ޙައްޖުގެ އަޅުކަން އަދާނުކޮށް ތިބި މީހުންނަށް އިސްކަންދޭގޮތަށް އުސޫލު ބަދަލުކޮށްފި

ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލަށް މުހިންމު ބަދަލުތަކެއް ގެނެސްފިއެވެ. މި ބަދަލުތައް ގެނެސްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާ އެއްގޮތަށް، ޙައްޖުގެ އަޅުކަން އަދާނުކޮށް ތިބި މީހުންނަށް އިސްކަންދިނުމުގެ ގޮތުންނެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މި އުސޫލު އިސްލާހުކޮށްފައިވަނީ ޙައްޖުގެ ޚިދުމަތްދޭ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ސިޔާސަތުތަކާއި އުސޫލުތައް އަލުން ކަނޑައެޅުމަށެވެ. މި ބަދަލާއެކު، ފައިސާ ދައްކާ ތަރުތީބުން ޙައްޖަށް ދިއުމުގެ ފުރުސަތު ދިނުމުގެ ބަދަލުގައި، އަލަށް ޙައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދޭގޮތަށް ވަނީ ހަމަޖައްސާފައެވެ.
އާ އުސޫލުގެ ދަށުން، 65 އަހަރުން މަތީގެ އުމުރުފުރައިގެ، ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކަށް ޚާއްސަ އިންސައްތައެއް ކަނޑައެޅުމަށް ޙައްޖު ކޯޕަރޭޝަނަށް ލާޒިމުކުރެއެވެ. އަދި 75 އަހަރުން މަތީގެ މީހުންނަށް އެހީތެރިއަކު ގެންދިއުމުގެ ފުރުސަތު ދިނުމުގައިވެސް، ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ޙައްޖު ކޯޕަރޭޝަނުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިވަގުތު އެ ކޯޕަރޭޝަން މެދުވެރިކޮށް ޙައްޖަށް ދިއުމަށް 9,115 މީހުން ކިޔޫގައި ތިބިއިރު، މީގެ ތެރޭގައި 65 އަހަރުން ދަށުގެ 7,543 މީހުންނާއި، 65 އަހަރާއި 75 އަހަރާ ދެމެދުގެ 1,461 މީހުންނާއި، 75 އަހަރުން މަތީގެ 111 މީހުން ހިމެނެއެވެ.
މި އައު އުސޫލުގެ ސަބަބުން ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު އިތުރަށް ހަމަހަމަވެ، ޚާއްސަކޮށް އުމުރުން ދުވަސްވެފައިވާ، އަދި މިހާތަނަށް ޙައްޖުގެ އަޅުކަން އަދާނުކުރެވި ތިބި ފަރާތްތަކަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ