ސިޔާމް ނަސޭހަތްތެރިވެވަޑައިގަތީ ރޯދައިގެ ފުރިހަމަ ސަވާބު ހޯދުމަށް ފަރުވާތެރިވުމަށް

ރަމަޟާން މަހުގެ ރޯދައިގެ ފުރިހަމަ ސަވާބު ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް އެމްޑީއޭގެ ރައީސް، އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުޙައްމަދު މިރޭ ނަސޭހަތްތެރިވެވަޑައިގެންފިއެވެ. މާދަމާއަކީ މި 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށް، ހަނދު ސާބިތުކުރުމަށްފަހު އިސްލާމިކް މިނިސްޓްރީން މިރޭ ވަނީ ކަނޑައަޅައިފައެވެ. އެއާއެކު މިރޭ ނެރުއްވި ބަޔާނެއްގައި ސިޔާމް ވަނީ ރަމަޟާން މަަހުގެ ހެޔޮ އެދުންތައް ދިވެހި އެންމެހާ ރައްޔިތުންނަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހާ މުސްލިމުންނަށް ރަމަޟާން މަހުގެ ހެޔޮ އެދުންތައް އަރިސްކުރައްވައިފައެވެ. އެ މަނިކުފާނު ވިދާޅުވީ ރަމަޟާން މަހަކީ މާތްﷲ އާ މުސްލިމުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް އަމިއްލަ ނަފްސު އިސްލާހުކޮށް އިމާންތެރިކަން ވަރުގަދަކުރަން މަގުފަހިކޮށްދޭ މައްސަރެއް ކަމަށެވެ. އަދި މި މަހުގައި ލިބެނީ ރޯދައާއި، ނަމާދާއި، ސަދަގާތާއި ރޭ އަޅުކަން އަދައިކުރުމުގެ މަތިވެރި ސަވާބު ކަމަށާއި، މިއީ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ވެސް ނަފްސުތައް ހެޔޮ މަގަށް ގެނައުމަށް ލިބޭ އަގުހުރި ފުރުސަތެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އެއާއެކު އެ މަނިކުފާނުވަނީ މި ރަމަޟާން މަހު ވެސް، މި މަހުގެ ފުރިހަމަ ސަވާބާއި ދަރުމަ ހޯދުމަށް ރޯދައާއި، ނަމާދާއި، ރޭ އަޅުކަމާއި، ސަދަގާތް ދިނުމަށް ފަރުވާތެރިވުމަށް އެދިވަޑައިގެންފައެވެ. ސިޔާމް ވަނީ ރަމަޟާން މަސް ބައްދަލުކުރިއިރު، އިސްރާއިލުން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް ދެމުން ގެންދާ ހަމަލާތަކައި އެ މީހުން ތިބި ނާޒުކު ހާލަތު ހަނދާންކޮށް އެ ރައްޔިތުންނަށް ދުއާކުރުމަށް ގޮވައިލައްވައިފައެވެ. އަދި އެ އަނިޔާތައް ހުއްޓުވުމުގައި ބައިނަލްއަގްވާމީ މުޖުތަމައުގެ ސަމާލުކަން ހޯދުމަަށް މަސައްކަތް ކުރުމަށް ވެސް އެދިވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ