މާލެ ސަރަހައްދުގައި ދުއްވާ އުޅަނދުތަކުގެ އަދަދު މަދުކުރުމާ ބެހޭ ގޮތުން އާންމުންގެ ހިޔާލު ހޯދަން ހުޅުވާލަން މާލޭ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.
ވީ ކިހިނެއް؟ - މާލޭ ސަރަހައްދުގައި އެންމެ ގިނަވެގެން ބޭނުންކުރެވޭނެ އުޅަނދުތަކާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓު ޝާއިއުކޮށް، އެކަމަށް ހިޔާލު ހޯދަން ހުޅުވާލަން ނިންމީ މިއަދު ބޭއްވި މާލެ ކައުންސިލުގެ ބައްދަލުވުމުގަ އެވެ. މި ބައްދަލުވުމުގައި ނިންމީ އާންމުން އެކަމާ ދޭތެރޭ ދެކޭ ގޮތް ބަލަން އެކަމަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ދެ ހަފްތާއަށް ހުޅުވާލުމަށެވެ.
ބުނީ ކީކޭ؟ - މި ބައްދަލުވުމުގައި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހް ވިދާޅުވީ އުޅަނދުތައް މަދުކުރުމާ ބެހޭ ގޮތުން އިސްލާމިކް ޔުނިވަސިޓީން ތައްޔާރުކޮށްފައިވާ ރިޕޯޓުގައިވާ ގޮތުން، މާލެ ސަރަހައްދުގައި ބޭނުންކުރާ އުޅަނދުތަކުގެ އަދަދު %25އަށް ދަށްކުރަންޖެހޭ ކަމަށެވެ.
ކުއްލިއަކަށް މާލެ ސަރަހައްދުން އެހާ ބޮޑަށް އުޅަނދުތަކުގެ އަދަދު މަދުކޮށްލުމުން ބޮޑެތި ދަތިތަކެއް ކުރިމަތިވާނެކަން ފާހަގަކުރައްވައި ސައިފް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
ރިޕޯޓުގައިވާ ގޮތުން:
މިހާރު މާލެ ސަރަހައްދުގައި 199،472 އުޅަނދު ދުއްވާ
އެކަމަކު މާލެ ސަރަަހައްދުގެ މަގުތަކާއި އެހެނިހެން ވަސީލަތްތައް ހުރި ގޮތުން މި ސަރަހައްދަށް އެކަށީގެންވަނީ 89،000 އުޅަނދު
"ވަރަށް ބޮޑު، އެހާ ބޮޑު ޑްރެމެޓިކް ރިޑަކްޝަނެއް އަޅުގަނޑުމެން ކުއްލިއަކަށް ގެންނަ ކަމުގައި ވަންޏާ ވަރަށް ބޮޑު ދަތިތަކެއް އާންމުންނަށް ވެސް ފޯރާނެ އަދި މާލެ ސަރަހައްދުގެ އާންމު ދަތުރުފަތުރުގެ ނިޒާމު ހުރީ ވެސް އެ ވަރަށް މެޗުއާ ވެފައެއް ނޫން. އެހެންވީމާ އަޅުގަނޑު ހިތުން އާންމުންގެ ވިސްނުމާ އެކު މިކަން ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭނެއް ގެންނަންޖެހޭ ކަމަށް ގަބޫލުކުރެވޭ،" ސައިފް ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި މޭޔަރު އާދަމް އާޒިމް ވެސް ވިދާޅުވީ އެކަން ކުރާނެ ގޮތުގެ ޕްލޭނެއް އޮންނަންޖެހޭ ކަމަށް އޭނާއަށް ވެސް ގަބޫލުކުރެވޭ ކަމަށާއި އާންމުންގެ ހިޔާލަށް ހުޅުވާލުމުން އެކަމުގައި ކުރިއަށްދާންވީ ގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، މިއަދުގެ ބައްދަލުވުމުގައި ފާސްކުރީ އެ ރިޕޯޓަށް ހިޔާލު ހޯދަން މާދަމާ އެ ރިޕޯޓު އާންމުކުރުމަށެވެ. އަދި ރިޕޯޓަށް ހިޔާލު ހުށަހަޅަން ދެ ހަފްތާ ދޭން ނިންމި އެވެ.
އެނގުން މުހިންމު - މާލެ ސަރަހައްދުގައި އެންމެ ގިނަވެގެން ބޭނުންކުރެވޭނެ އުޅަނދުތަކުގެ އަދަދުތަކެއް ކަނޑައަޅައި އުޅަނދުތަކުގެ އަދަދު މަދުކުރުމުގެ ބޭނުމަކީ މިހާރު މާލެ ސަރަަހައްދަށް ކުރިމަތިވެފައިވާ ޕާކިން މައްސަލަތައް ހައްލުކޮށް ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމެވެ.
މާލެ ސަރަހައްދުން އުޅަނދުތައް މަދުކުރަން އާންމުންގެ ހިޔާލު ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ