އެމެރިކާގައި ހިމަބިހި ފެތުރެނީ، ދެ ކުދިން މަރުވެއްޖެ
އެމެރިކާގެ ޓެކްސަސްގެ ހުޅަނގު ސަރަހައްދުގައި ހިމަބިހި ފެތުރެން ފަށައިފިއެވެ. އެ ބަލި ޖެހިގެން މިހާތަނަށް ދެ ކުދިން މަރުވެފައިވާއިރު، އެއް ކުއްޖަކަށް ހިމަބިހިން ދިފާއުވުމަށް ދޭ ވެކްސިން ދީފައިނުވާ ކަމަށް އޮފިޝަލުން ހާމަކުރެއެވެ. ޓެކްސަސްގެ މެޑިކަލް ސެންޓަރެއް ކަމަށްވާ ޔޫއެމްސީ ހެލްތު ސިސްޓަމްގެ ވައިސް ޕްރެޒިޑެންޓް އާރޮން ޑޭވިސްއާ ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ކުއްޖާއަކީ ސްކޫލަށްދާ އުމުރުގެ ކުއްޖަކެވެ. ހިމަބަހި ފެތުރެމުންދާއިރު ވެސް، އެކަން މާބޮޑު ކަމަކަށް ނުހައްދަވައި ވެކްސިން ދިނުމަކީ މުހިންމު ކަމެއް ނޫން ކަމަށް ވާހަކަ ދައްކަވާފައިވާ އެމެރިކާގެ ހެލްތު ސެކްރެޓަރީ ރޮބަޓް އެފް ކެނެޑީ ޖޫނިއާ އާދީއްތަ ދުވަހު ވަނީ ޓެކްސަސްއަށް ޒިޔާރަތް ކުރައްވާފައެވެ. މިއަހަރުގެ މިހާތަނަށް އެމެރިކާގައި ހިމަބިހީގެ 600 އަށްވުރެ ގިނަ ކޭސް ފެނިފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ ތިން ގުނަ އިތުރު އަދަދެއް ކަމަށް ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ހާމަކުރެއެވެ. މިއަހަރުގެ ގިނަ ކޭސްތަކަކީ ވެސް ވެކްސިން ނުޖަހާ މީހުންނަށް ހިމަބިހި ޖެހިގެން ރިޕޯޓުކުރި ކޭސްތަކެވެ. ޓެކްސަސްއިން މިއަހަރުގެ މިހާތަނަށް 480 އަށް ވުރެ ގިނަ މީހުންނަށް ހިމަބިހި ޖެހިފައިވާއިރު، އަވަށްޓެރި ސްޓޭޓްތަކަށް ވެސް ބަލި ދަނީ ފެތުރެމުންނެވެ. އެމެރިކާއިން 2،000 ވަނަ އަހަރު އެގައުމުން މީސްލްސް ނައްތާލެވިފައިވާ ކަމަށް އިއުލާން ކުރި ނަމަވެސް އޭގެ ފަހުން އެ ބަލި ފެތުރޭ މިންވަރު ވަނީ އިތުރުވެފައެވެ. ހުމުގެ އިތުރުން ބިހި ނަގައި، ކެއްސުމާއި އެހެނިހެން އަލާމާތްތައް ހިމަބިހި ޖައްސާ ވައިރަސް އަކީ ނިއުމޯނިއާ، ސިކުނޑި ދުޅަވުން ފަދަ ފުރާނައަށް ނުރައްކާވާ ފަދަ ބަލިތައް ޖައްސާ ވައިރަހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ