މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުން އިވެމުންދަނީ ފަލަސްޠީނުގެ އަޑެވެ. އެތައް ދުވަހެއް ވަންދެން ހިންގަމުން ދިޔަ ނަސްލު ނައްތައިލުމުގެ އަނިޔާވެރި ހަނގުރާމަ މެދުކަނޑައިލި ވާހަކައެވެ. އެ ކަމަށްޓަކައި الله سُبْحَانَه وَتَعَالَى އަށް ޙަމްދުކޮށް އަހަރެމެންގެ އަޚުންނާއި އުޚްތުންނަށް މަރުޙަބާކިޔަމެވެ. އެ ލޮބުވެތި އަޚުންނާއި އުޚްތުންނާ ދެކޮޅަށް ހިންގަމުން ދިޔަ އަނިޔާވެރި ހަނގުރާމައަކީ އިންސާނީ ތާރީޚު ދެކެފައިނުވާފަދަ އަނިޔާވެރިކަން ބޮޑު ހަނގުރާމައެކެވެ. މި ހަނގުރާމަ ހުއްޓައިލުމަށް ޞަހްޔޫނީ ނިޒާމަށް މަޖްބޫރުވީ ދެން އެހެން އެއްވެސް ގޮތެއް ނެތިގެންނެވެ. މިއީ ހަމަކަށަވަރުން ޣައްޒާގެ ރައްޔިތުންނަށް ލިބުނު މަތިވެރި ނަޞްރެކެވެ.
ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ޞަހްޔޫނީ ނިޒާމުން ހިންގި ޢުދުވާނާ ގުޅިގެން ރާއްޖެއިން ވެސް ވަނީ އިސްލާމީ އުޚުއްވަތްތެރިކަން ދައްކައި ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައެވެ. މި ރާއްޖޭގެ ރައްޔިތުންވަނީ ޣައްޒާގެ އަޚުންނާއި އުޚުތުންނާ ބައިވެރިވުމުގެ ގޮތުން، މުދަލުން ހޭދަކޮށްފައެވެ. އަދި ދިވެހިރާއްޖެއިން ވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ޣައްޒާގެ ރައްޔިތުންގެ ދިފާޢުގައި އަޑުއުފުލައިފައެވެ. ޣައްޒާގެ ރައްޔިތުންނަށް ލިބުނު ނަޞްރަކީ އެ ނަޞްރުގައި ދިވެހިރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚުތުން ބައިވެރިވާ ނަޞްރެކެވެ.
ޣައްޒާގެ ރައްޔިތުންނަށް ލިބުނު ނަޞްރުގެ ފަހަތުގައި ވަނީ އީމާންކަމާއި ހިތްވަރާއި ކެއްތެރިކަމާއި އުޚުއްވަތްތެރިކަމާއި، ނުގުޑާ ފަދަ ޢަޒުމެއްގައި ބަދަހިކަމާ އެކު ތިބެ، ﷲއަށް ވަކީލުކޮށްގެން ކުރި ވަރުގަދަ ހަނގުރާމައެވެ. މި ހަނގުރާމައިގައި ގާތްގަނޑަކަށް ފަންސާސް ހާސް މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ކުޑަކުދީންނާއި މުސްކުޅީންނާއި އިލްމުވެރީންނާއި ފަލަޞްޠީނުގެ މިނިވަންކަމަށް ޓަކައި މަސައްކަތްކުރަމުން ދިޔަ އެތައް ލީޑަރުންނެއް ހިމެނެއެވެ. މުޅި ޣައްޒާވަނީ ބިމާހަމަވެފައެވެ.
ހަނގުރާމަތަކުގައި ނަޞްރު ލިބެނީ ލަޝްކަރުގެ ޢަދަދު ގިނަކަމާއި ހަތިޔާރުގެ މޮޅުކަމުގެ މައްޗަކަށް ނޫނެވެ. އީމާންކަމާއި ކެތްތެރިކަމުގެ މައްޗަށެވެ. މާތް ﷲ ވަޙީކުރައްވާފައެވެ. --- މާނައީ: "ﷲ ގެ إذنޔާ އެކު ކިތައްކިތައް މަދު جماعةގެ މީހުން، ގިނަ جماعةގެ މައްޗަށް ގަދަވެގެންފައިވޭހެއްޔެވެ؟ ﷲ ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ." އަދި ވެސް އެކަލާނގެ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަދި، (دشمنންގެ ކުރިމަތީގައި) އެއުރެން ބަލިކަށްޓެއް ވެސް ނުވިއެވެ. ކެތްތެރިން ދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ. އަދި، އެއުރެންގެ ބަހެއްކަމުގައި އެއުރެން ދެންނެވުންމެނުވީ ނުވެއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ ފާފަތަކާއި، އަޅަމެންގެ ކަންތަކުގައި ހައްދުފަހަނަޅައިދިއުމުގެ ކުށް އަޅަމެންނަށް ފުއްސަވާނދޭވެ! އަދި، އަޅަމެންގެ ފައިތިލަތައް ސާބިތުކުރައްވާނދޭވެ! އަދި، كافرވެގެންވާ قومގެ މައްޗަށް އަޅަމެންނަށް نصر ދެއްވާނދޭވެ! ދެންފަހެ، ދުނިޔޭގެ ثوابއާއި، آخرةގެ ރިވެތި ثواب އެއުރެންނަށް ﷲ ދެއްވިއެވެ. إحسان ތެރިން ދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ."[1] މި އާޔަތްތަކުން ދޭހަވަނީ ނަޞްރާއި ފަތަޙައިގެ ތަޅުދަނޑިއަކީ އީމާންކަމާއި ކެތްތެރިކަން ކަމެވެ.
ހަނގުރާމަ މެދުކެނޑުމާއެކު، ފެނިގެން ދިޔައީ އަސީރުން ބަދަލުކުރެވުނު ތަނެވެ. މުސްލިމުންގެ ބެލުމުގެ ދަށުގައި ތިބި ދުޝްމަނުންގެ އަސީރުންގެ ކިބައިން ފެނުނު މަންޒަރަކީ އުފާވެރިކަމުގެ މަންޒަރެވެ. ޝައްކެއްނެތެވެ. އަސީރުންނާ މެދު ހެޔޮކޮށް ހިތުމަކީ އިސްލާމްދީނުގެ އަޚުލާޤެވެ. އެއީ މުއުމިނުންގެ ސިފައެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "އަދި އެތަކެއްޗަށް ލޯބި ހުރުމާ އެކު ވެސް، مسكينންނާއި، يتيمންނާއި، ހައްޔަރުވެފައިވާ މީހުންނަށް އެއުރެން ކާތަކެތި ކާންދެތެވެ."
އެތައް ދުވަހެއް ވަންދެން ދެމިގެން ދިޔަ މި ހަނގުރާމައިގައި މުޅި ޣައްޒާ ފަނާވެގެން ދިޔަ ނަމަވެސް، މި ހަނގުރާމައިން އެތައް ޢިބުރަތެއް ލިބިދެއެވެ. އެންމެ ފުރަތަމަ ޢިބުރަތަކީ ﷲއަށް ނަޞްރުދޭ ބަޔަކަށް، ﷲ ނަޞްރު ދެއްވާނެކަމެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް (އެބަހީ: ﷲ ގެ دين އަށް) نصر ދޭ ނަމަ، އެކަލާނގެ ތިޔަބައިމީހުންނަށް نصر ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ ފައިތިލަތައް ثابت ކުރައްވާނެތެވެ."
މި ކަންތައްތަކުން ޢިބުރަތް ހޯދާންޖެހޭ ކަންކަމުގެ ތެރޭގައި ޣައްޒާގެ ރައްޔިތުން ހަނގުރާމައިގެ ޙާލަތުގައި ވެސް ޢަމަލުކުރި ގޮތް ހިމެނެއެވެ. މުސްލިމުން ޢަމަލުކުރީ ރިވެތި އަޚުލާޤުންނެވެ. އަނިޔާވެރިވުމެއްނެތިއެވެ. އިސްލާމްދީނުގައި އަނިޔާވެރިވުން ވަނީ ޙަރާމްކުރައްވައިފައެވެ. އެއްވެސް ދީނެއްގެ މީހަކަށް ނުޙައްޤުން އަނިޔާއެއް ދިނުމަކީ އިސްލާމްދީން މަނާކުރައްވައިފައިވާ ކަމެކެވެ. ހަނގުރާމައިގެ ޙާލަތުގައި ވެސް ކުޑަކުދީންނާއި މުސްކުޅީންނާއި އަންހެނުން ޤަތުލުކުރުމާއި ގަސްގަހާގެހި ހަލާކުކުރުމާއި ޖަނާވާރުތައް މެރުން އިސްލާމްދީނުގައި ނަހީކުރައްވައިފައި ވެއެވެ. އަދި އެހެން ދީންތަކުގެ އަޅުކަންކުރާ ތަންތަން ހަލާކުކުރުމާއި އެ ތަންތަނުގައި އަޅުކަންކުރަން ތިބޭ މީހުން ޤަތުލުކުރުން ވެސް ނަހީކުރައްވައިފައި ވެއެވެ. މިއީ ހަނގުރާމައިގެ ޙާލަތުގައި ވެސް އިސްލާމީ އަޚުލާޤިއްޔާތެވެ. އިސްލާމްދީން ވަނީ އިންސާނިއްޔަތުކަން ޙިމާޔަތްކުރި ފަދައިން ޖަނަވާރުންނާއި، ތިމާވެށި ވެސް ޙިމާޔަތްކޮށްފައެވެ. މި ކަންކަމުން ދޭހަވަނީ އިސްލާމްދީނުގެ ސަމާޙަތްތެރިކަމާއި މަތިވެރިކަމެވެ. އިންސާނިއްޔަވަންތަ ކަމެވެ. ޣައްޒާގެ ރައްޔިތުން ވަނީ މި ހަނގުރާމައިގައި އިސްލާމީ އަޚްލާޤުން ނަމޫނާ ދައްކައިފައެވެ.
ފަލަސްޠީނާއި ބައިތުލްމަޤްދިސާއި އަލްމަސްޖިދުލްއަޤްޞާގެ ވާހަކަ ދެކެވޭ އިރު، އިސްރާއާއި މިޢުރާޖުގެ މަތިވެރި މުޢުޖިޒާތުގެ ވާހަކަ ކޮންމެ މުސްލިމެއްގެ ހަނދާނަށް އަންނާނެކަން ކަށަވަރެވެ. އިސްރާއާއި މިޢުރާޖުގެ މުޢުޖިޒާތަކީ، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ނުބުއްވަތުގެ ތެދުކަން ކަށަވަރުކުރެއްވުމަށާއި، އިތުރު އެކަލޭގެފާނުގެ ހިތްޕުޅަށް ސާބިތުކަން ދެއްވުމަށް ޓަކައި މާތް اﷲ އިތުރު އެކަލޭގެފާނަށް ދެއްވި ވަރަށް މަތިވެރި މުޢުޖިޒާތެކެވެ. އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުން ބުނެދެނީ ދުވަހަކު ވެސް އިސްލާމީ އުންމަތާއި ފަލަސްޠީނު ވަކިވެގެން ނުދާނެކަމެވެ. އިސްރާއަކީ އަލްމަސްޖިދުލްޙަރާމުން އަލްމަސްޖިދުލްއަޤްޞާއަށް ރޭގަނޑުން ބައެއްގައި އެކަލޭގެފާނާއިގެން ކުރެއްވުނު ދަތުރުފުޅެވެ. މިޢުރާޖަކީ އަލްމަސްޖިދުލްއަޤްޞާއިން މަލަކޫތީ ޢާލަމަށް އެކަލޭގެފާނާއިގެން ކުރެއްވުނު ދަތުރުފުޅެވެ. މައްކާއާއި ބައިތުލްމަޤްދިސަކީ ގުޅި ލާމެހިފައިވާ، ތައުޙީދުގެ ރިސާލަތުގެ ދެ ދަންމަރެވެ. މާތް اﷲ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "އެކަލާނގެ ހުސްطَاهِرُ ވަންތަކަމާއެވެ! އެކަލާނގެއީ، އަލްމަސްޖިދުލްޙަރާމުން އަލްމަސްޖިދުލްއަޤްޞާއަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެއެވެ. އެއީ އެ ތާނގެ ވަށައިގެން، ތިމަންރަސްކަލާނގެ بَرَكَاتލެއްވި ތަނެވެ. (އެއީ) ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށް ޓަކައެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވައިވޮޑިގެންވާ، މޮޅަށް ބައްލަވައިވޮޑިގެންވާ ރަސްކަލާނގެއެވެ." މި އާޔަތުން ދޭހަކޮށްދެނީ އަލްމަސްޖިދުލްޙަރާމާއި އަލްމަސްޖިދުލްއަޤްޞާއާ ދެމެދުގައި އޮތީ، ދުނިޔެ ދެމިއޮތްހައި ހިނދަކު ނިމުމެއް ނުވާ ވަރުގަދަ ގުޅުމެއްކަމެވެ. އަދި އަލްއަޤްޞާގެ ވަށައިގެންވަނީ ބަރަކާތްލެއްވިގެންވާ ތަންތަންކަމެވެ. އަލްއަޤްޞާ މިސްކިތަކީ ބިންމަތީގައި މާތް اﷲއަށް އަޅުކަންކުރުމަށް ޓަކައި ބިނާކުރެވުނު ދެވަނަ ގެކޮޅެވެ. އެއީ މުސްލިމުންގެ ފުރަތަމަ ޤިބްލަ ވެސް މެއެވެ. އަލްއަޤްޞާ މިސްކިތް، ޞަހްޔޫނީ އިސްތިޢުމާރުގެ ދަށަށް ދިޔަކަމީ މި އުންމަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހިތާމައެވެ. އަލްއަޤްޞާ މިސްކިތް، މިނިވަންކުރުމަށް ޓަކައި މަސައްކަތްކުރުމަކީ މުޅި އިސްލާމީ އުންމަތުގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ.
ބައިތުލްމަޤްދިސްގައި ޙައްޤު ދިފާޢުކުރުމުގައި އަބަދު ވެސް ބަޔަކު ސާބިތުވެ ތިބޭނެކަމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (لَا تَزَالُ طَائِفَةٌ مِنْ أُمَّتِيْ عَلَى الْـحَقِّ ظَاهِرِيْنَ، لِعَدُوِّهِمْ قَاهِرِيْنَ، لَا يَضُرُّهُمْ مَنْ خَالَفَهُمْ، إلَّا مَا أَصَابَـهُمْ مِنْ لَأْوَاءَ حَتَّى يَأْتِيَهُمْ أَمْرُ اللهِ وَهُمْ كَذَلِكَ، قَالُوْا: يَا رَسُوْلَ اللهِ، وَأَيْنَ هُمْ؟ قَالَ: بِبَيْتِ الْمَقْدِسِ وَأَكْنَافِ بَيْتِ الْمَقْدِسِ)[2] މާނައީ: "ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން، ދީނުގައި ސާބިތުވެ ތިބޭނެ، އަދި އެބައިމީހުންގެ ޢަދުއްވުންގެ މައްޗަށް ގަދަވެތިބޭނެ ބަޔަކު ވާނެތެވެ. އެބައިމީހުންނާ ދެކޮޅުވެރިވާ ބައެއްގެ ދެކޮޅުވެރިކަމަކުން އެބައިމީހުންނަކަށް ގެއްލުމެއް ނުލިބޭނެތެވެ. އެބައިމީހުންނަށް ލިބޭނެ ދަތިކަމަކާއި ވޭނަކުން މެނުވީއެވެ. މާތް اﷲގެ އަމުރުފުޅު އަތުވެއްޖައުމަށް ދާންދެން އެބައިމީހުން އެ ގޮތުގައި ދެމިތިބޭނެތެވެ." އަޞްޙާބު ބޭކަލުން ދެންނެވިއެވެ. އޭ މާތް اﷲގެ ރަސޫލާއެވެ! އެބައިމީހުންވަނީ ކޮންތާކުތޯއެވެ؟ އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އެބައިމީހުންވަނީ ބައިތުލްމަޤްދިސާއި ބައިތުލްމަޤްދިސް ވަށައިގެންވާ ރަށްތަކުގައެވެ."
އަހަރެމެން މުސްލިމުންގެ ހައިސިއްޔަތުން ފަލަސްޠީނުގެ ރައްޔިތުންނާ މެދު އަދާކުރާން ޖެހޭ އަޚްލާޤީ ވާޖިބުތަކެއް ވެއެވެ. ފަލަސްޠީނުގެ ދިފާޢުގައި އަޑުއުފުލުމާއި، ފަލަސްޠީނުގެ ރައްޔިތުންނަށް ޓަކައި ހެޔޮ ދުޢާކުރުމާއި، އިންސާނީ ގޮތުން އެހީތެރިވުމަށް އަހަރެމެން އެންމެން އަތުގުޅައިލާންޖެހެއެވެ. އެއީ މާތް اﷲއަށް ޓަކައި ހޭދަކުރެވޭ އެއްޗަކީ ގެއްލިގެންދާނެ އެއްޗެއްނޫނެވެ. އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: އަދި ތިޔަބައިމީހުން (އެކަލާނގެ މަގުގައި) ހޭދަކުރި ކޮންމެ އެއްޗަކަށް، އެކަލާނގެ އޭގެ ބަދަލު ދެއްވަތެވެ.
ފަލަސްޠީނާއި އެ ޤައުމުގެ ރައްޔިތުންނަށް އެހީތެރިވުމުގައި ދިވެހިރާއްޖެއިން އަދާކުރަމުންދަނީ ނަމޫނާ ދައުރެކެވެ. މި ކަމުގައި މާތް ﷲ، މި ރާއްޖޭގެ ވެރިންނަށާއި ރައްޔިތުންނަށް ތައުފީޤު ދެއްވާށިއެވެ! އާމީން!
އިސްލާމީ އުންމަތުގެ ކަންކޮޅުތަކުގައި ހިންގަމުންދާ ހަމަނުޖެހުންތަކާއި، މުސްލިމުންނާ ދެކޮޅަށް ކުރެވެމުންދާ ހަނގުރާމަތަކާއި، އިސްލާމީ ސަޤާފަތާއި އުންމަތުގެ ޙަޟާރަތު ފުނޑުފުނޑުކޮށްލުމަށް ޓަކައި ހިންގަމުންދާ ފިކުރީ ހަނގުރާމަތަކަކީ، އިސްލާމީ އުންމަތް ނިކަމެތިވެގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ކުރިމަތިވެފައިވާ ކަންކަމެވެ. އެކަން އެގޮތަށް މެދުވެރިވީ އިސްލާމްދީނުގެ އުޞޫލުތަކުގައި ސާބިތުވާން ޖެހޭ މިންވަރަށް ސާބިތުނުވުމުގެ ސަބަބުންނެވެ. ދީނުގެ ކަންކަމުގެ މައްޗަށް ދުނިޔޭގެ އެދުންތަކާއި މާއްދިއްޔަތު އިސްކުރުމުގެ ސަބަބުންނެވެ. މުސްލިމުންގެ ޢަދަދު ގިނަވެފައި ތަނަވަސްކަން ކިތަންމެ ބޮޑު ނަމަވެސް، އުޚްރަވީ ޙަޔާތުގެ މައްޗަށް ދުންޔަވީ ޙަޔާތުގެ އެދުން އިސްކޮށްފި ނަމަ، މުސްލިމުން ބަލިކަށިވާނެތެވެ. މުސްލިމުންނަށް ނަޞްރު ލިބުން އޮތީ ޢަޤީދާ ވަރުގަދަކޮށް ޙައްޤު ގޮތުގައި اﷲއަށް އީމާންވެ، ޤުރްއާނާއި ސުންނަތުގައި ހިފައިގެންނެވެ. އެކުވެރިވެ އެއްބައިވަންތަވެގެންނެވެ. ޙަސަދަވެރިކަމާއި، ރުޅިވެރިކަމުން އެއްކިބާވެގެންނެވެ. އަހަރެމެންގެ ޙަޔާތުގައި އިސްލާމްދީން ޤާއިމުކޮށްގެންނެވެ. މާތް اﷲ ވަޙީކުރައްވައިފައި ވެއެވެ. ---[3] މާނައީ: "ތިޔަބައިމީހުންގެ ތެރެއިން إِيْـمَان ވެ، صَالِح عَمَلތައްކޮށް އުޅުނު މީހުންނަށް، އެއުރެންގެ ކުރިން އުޅުނު މީހުން خَلِيْفَة ވެރިކުރެއްވިފަދައިން، ހަމަކަށަވަރުން، އެއުރެން ބިމުގައި خَلِيْفَة ވެރިކުރައްވާނެ ކަމަށާއި، އެއުރެންނަށް ޓަކައި އެކަލާނގެ ރުއްސެވި އެއުރެންގެ دِينْ، ހަމަކަށަވަރުން، އެބައިމީހުންނަށް ޓަކައި تَـمْكِيْنކުރައްވާނެކަމަށާއި، އެއުރެންގެ ބިރުވެރިކަމަށް ފަހު، ހަމަކަށަވަރުން، أَمَانْ ކަމަކަށް އެއުރެން ބަދަލުކުރައްވާނެކަމަށް، اﷲ وَعْدُ ކުރައްވައިފައި ވެއެވެ. އެއުރެން ތިމަންރަސްކަލާނގެއަށް އެއްވެސް އެއްޗެއް شَرِيْكُނުކޮށް، ތިމަންރަސްކަލާނގެއަށް އަޅުކަންކުރެތެވެ. އެއަށް ފަހު كَافِر ވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ فَاسِقُ ންނެވެ.) އަދި ކީރިތި ރަސޫލާ z ޙަދީޘްކުރައްވައިފައި ވެއެވެ. (تَرَكْتُ فِيْكُمْ أَمْرَيْنِ لَنْ تَضِلُّوا مَا تَـمَسَّكْتُمْ بِـهمَا : كِتَابَ اللهِ وَسُنَّةَ نَبيِّهِ صَلَّى اللهُ عَليْهِ وَسَلَّمَ)[4] މާނައީ: "ތިޔަބައިމީހުންގެ ތެރެއަށް ތިމަންކަލޭގެފާނު ދެ އެއްޗެއް ދޫކުރެއްވީމުއެވެ. އޭގައި ތިޔަބައިމީހުން ހިފައިގެން ތިބިހައި ހިނދަކު، ތިޔަބައިމީހުން ގެއްލެނިވެގެން ނުދާނެއެވެ. އެއީ اﷲގެ ފޮތާއި އެކަލާނގެ ނަބިއްޔާ z ގެ ސުންނަތެވެ." މިހެންކަމުން، މި ކަންކަން ހަނދުމަކޮށް، އުންމަތުގައި ވަރުގަދަ އިޞްލާޙީ މަސައްކަތްތަކެއް ކުރުމަށް ޢަޒުމް ކަނޑައަޅާށެވެ! މާތް اﷲ އަހަރެމެން އެންމެންނަށް ތައުފީޤު ދެއްވާށިއެވެ! އާމީން!
ޚުޠުބާ: ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ޚުޠުބާ: ﷲ ގެ ދީނަށް ނަޞްރުދޭ ބައަކަށް ﷲ ނަޞްރު ދެއްވަވާނެ! މަސްޖިދުލްއަޤްޞާގެ ދިފާޢުގަ އަބަދުވެސް ބައަކު ތިބޭނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ