ޚުތުބާގައި ފަލަސްތީނަށް ނަސްރު ލިބުމުގެ އުފާވެރިކަން: ތަޅުދަނޑިއަކީ އީމާންކަމާއި ކެތްތެރިކަން!
ނަސްރާއި ފަތަހައިގެ ތަޅުދަނޑިއަކީ އީމާންކަމާއި ކެތްތެރިކަން ކަމަށާއި، ޣައްޒާގެ ރައްޔިތުންނަށް ލިބުނު ނަސްރަކީ އެ ނަސްރުގައި ދިވެހިރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚުތުން ބައިވެރިވާ ނަސްރެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ. މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ "ޣައްޒާގެ ރައްޔިތުންގެ ކާމިޔާބީ" މި މައުޟޫއުގެ މައްޗަށެވެ. "މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުން އިވެމުންދަނީ ފަލަސްތީނުގެ އަޑެވެ. އެތަށް ދުވަހެއް ވަންދެން ހިންގަމުން ދިޔަ ނަސްލު ނައްތައިލުމުގެ އަނިޔާވެރި ހަނގުރާމަ މެދުކަނޑައިލި ވާހަކައެވެ. އެ ކަމަށް ޓަކައި މާތްﷲއަށް ހަމްދުކޮށް އަހަރެމެންގެ އަޚުންނާއި އުޚްތުންނަށް މަރުހަބާކިޔަން،" ޚުތުބާ ފެށުމުގެ ގޮތުން ބުންޏެވެ. ފަލަސްތީނުގެ ލޮބުވެތި އަޚުންނާއި އުޚްތުންނާ ދެކޮޅަށް ހިންގަމުން ދިޔަ އަނިޔާވެރި ހަނގުރާމައަކީ އިންސާނީ ތާރީޚު ދެކެފައިނުވާފަދަ އަނިޔާވެރިކަން ބޮޑު ހަނގުރާމައެއްކަން ފާހަގަކުރައްވައި ޚުތުބާގައި ބުނީ އެ ހަނގުރާމަ ހުއްޓައިލުމަށް ޞަހްޔޫނީ ނިޒާމަށް މަޖުބޫރުވީ ދެން އެހެން އެއްވެސް ގޮތެއް ނެތިގެން ކަމަށެވެ. އަދި އެއީ ޣައްޒާގެ ރައްޔިތުންނަށް ލިބުނު މަތިވެރި ނަސްރެއް ކަމަށް ޚުތުބާގައި ބުނެފައެވެ. ޣައްޒާގެ ރަފަހަށް ދިން ހަމަލާއެއްގައި ސުންނާފަތި ކޮށްފައިވާ ގެޔެއް ކައިރީގައި ފަލަސްތީނުގެ ރައްޔިތުންތަކެއް މަޑުކޮށްގެން -- ފޮޓޯ/ އޭއެފްޕީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޞަހްޔޫނީ ނިޒާމުން ހިންގި އުދުވާނާ ގުޅިގެން ރާއްޖެއިން ވެސް ވަނީ އިސްލާމީ އުޚުއްވަތްތެރިކަން ދައްކައި، ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައިކަން ޚުތުބާގައި ފާހަގަކުރިއެވެ. އެގޮތުން މުދަލުން ހޭދަކޮށް، ބައިނަލްއަޤުވާމީ މުޖުތަމައުގައި ޣައްޒާގެ ރައްޔިތުންގެ ދިފާއުގައި ރާއްޖެއިން އަޑުއުފުލާފައިވާކަން ފާހަގަކުރިއެވެ. ޚުތުބާގައި ބުނީ ޣައްޒާގެ ރައްޔިތުންނަށް ލިބުނު ނަސްރަކީ އެ ނަސްރުގައި ދިވެހިރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚުތުން ބައިވެރިވާ ނަސްރެއް ކަމަށެވެ. "ޣައްޒާގެ ރައްޔިތުންނަށް ލިބުނު ނަޞްރުގެ ފަހަތުގައި ވަނީ އީމާންކަމާއި ހިތްވަރާއި ކެއްތެރިކަމާއި އުޚުއްވަތްތެރިކަމާއި، ނުގުޑާ ފަދަ ޢަޒުމެއްގައި ބަދަހިކަމާ އެކު ތިބެ، ﷲއަށް ވަކީލުކޮށްގެން ކުރި ވަރުގަދަ ހަނގުރާމަ،" ޚުތުބާގައި ބުންޏެވެ. "މި ހަނގުރާމައިގައި ގާތްގަނޑަކަށް ފަންސާސް ހާސް މީހުން ވަނީ ޝަހީދުވެފަ. އޭގެ ތެރޭގައި ކުޑަކުދީންނާއި. މުސްކުޅީންނާއި. އިލްމުވެރީންނާއި. ފަލަސްތީނުގެ މިނިވަންކަމަށްޓަކައި މަސައްކަތްކުރަމުން ދިޔަ އެތައް ލީޑަރުންނެއް ހިމެނޭ. މުޅި ޣައްޒާވަނީ ބިމާހަމަވެފަ،" ޚުތުބާގައި ބުންޏެވެ. ހަނގުރާމަތަކުގައި ނަސްރު ލިބެނީ ލަޝްކަރުގެ އަދަދު ގިނަކަމާއި ހަތިޔާރުގެ މޮޅުކަމުގެ މައްޗަކަށް ނޫނެވެ. އީމާންކަމާއި ކެތްތެރިކަމުގެ މައްޗަށެވެ. މާތްﷲ ވަހީކުރައްވާފައިވާ އާޔަތްތަކުން ދޭހަވަނީ ނަސްރާއި ފަތަހައިގެ ތަޅުދަނޑިއަކީ އީމާންކަމާއި ކެތްތެރިކަން ކަމަށް ޚުތުބާގައި ބުންޏެވެ. ފަލަސްތީނުގެ ގާޒާގެ ރައްޔިތުން ރާއްޖޭގެ ދިދަ އެގައުމުގައި ވިހުރުވާލަނީ--- ފޮޓޯ: ފްރެންޑްސް އޮފް ފަލަސްތީން- މޯލްޑިވްސް / ފޭސްބުކް "ހަނގުރާމަ މެދުކެނޑުމާއެކު، ފެނިގެން ދިޔައީ އަސީރުން ބަދަލުކުރެވުނު ތަން. މުސްލިމުންގެ ބެލުމުގެ ދަށުގައި ތިބި ދުޝްމަނުންގެ އަސީރުންގެ ކިބައިން ފެނުނު މަންޒަރަކީ އުފާވެރިކަމުގެ މަންޒަރު. ޝައްކެއްނެތް. އަސީރުންނާ މެދު ހެޔޮކޮށް ހިތުމަކީ އިސްލާމްދީނުގެ އަޚުލާގު. އެއީ މުއުމިނުންގެ ސިފަ،" ޚުތުބާގައި ބުންޏެވެ. އެތައް ދުވަހެއް ވަންދެން ދެމިގެން ދިޔަ އެ ހަނގުރާމައިގައި މުޅި ޣައްޒާ ފަނާވެގެން ދިޔަ ނަމަވެސް، އެ ހަނގުރާމައިން އެތައް އިބުރަތެއް ލިބިދޭކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެންމެ ފުރަތަމަ އިބުރަތަކީ ﷲއަށް ނަސްރުދޭ ބަޔަކަށް، ﷲ ނަސްރު ދެއްވާނެކަން ކަމަށެވެ. އެ ކަންތައްތަކުން އިބުރަތް ހޯދާންޖެހޭ ކަންކަމުގެ ތެރޭގައި ޣައްޒާގެ ރައްޔިތުން ހަނގުރާމައިގެ ހާލަތުގައި ވެސް އަމަލުކުރި ގޮތް ހިމެނޭ ކަމަށް ޚުތުބާގައި ބުންޏެވެ. އެގޮތުން މުސްލިމުން އަމަލުކުރީ ރިވެތި އަޚުލާގުގައި، އަނިޔާވެރިވުމެއްނެތި އަދި އެއްވެސް ދީނެއްގެ މީހަކަށް ނުހައްގުން އަނިޔާއެއް ނުދީ ކަމަށް ބުންޏެވެ. ޣައްޒާގެ ރައްޔިތުން ވަނީ އެ ހަނގުރާމައިގައި އިސްލާމީ އަޚްލާގުން ނަމޫނާ ދައްކައިފައި ކަމަށް ޚުތުބާގައި ބުންޏެވެ. އަހަރެމެން މުސްލިމުންގެ ހައިސިއްޔަތުން ފަލަސްތީނުގެ ރައްޔިތުންނާ މެދު އަދާކުރާން ޖެހޭ އަޚްލާގީ ވާޖިބުތަކެއްވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ ފަލަސްތީނުގެ ދިފާއުގައި އަޑުއުފުލުމާއި، ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ހެޔޮ ދުއާކުރުމާއި، އިންސާނީ ގޮތުން އެހީތެރިވުމަށް އަހަރެމެން އެންމެން އަތުގުޅައިލާންޖެހޭ ކަމަށެވެ. އަދި މާތް اﷲއަށްޓަކައި ހޭދަކުރެވޭ އެއްޗަކީ ގެއްލިގެންދާނެ އެއްޗެއްނޫން ކަމަށް ޚުތުބާގައި ނަސޭހަތްތެރިވިއެވެ. ޚުތުބާގައި ބުނީ ފަލަސްތީނާއި އެ ގައުމުގެ ރައްޔިތުންނަށް އެހީތެރިވުމުގައި ދިވެހިރާއްޖެއިން އަދާކުރަމުންދަނީ ނަމޫނާ ދައުރެއް ކަމަށެވެ. ފަލަސްތީނާ އެކު ދިވެހީން ބޮޑު ހިނގާލުމުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު މާހިލް އާތިފް އިސްލާމީ އުންމަތުގެ ކަންކޮޅުތަކުގައި ހިންގަމުންދާ ހަމަނުޖެހުންތަކާއި، މުސްލިމުންނާ ދެކޮޅަށް ކުރެވެމުންދާ ހަނގުރާމަތަކާއި، އިސްލާމީ ސަގާފަތާއި އުންމަތުގެ ޙަޟާރަތު ފުނޑުފުނޑުކޮށްލުމަށްޓަކައި ހިންގަމުންދާ ފިކުރީ ހަނގުރާމަތަކަކީ، އިސްލާމީ އުންމަތް ނިކަމެތިވެގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ކުރިމަތިވެފައިވާ ކަންކަން ކަމަށް ޚުތުބާގައި ބުންޏެވެ. އެކަން އެގޮތަށް މެދުވެރިވީ އިސްލާމްދީނުގެ އުސޫލުތަކުގައި ސާބިތުވާން ޖެހޭ މިންވަރަށް ސާބިތުނުވުމުގެ ސަބަބުން ކަމަށް ޚުތުބާގައި ބުންޏެވެ. އެއީ ދީނުގެ ކަންކަމުގެ މައްޗަށް ދުނިޔޭގެ އެދުންތަކާއި މާއްދިއްޔަތު އިސްކުރުމުގެ ސަބަބުންނެވެ. މުސްލިމުންގެ އަދަދު ގިނަވެފައި ތަނަވަސްކަން ކިތަންމެ ބޮޑު ނަމަވެސް، އުޚްރަވީ ހަޔާތުގެ މައްޗަށް ދުންޔަވީ ހަޔާތުގެ އެދުން އިސްކޮށްފި ނަމަ، މުސްލިމުން ބަލިކަށިވާނެ ކަމަށް ޚުތުބާގައި ބުންޏެވެ. މުސްލިމުންނަށް ނަސްރު ލިބުން އޮތީ އަގީދާ ވަރުގަދަކޮށް ހައްގުގޮތުގައި މާތްﷲއަށް އީމާންވެ، ޤުރްއާނާއި ސުންނަތުގައި ހިފައިގެން، އެކުވެރިވެ އެއްބައިވަންތަވެގެން ކަމަށް ޚުތުބާގައި ނަސޭހަތްތެރިވިއެވެ. އަދި ހަސަދަވެރިކަމާއި، ރުޅިވެރިކަމުން އެއްކިބާވެ، އަހަރެމެންގެ ހަޔާތުގައި އިސްލާމްދީން ގާއިމުކޮށް އުންމަތުގައި ވަރުގަދަ އިސްލާހީ މަސައްކަތްތަކެއް ކުރުމަށް އަޒުމް ކަނޑައެޅުމަށް ޚުތުބާގައި ގޮވައިލިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ