޖަހާފައި ހުންނަ ވޯލްޕޭޕާ.އެކަމަކު އެ މަލުގެ ނަން ހަނދާނެއްނެތް. އެކަމަކު އެނގެއެއްނު. ބައެއް އަންހެންވެރިން އެމަލުން ސައި ބޮއި..ކްރީމް ނޫނީ ނޫކުލަވެސް ރަގަޅުވާނެ....." އަރީފް ތުނބުން ފުމެލިއެވެ."ވާއު.. ކައިވެންޏަށް ތައްޔާރުވަނީ ދޯ.." "ސޯ...ތައްޔާރުކުރެވޭނެ؟" "އެންމެ ރަގަޅު. މަހެއް ހާ ދުވަސްވެދާނެ. އަހަންނަށް އެ ހިސާބުގަނޑު އެނގިއްޖެ. މޫދުވެސް ކައިރިވާނެ. ތިބުނާގޮތަށް ފާނިޝް ކޮށް ތައްޔާރުކޮށްލަދީފާނަން. އިތުރަށް ކޮންކަމެއް ބޭނުމީ؟" "ނޫން. ހަފްތާއަކުން ނިންމަންވާނެ.."ޒުބޭރު އެންގިއެވެ. އޭނަގެ ޚިޔާލަށް އައީ މިރިއަމް އެގެއަށް ވަންނަ ތަނެވެ. މަންމަ އެގެއިން ފެނުމުން މިރިއަމްގެ މޫނުގެ ކުލަވަރު ބަދަލުވާނެކަން ޔަގީނެވެ. އެހިތުގައި އޭނައަށްޓަކާ އޮތް ޖަޒުބާތުވެސް ބަދަލުވެދާނެއެވެ. ތުނިކޮށް ވެހެންފެށި ވާރެއާއެކު ވައިގަދަވާން ފެށުމުން އަވަހަށް ހިޔާވެލާނެ ތަންކޮޅެއް ހޯދަން ހިނގައިގަތްތަނާ ފޯނު ރިންގުވިއެވެ. އެއީ ޖަމީލާއެވެ. ހައިރާންކުރުވަނިވި ކަމެކެވެ. އެއްވެސް މީހަކަށް އެގޮތަށް ގުޅާ ހެދުމަކީ މިފަހަކަށް އައިސް ޖަމީލާ ކުރާކަމަކަށް ނުވާތީއެވެ. "ޖަމީލާއްތަ؟"ޒުބޭރު އަވަހަށް ފޯނުނެގިއެވެ. "ޒުބޭރު..ނިކަން އަވަހަށް އާދޭ..ހަމަ މިހާރު.."އެ އަޑުގައިވީ އަވަސްކަމެވެ. "ކިހިނެއްވީ؟ކަމެއް ދިމާވީތަ؟"ޒުބޭރު ކަންބޮޑުވިއެވެ. ވާރޭވެހެން ފެށުމުން ބިރުގަތީކަމަށް ވެދާނެއެވެ. "އާދޭ....."ޖަމީލާގެ އަޑު މަޑުވިއެވެ."އެއްގޮތަކަށްވެސް އޭނައަށް އިތުބާރުނުކުރެވޭ..އެމީހުން ވާހަކަ ދައްކަނީ. އަޑު އެބައިވޭ.. ޒުބޭރު އަވަހަށް އާދޭ. ހަމައެކަނި ދޮގު ނަހަދާ މީހަކީ ތިއީ......." "ހަމަ މިހާރު މިދަނީ..." ޒުބޭރު އެގެއާއި ހަމަޔަށް ފޯރިއިރު ވަކަރު ދޮރު ލައްޕާލާފައި ހުއްޓަސް ތަޅުލާފައެއްނެތެވެ. އިސްތަށިގަނޑުން ފެންތިކިތައް ފޮޅައިލަމުން އޭނަ އެތެރެއަށް ވަނެވެ. 'ޖަމީލާއްތަ؟" އޭނަ މަޑުމަޑުން ގޮވައިލިއެވެ. ޖަވާބެއްނައެވެ. އެކަނި އިވޭއަޑަކީ ފަންކާގެ މަޑު ނާނާއާއި ފުރާޅުން ފެން ފައިބާ އަޑެވެ. އޭނަ ކޮޓަރިއައި ދިމާލަށް ހިނގައިގަތްތަނާ ފާޚާނާ ކޮޓަރީގެ ދޮރު ހުޅުވައިލެވުނު އަޑަށް ބަލައިލެވުނެވެ. އެތަނުން ނުކުތީ ސަޔާރާއެވެ. ނިގާބު ވެސް ނެތި އަތުކުރި އޮޅާލައިގެންހުރިއިރު މޫނުން ފެންތިކި ފައިބައެވެ. ވުޟޫކޮށްލައިގެން އޭނަ ނުކުތީ ޖަމީލާއާއި ޒުލޭޚާ ނޫންމީހަކު އެގެއަށް ނުވަންނާނެކަމުގެ ޔަގީންކަމުގައެވެ. ސިކުންތުކޮޅަކަށް ދެމީހުންގެ ނަޒަރު ބައްދަލުވުމާއެކު ސަޔާރާ ހަޅޭއްލަވައިގަތީ އިފުރީތެއް ފެނުނުފަދަ ގޮތަކަށެވެ. "ޢަސްތަޣުފިރުﷲ..." ރުވައިލި ދުނދަނޑިއެއްހެން އަނބުރާލަފައިގޮސް ފާޚާނާ ކޮޓަރިއަށްވަދެ އޭނަ ދޮރު ތަޅުލިއެވެ. އެސިކުންތުކޮޅު ޒުބޭރުވެސް ހަމަ އެނބުރިލީ އެހާ ހަލުވިކޮށެވެ. އަތް އުފުލައިލީ އަމާންދޭފަދަ ގޮތަކަށެވެ. އެކަމަކު އަމާން ދެވުނީ ފާރަށެވެ. "އައިމް ސޯ ސޮރީ. ނޭގުނު....އަހަރެން އެއްވެސް އެއްޗެއް ނުދެކެން..." އޭނަ އެހެން ބުންޏަސް ހަގީގަތަކީ އެއީއެއްނޫނެވެ. އޭނައަށް ސަޔާރާގެ މޫނު ފެނުނެވެ. ވިދާ އޮމާން މޫނެކެވެ. ބޮޑު ލޮލެވެ. ސްކޫލްގައި އޭނަ ދެކެ ފަރިތަ ސަޔާރާއަކާއި ތަފާތެއްނެތެވެ. ތަންކޮޅެއް ސިފަތައް އިތުރަށް ފުރިހަމަވީއެވެ. އެކުދިން ކިޔެވީ އެކީގައި ނޫންހެއްޔެވެ؟ ޖަމީލާވެސް ކޮޓަރިން ނުކުމެގެން އައެވެ."އެކުއްޖާވެސް ހަލާކުވެ ނިމިއްޖެ.." "ކާކުތަ ޖަމީލައްތަ؟" ޒުބޭރުއަށް ނޭގުނެވެ. "ސަޔާރާ..."ޖަމީލާ ރުޅިވެރިގޮތަކަށް ކިޔައިލިއެވެ."އެ ފަކީރު ކުރިން ވަރަށް އަޅުވެރިކޮށް އުޅުނީ..އެކަމަކު ޒުލޭޚާއާއި ޖެހުނުފަހުން ލައްކަ ނުބައިވެއްޖެ. އޭނަ ސަޔާރާއަށް ސިހުރު ދަސްކޮށްދެނީ..މިހާރު ވީ ބަދިގޭގައި.އަހަރެން ކަޅި އަޅައިގަތީމަވެސް ހުއްޓާނުލިއޭ..." ޒުބޭރުގެ ސިކުނޑިއަށް ބާރުވެލިއެވެ. އޭނައަށް ޖަމީލާގެ ސިކުނޑިތެރޭގައި ހިނގާ ކަންތައްތައް ވިސްނުނެވެ. ކޮންމެވެސް ބިރުވެރިކަމެއް އުފަންވެ ދެން އެ ބިރުވެރިކަމުގެ ތެރެއަށް އަމިއްލަ ވިސްނުންތައް ލެވެނީއެވެ. "ޖަމީލައްތަ..ސަޔާރާ އުޅެނީ އެހީވާން. ކުޑައިރުއްސުރެ އެކުއްޖާ ދަންނަމެއްނު.މިރިއަމްގެ އެންމެ ގާތް އެކުވެރިޔާ. ޒުލޭޚާއްތަވެސް އުޅެނީ ކޮންމެވެސް މީރު ކާއެއްޗެއް ހަދަންވެގެން އޭރުން ރަގަޅުވާނީ...." ޖަމީލާ ތުންފިތާލަމުން އަނެއްފަރާތަށް އެނބުރުނެވެ. "އަހަންނަށް ފެންނަ ކަންތައް....ހުރިހާކަމެއް އެނގޭ.. ސިހުރުހަދާއިރުވެސް ފަނި ހިރޭހެން ހިރެނީ.....ނުލަފާ އަންހެނެއް....." ޒުބޭރު ސަލާމް ގޮވާލާފައި ބަދިގެއަށް ވަނެވެ. ޒުލޭޚާ ހުނިގޮނޑީގައި އިށީދެލައިގެން ކާށިގާނަން އިންއިރު ލޮލުގައި ކަރުނައިގެ ތިކިތައް ވިދައެވެ. މޭޒުމަތީގައި ހުރި ލޯގަނޑުގައި މަހާއި ފިޔާ،ލުނބޯ އަދި މިރުަސް އެއްކޮށްލާފައި ހުއްޓެވެ. ޒުލޭޚާ ކާށު ހުންޏާއި އެކު މަސްގަނޑު މޮޑެލުމުން ކުޅުދިޔާވާފަދަ މީރުވަހެއް ދުވަންފެށިއެވެ. "ޖަމީލައްތަ ގުޅައިގެން ދޯ ތިއައީ؟ ދުވަހަކަށްވުރެ ދުވަހެއް ބަލިބޮޑުވަނީ. ވާނުވާއެއްވެސް އަހަރެމެންނަށް ރަގަޅަށް ނޭގޭ. އެކަމަކު ހިތަށް ހާދަ އަސަރުކުރެއޭ މިވާހަކަތައް މިރިއަމްގާތުގައި ނުބުނެވޭތީ. މިރިއަމް އެކަނި ހުއްޓާ މިވާހަކަތައް ދައްކައިފިއްޔާ ކިހިނެއް ކެތްކުރާނީ...." ޒުލޭޚާ ގެ އަޑުގައިވީ މޮޅިވެރިކަމެވެ. ޒުބޭރުވެސް އެކަމާއި ދެރަވިއެވެ. ޒުލޭޚާއަކީ ރަގަޅު ހިތްހެޔޮ އަވަށްޓެރިއެކެވެ. އެކަމަކު ބަލީގެ ގޮތުން ޖަމީލާއަށް އެމީހުންނާއިމެދުވެސް ދެކެވެނީ އަދުއްވުންކަމުގައެވެ. "ޖަމީލާއްތަ..ބަލާބަލަ. މިހިރީ މަސްހުނި ހަދާލާފައި.."ޒުބޭރު އެތިކޮޅެއް އަނަގަޔަށް ލިއެވެ."މްމްމް...ވަރަށް މީރު..ޖަމީލާއްތަވެސް ކާނަންދޯ. ވިއްސާރަ ދުވަހެއްގައި ހޫނުސަޔާއިއެކު ރޮށްޓާއި މަސްހުނި........" އޭނަ އުޅުނީ އެއީ ގޯސް އެއްޗެއް ނޫންކަން ޖަމީލާއަށް ޔަގީންކަން ދޭށެވެ. އެކަމަކު ޖަމީލާ ބާރު ބާރަށް ހިނގައިގަތްތަން ފެނިގެން އޭނަވެސް ފަހަތުން ގޮސް އަރާ ހަމަކުރިއެވެ. "ޒުބޭރުވެސް އެމީހުންގެ ފަޅިއަށް އެރީތަ؟" އޭނަ ހިމޭންކަން ޚިޔާރުކުރިއެވެ. މި ދިމާލަށް ވާހަކަ އަންނައިރު ދެކޮޅަށް އެއްޗެކޭ ބުނުމަކީ އެންމެ ރަގަޅުގޮތެއްނޫނެވެ. ވިސްނާދޭން މަސައްކަތްކުރުމަކީ ހައްލެއްނޫނެވެ. އޭނައަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. އެހެންމީހުންނަށް ނުފެންނަ އެއްޗަކާއި ހަގުރާމަކުރަނީއެވެ. މިރިއަމް މިތަނުގައި ހުންނަން ޖެހޭނެކަމުގައި އޭނަގެ ހިތް ބުނަންފެށިއެވެ. މަންމަ ގާތުގައި މިިރިއަމް ހުންނަން ޖެހޭ އެންމެ މުހިއްމު ދުވަސްކޮޅެވެ. މިރިއަމް އެކަމާއި ފަހުން ހިތާމަކުރާތަން ދެކެން ޒުބޭރުވެސް ބޭނުމެއްނޫނެވެ. ކޮންމެ ކަމަކު މިސްރަށް ދިޔަސް މިއަށްވުރެ އެކަމެއް މުހިއްމު ނުވާނެކަން ޔަގީނެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އޭނަ މިރިއަމް މިކޮޅަށް ގެންނާނެއެވެ. ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ