ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހާޒިރުކޮށް، ފަނޑިޔާރު މަހާޒު އަލީ ޒާހިރަށް ހާޒިރުވާން އެންގި ވަގުތު ކުޑަތަންވެފައި ވަނިކޮށް މެންދުރަށް ހާޒިރުވުމަށް އަންގައިފި އެވެ.
ވީ ކިހިނެއް؟ - ދެ ފަނޑިޔާރުން ހާޒިރުވުމަށް އެންގީ، ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރުކޮށް ވާހަކަ ދެއްެކެވި ކަމަށް ބުނާ ތަނެއްގައި އަޒްމިރަލްދާ އާއި މަހާޒު އިންނެވި ކަމަށް ބުނާ މައްސަލާގަ އެވެ.
ތަފްސީލް - އަޒްމިރަލްދާ ޖޭއެސްސީއަށް ހާޒިރުވުމަށް އެންގީ ހެނދުނު 10:30 އަށެވެ. އެ ގަޑިއަށް އަޒްމިރަލްދާ ހާޒިރުވި އެވެ.
މަހާޒު ހާޒިރުވުމަށް އިއްޔެ އެންގީ މިއަދު ހެނދުނު 11:15 އަށެވެ. ފަނޑިޔާރުގެ ވަކީލު މުހައްމަދު ފައިސަލް 'ދައުރު'އަށް ވިދާޅުވި ގޮތުގައި، ގަޑި ކުޑަތަން ވެފައި ވަނިކޮށް މެންދުރު 12:15އަށް އަޑުއެހުން ފަސްކޮށްފައިވާކަން ކޮމިޝަނުން އެންގި އެވެ.
ފާހަގަކުރެވޭ - މި މައްސަލައިގެ އިތުރުން އަޒްމިރަލްދާގެ ފިރިކަލުން އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ނުކުރުމަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެއް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.
މި މައްސަލައިގެ ތުހުމަތު އަޒްމިރަލްދާގެ އިތުރަށް މަހާޒަށް ވެސް ކުރެ އެވެ. މި މައްސަލާގައި ދެ ފަނޑިޔާރުންގެ ބަޔާން ނެގުމަށް ފަހު ކޮމިޝަނުގެ ތަހުގީގު ރިޕޯޓް ވެސް ވަނީ ފަނޑިޔާރުންނަށް ދޫކޮށްފަ އެވެ.
ތަހުގީގުގެ ފުރަތަމަ ރިޕޯޓާ ގުޅޭ ގޮތުން ޖަވާބު ދެއްވުމަށް ފަނޑިޔާރުންނަށް ހަތް ދުވަސް ލިބޭނެ އެވެ. އެ މުއްދަތު ހަމަވާނީ މާދަމާއަށެވެ. ފައިނަލް ރިޕޯޓް ތައްޔާރުކުރާނީ އޭގެ ފަހުން، އަޑުއެހުމެއްގެ ގޮތުގައި އިތުރު އަޑުއެހުމެއް ވެސް ބާއްވައިފަ އެވެ.
މި މައްސަލަތަކުގެ ތަހުގީގުތަކާ ގުޅޭ ގޮތުން އަޒްމިރަލްދާގެ ވަކީލު އިބްރާހީމް ޝަމީލް ނޫސް ބަޔާން ނެރުއްވާތީ ވެސް ޖޭއެސްސީން ސުލޫކީ މައްސަލައެއް ގޮތަށް އެ މައްސަލަ ބެލުމަށް އިއްޔެ ބޭއްވި ކޮމިޝަން ބައްދަލުވުމުގައި ވަނީ ފާސްކޮށްފަ އެވެ.
ގުޅުން ހުރި - އަޒްމިރަލްދާ އާއި މަހާޒު ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނާ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް ދަނީ ބަލަމުންނެވެ.
އަޒްމިރަލްދާ ވަނީ އޭސީސީގެ ރައީސް އާދަމް ޝާމިލް ޝަރީއަތަށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ މައްސަލައެއް ވެސް ހުށަހަޅުއްވައިފަ އެވެ. އޭސީސީން ވަނީ އެ މައްސަލަ ބަލައިގެންފަ އެވެ.
އެނގުން މުހިންމު - ކުރިން އޮތް ޖޭއެސްސީއަށް ހުށަހެޅި މައްސަލަތަކެއް ވެސް ހިމެނޭ ގޮތަށް މި ފަނޑިޔާރުންގެ މައްސަލަތައް ބަލަން ނިންމައި ސަސްޕެންޑްކުރީ މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ.
އެއީ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ މައްސަލަ ކުރިއަށް ގެންދަން ވެސް ކޯޓުން ނިންމާފައި ވަނިކޮށެވެ. މިހެންވެ، އެ މައްސަލަ މި ވަގުތަށްވަނީ ހުއްޓިފަ އެވެ. އެއީ:
ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި ތިއްބެވީ ހަތަރު ފަނޑިޔާރުން
ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށް
ދެވަަނަ ސުލޫކީ މައްސަލާގައި އަޒްމިރަލްދާ ހާޒިރުކޮށްފި؛ މަހާޒު ހާޒިރުކުރުން މެންދުރަށް ފަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ