ސައިފަށް ދިން ހަމަލާ ބޮޑު ޖޯކަކަށްވެ، ގަބޫލު ނުކުރެވޭ އެތައް ކަމެއް؟

ދާދި ފަހުން އިންޑިއާގެ އެކްޓަރު ސައިފް އަލީ ޚާންއަށް ދިން ހަމަލާ އިންޑިއާގައި ޖޯކަކަށްވެ، ޤަބޫލު ނުކުރެވޭ ގިނަ ކަންކަން މި ހާދިސާއާ މެދު ވިސްނާލުމުން ފެންމަތި ވަމުން އަންނަ ކަމަށް އިންޑިއާގެ މީޑިއާ ތަކުން ބުނަން ފަށައިފިއެވެ. މި ހާދިސާގެ މައްޗަށް ބިނާކޮށް އިންޑިއާ ޓުޑޭއިން ނެރެފައިވާ ރިޕޯޓެއްގައި އެ ޗެނަލްގެ ނޫސްވެރިޔާ/ލިޔުންތެރިޔާ ޝިވް އަރޫރް ވަނީ ހާދިސާއާ ގުޅިގެން މަދުވެގެން 10 ކަމެއް ފާހަގަކުރެވޭ ކަމަށް ބުނެފައެވެ. އެގޮތުން އިންޑިއާގެ އެންމެ ނުފޫޒުގަދަ ފިލްމީ އާއިލާއަށް ނިސްބަތްވާ ދެމަފިރިން ދިރިއުޅޭ އެޕާޓްމަންޓު ހުރި އިމާރާތުގެ މައި ގޭޓުން އެއްވެސް ކަހަލަ ނުރައްކަލެއް ނުވަތަ އެލާމެއް ނުވެ އާދައިގެ ވައްކަން ކުރާ މީހަކަށް އެހާ ފަސޭހައިން ވަދެވުނީ ކިހިނެއް ކަމާމެދު ސުވާލު އުފެދޭ ކަމަށް ނޫސްވެރިޔާ ޝިވް ވަނީ ސުވާލު އުފައްދައިފައެވެ. ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ވައްކަން ކުރަން ވަތް މީހާ އެ އިމާރާތަށް ވަތްއިރު އެތަނުގެ ސެކިއުރިޓީ ބަލަހައްޓާ މީހާއަށް އޮތީ ނިދިފައެވެ. ނަމަވެސް އެއީ ގަބޫލުކުރަން ދަތި ވާހަކައެއް ކަމަށާއި އެހާ ހައި ޕްރޮފައިލް ތަރިން ދިރިއުޅޭ އިމާރާތުގެ ސެކިއުރިޓީން ނިދާފައި ތިބި ކަމަށް ބުނާ ވާހަކައިން ދޭހަ ވަނީ ކޮންމެވެސް ކަމެއް ފޮރުވަން އެ އާއިލާއިން އުޅޭކަމަށް ކަމުގައި މީޑިއާތަކުން ވަނީ ބުނެފައެވެ. ސައިފް އަލީ ޚާން އަދި އަންހެނުން/ބަތަލާ ކަރީނާ ކަޕޫރު ޚާން--ފޮޓޯ/އީޓީވީބާރަތު އަނެއްކާ ހައިރާންވާންޖެހޭ އަނެއް ކަމަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު ބަތަލާ ކަރީނާ ކަޕޫރު ޚާންގެ އާއިލާއިން ދިރިއުޅޭ އިމާރާތުގެ ކޮރިޑޯގައި ސީސީޓީވީ ކެމެރާ ހަރުކޮށްފައި ނެތް ކަމަށް ބުނާ ބުނުން ކަމަށް އިންޑިއާ ޓުޑޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މިއީ ވަރަށް ހެއްވާ ވާހަކައެއް ކަމަށާއި އިންޑިއާގެ އެންމެ އާދައިގެ ފްލެޓްތަކުގެ ކޮރިޑޯގައި ވެސް ސީސީޓީވީ ކެމެރާ ހަރުކޮށްފައި ހުރިއިރު ސައިފް ދިރިއުޅޭ އިމާރާތުގައި ކެމެރާ ހަރުކޮށްފައި ނެތުމަކީ ސުވާލު އުފެދޭ ކަމެއްގެ ގޮތުގައި މި ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. ސައިފަށް ހަމަލާދިން ވަގުތު ގޭގައި މަސައްކަތު މީހުންގެ ގޮތުގައި ގެންގުޅޭ ހަތަރު ފިރިހެން މުވައްޒަފުން ތިބި ކަމަށާއި ނަމަވެސް އެއިން އެއްވެސް މީހަކު ސައިފަށް އެހީވުމަށް ނުދިޔުމުން ޝައްކު އުފެދޭ ގިނަ ކަންކަން މިހާދިސާގައި އެބަހުރި ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ. ހަމައެއާއެކު ބައެއް މީޑިއާ ރިޕޯޓުތަކުން ސައިފްގެ އާއިލާއާ ހަވާލާދީ ބުނެފައި ވަނީ ޢުމުރުން އެންމެ އަށް އަހަރުގެ ތައިމޫރު އެ ރޭ ސައިފާ އެކު ހޮސްޕިޓަލަށް ދިޔަ ކަމަށާއި ސައިފް ހޮސްޕިޓަލަށް ގެންދިއުމުގައި އިސްކޮށް އުޅުނީ ދޮށީ ފިރިހެން ދަރިފުޅު އިބްރާހީމް އަލީ ޚާން ކަމަށެވެ. އެހާ ތުއްތު ކުއްޖަކު އެފަދަ ނާޒުކު ވަގުތެއްގައި ބައްޕައާ އެކު ހޮސްޕިޓަލަށް ދިޔައިރު ބަތަލާ ކަރީނާ ކަޕޫރު ސައިފާ އެކު ހޮސްޕިޓަލަށް ނުދިޔުމަކީ ވެސް ހައިރާންވާންޖެހޭ ކަމެއްގެ ގޮތުގައި ޓައިމްސް އޮފް އިންޑިއާގައި ނެރުނު ރިޕޯޓެއްގައި ވަނީ ބުނެފައެވެ. އިންޑިއާގެ ޝާހީ އާއިލާ ޕަތައުޑީ އާއިލާއަށް ނިސްބަތްވާ އެކްޓަރަށް ދިން ހަމަލާގެ ތުހުމަތުގައި ހައްޔަރު ކުރެވުނު ބަންގްލަދޭޝް މީހެއް ކަމަށް ބުނާ މީހާގެ ފޮޓޯ އާއި ސީސީޓީވީ ފުޓޭޖްތަކުން ފުލުހުން އާއްމުކުރި ފޮޓޯގައި ފެންނަ މީހާއާ މުޅިން ތަފާތު ކަމަށާއި ބަންގްލަދޭޝްއަށް ނިސްބަތްވާ މީހަކަށް އިންޑިއާގައި އެހާ މިނިވަންކަމާ އެކު ދިރިއުޅެވުނީ ކިހިނެއްކަމާ މެދު ވެސް ސުވާލު އުފެދޭ ކަމަށް މީޑިއާތަކުން ވަނީ ފާހަގަކޮށްފައެވެ. ބައެއް ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ސައިފަށް ހަމަލާ ދިނުމަށްފަހު މި މީހާ ދެ ގަޑިއިރު ވަންދެން އުޅުނީ އެ އިމާރާތުގެ ބަގީޗާތެރޭގައެވެ. އެތަނުގައި ފިލާފައި އޮތުމަށްފަހު އޭނާ އެތަން ދޫކޮށް ދިޔައީ ހެދުން ބަދަލުކޮށް ކެއިން ބުއިމުގެ ކަންކަން ނިންމާލުމަށްފަހު ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ހަމައެކަނި ފައިސާގެ ބޭނުމުގައި ސައިފް ދިރިއުޅޭ އެޕާޓްމަންޓަށް ވައްކަން ކުރަން ވަތް މީހަކު ކަމަށް ބުނެ އެއްވެސް ކުށެއް ނެތް މީހަކު އާއްމުން ކުރިމައްޗަށް ގެނައި ކަމަށް މިހާރު ހީވާ ކަމަށާއި މުމްބާއީ ފުލުހުން އަވަހަށް މި މައްސަލަ ނިންމާލަން އުޅޭހެން ހީވާ ކަމަށް އިންޑިއާ ޓުޑޭއިން ނެރުނު ރިޕޯޓުގައި ވަނީ ބުނެފައެވެ. ސައިފަށް ލިބުނު ޒަޚަމްތަކުގެ ތަފުސީލުތައް މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލުގެ ޑޮކްޓަރުން އެއްވެސް ސެންސަރެއް ނެތި މީޑިއާތަކާ ހިއްސާ ކުރަމުން ދިޔައިރު މިއީ އާއްމުކޮށް ހައި ޕްރޮފައިލް ތަރިންގެ ވަރަށް ޒާތީ މައުލޫމާތު ކަމަށްވެފައި އާއިލާއިން ނޫސްބަޔާނެއް ނުނެރެ ސީދާ ޑޮކްޓަރުން މީޑިއާއަށް މައުލޫމާތު ދިނުމުން ވެސް ހައިރާންކަން ގެނުވާ ކަމަށް ޗެނަލްގެ ނޫސްވެރިޔާ ޝިވް ވަނީ ބުނެފައެވެ. ސައިފަށް ސީރިއަސް ޒަޚަމްތަކެއް ލިބި މައިބަދައަށް ސީރިއަސް އަނިޔާތަކެއްވެ އައިސީޔޫގައި ފަރުވާދިން ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. ނަމަވެސް މީގެ ހަ ދުވަސް ކުރިން ސައިފް ގެއަށް ދޫކޮށްލިއިރު ޑޮކްޓަރުން ބަޔާންކުރި ފަދަ ޒަޚަމްތަކަކަށް ފަރުވާ ހޯދި މީހެއްގެ ފަރާތުން ފެންނަ ކަންކަން ސައިފްގެ ފަރާތުން އާއްމުންނަށް ފެނިފައި ނުވާކަމަށް ބުނެ މީޑިއާ ތަކުން ވަނީ ސުވާލު އުފައްދާފައެވެ. އާއްމުންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެކްޓަރު ސައިފް އަލީ ޚާން ހެޔޮ ހާލުގައި ހުރުމުން އެކްޓަރުގެ ސަޕޯޓަރުން ވަރަށް ބޮޑަށް އުފާފާޅުކޮށް ޝުކުރު ކުރި ނަމަވެސް ސައިފްގެ އާއިލާއިން ވަރަށް ގިނަ ކަންކަން ސިއްރުކުރަން އުޅޭކަމުގެ ހެކިތައް ފެންނަން އެބަހުރި ކަމަށް އިންޑިއާ ޓުޑޭގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ