ހިތަދޫ ޕޯޓުގެ ނީލަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ނީލަން ޕޯޓަލްގައި ކުރިން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް، އިތުރު ރަޖިސްޓްރޭޝަނެއް ނުވަތަ އިތުރު ފީއެއް ނުދައްކައި ހިތަދޫ ޕޯޓުގެ ނީލަންތަކުގައި ބައިވެރިވެވޭނެ ކަމަށް އެ ކުންފުނިން މިއަދު އިއުލާނުކޮށްފިއެވެ.
އެމްޕީއެލްއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި، އެއް ވަގުތެއްގައި ތަފާތު ނީލަންތަކުގައިވެސް ޕޯޓަލް މެދުވެރިކޮށް ބައިވެރިވެވޭނެއެވެ. އަދި ޕޯޓުގައި ހުންނަ މުދާތައް ގަތުމަށް އޮންލައިންކޮށް ބައިވެރިވެ، ފައިސާވެސް ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، ކުރިއަށް އޮތްތަނުގައި ކުޅުދުއްފުށީ ޕޯޓުން ހުޅުވާލާ ނީލަންތަކުގައިވެސް ޕޯޓަލް މެދުވެރިކޮށް ބައިވެރިވެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމަށް އެމްޕީއެލްއިން ހާމަކޮށްފައިވެއެވެ.
އެމްޕީއެލްއިން 2022 ވަނަ އަހަރު ތަޢާރަފުކުރި ނީލަން ޕޯޓަލްއަކީ، ކޮންމެތާކު ތިބި ނަމަވެސް އޮންލައިންކޮށް ނީލަންތަކުގައި ބައިވެރިވެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ގާއިމުކުރި ނިޒާމެކެވެ. މި ޕޯޓަލްގެ ސަބަބުން ވީހާވެސް ގިނަ ބަޔަކަށް ލުއި ފަސޭހަ ގޮތަކަށް ނީލަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ.
އެމްޕީއެލްގެ މުދާ ނީލަންކިޔުމުގެ ޢާންމު ގަވާއިދުގެ ދަށުން، ކޮންޓެނަރަލައިޒްޑް އަދި ކޮންވެންޝަނަލް ކާގޯ ނީލަން ކިޔާނީ ވެރިފަރާތުން އެ މުދަލާ ހަވާލުނުވާތާ ނުވަތަ ކްލިއަރ ނުކުރާތާ 30 ދުވަސް ފަހުންނެވެ. މި ޕޯޓަލްގެ ތެރެއިން ނީލަން ކިޔާނީ ޕޯޓުތަކުގައި ނުގެންގޮސް ގިނަ ދުވަސްވަންދެން ބަހައްޓާފައި ހުންނަ މުދާތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ