ސަރުކާރު ކުންފުނިތަކަށް ސެޕްޓެމްބަރުގައި ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ: ރައީސް

އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޑޮލަރުގެ ކަޅު ބާޒާރަށް ނުގޮސް ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމު ގާއިމް ކުރެވޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މިއަދު ބާއްވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.
ތަފްސީލް - އެ މަސައްކަތުގެ ދަށުން ފިޔަވަޅުތަކެއް އަޅަން ފަށާފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން، ބޭރު ފައިސާއާ ބެހޭ ގާނޫނެއް އެކުލަވާލައި
ތަންފީޒުކުރަން ފެށުމަކީ އެޅުނު އެންމެ މުހިންމު ފިޔަވަޅު ކަމަށާއި އޭގެ ފައިދާ ކައިރި މުސްތަގުބަލުގައި ރިޒާވަށް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިގޮތުން 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު
މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ
ރޭޓްގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ގާއިމުކުރެވޭނެ. އަދި 2026 ވަނަ އަހަރުގެ ޖެނުއަރީ
މަހުން ފެށިގެން ދިވެހި ވިޔަފާރިވެރިން މުދާ އިމްޕޯޓްކުރުމުގެ ގޮތުން ބޭންކުތަކަށް
ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރެވިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން، ވެލާނާ އިންޓަނޭޝަނަލް
އެއާޕޯޓުން ފުރާ ކޮންމެ
ދިވެއްސަކަށް ލިބޭ 500 ޑޮލަރު އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދެގުނަ ކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މީގެ ކުރިން ވެސް އެ މަނިކުފާނު އިއުލާނު ކުރައްވާފައިވާ ގޮތަށް އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ކްރެޑިޓް
ކާޑު ލިމިޓްތައް 1400 ޑޮލަރަށް ބޮޑުކޮށްދެވޭނެކަން ރައީސް ފާހަގަކުރެއްވި އެވެ.
"މިކަން ކަމަކީ ގާނޫނު ތަންފީޒުވަމުންދާ
މިންވަރަކުން ދިވެހި ރައްޔިތުންނަށް ސީދާ ފައިދާ ލިބި ފުދުންތެރިކަން އިތުރުވުމަށް
މަގުފަހިވާނެ ކަންކަން. މި ގާނޫނު ތަންފީޒުކުރުމުގައި ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތައް އަދި މި ގާނޫނުން ޑޮލަރު މާރުކުރަން ޖެހޭ އެންމެހާ ވިޔަފާރިތަކުގެ ފުރިހަމަ
އެއްބާރުލުން ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ފާހަގަކުރަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ސަބަބުން، ބޭރު ފައިސާގެ
ގަވާއިދުތައް ތަންފީޒުކުރަން ފަސޭހަވެ ޓޫރިޒަމް އިންޑަސްޓްރީން އަދި ބޭރު ފައިސާއިން
އާމްދަނީ ލިބޭ އެހެން ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ އަދަދާއި ބޭންކިން ނިޒާމުގައި ދައުރުވާ ޑޮލަރުގެ މިންވަރު އިތުރުވެގެންދާނެ ކަމަށެވެ.
މިއާ އެކު، އަމިއްލަ ވިޔަފާރިތަކާއި
އާންމު ފަރުދުންގެ އެކި ބޭނުންތަކަށް ޑޮލަރު ލިބުން ފަސޭހަވެ، އެކްސްޗޭންޖު ރޭޓް މެދުވެރިކޮށް
ޕްރައިސް ސްޓެބިލިޓީ ހިފެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެނގުން މުހިއްމު - ބޭރު ފައިސާގެ ގާނޫނުގެ ދަށުން ރިސޯޓުތަކަށް ލިބޭ އާމްދަނީން، ބޮލަކަށް 500 ޑޮލަރު ނޫނީ އާމްދަނީގެ %20 މާރުކުރަން ޖެހެ އެވެ.
ކެޓަގަރީ ބީގެ ތަންތަނަށް (ގެސްޓުހައުސް، ސަފާރީ އަދި ހޮޓާތަކަށް) މަހެއްގެ ތެރޭގައި އަންނަ ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަހަކު ލިބޭ ބޭރު ފައިސާގެ އާމްދަނީން %20 މާރުކުރަން ޖެހެ އެވެ.
ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުގެ އިތުރުން މާލީ އިދާރާތައް ފިޔަވައި އެހެން ފަރާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ހިދުމަތާއި މުދަލަކަށް ފާއިތުވި އަހަރުގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15 މިލިއަން ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބޭ ފަރާތްތައް ވެސް މަހަކު ލިބޭ ބޭރު ފައިސާގެ އާމްދަނީން %20 މާރުކުރަން ޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ