ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދުގެ ދަށުން ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ އިންގިލާބީ ބަދަލަކަށް މައިގަނޑު އަސާސްތައް އެކަށައެޅުމަށް ނިންމަވައިފިއެވެ.
ރައީސް މި ނިންމެވުން ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އިން ހުށަހެޅި ކަރުދާހަށް މަޝްވަރާ ކުރެއްވުމަށް ފަހުއެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ކުރިއަށް ދިޔަ ވަޒީރުންގެ މަޖީލީހުގެ ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ މިންގަނޑުގައި އައިސީޓީ ދާއިރާގެ ހިއްސާ މަތިކޮށް، އަދި ޑިޖިޓަލް އިކޮނޮމީގެ މަންފާތައް ދިވެހިންނަށް ފޯރުކޮށްދިނުމަށާއި، ދިވެހިރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދަތުރު މިހާރަށް ވުރެ ހަލުވި ދުވެލީގައި ހާސިލުކޮށް، އައިސީޓީގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމަށްޓަކައި ސަރުކާރުގެ ޓެކްނޯލޮޖީ ގަވަނަންސް ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވިއެވެ.
އެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ގައުމީ ފެންވަރުގައި ހިންގާ ޑިޖިޓަލް ޓްރާންސްފޮމޭޝަނުގެ މަޝްރޫއުތައް ހަލުވިކޮށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ޒަމާނީ ގާނޫނުތައް ތައާރަފުކޮށް ގާނޫނީ އޮނިގަނޑު ފުރިހަމަކުރުން އަދި އިގްތިސޯދެއް ބިނާކުރުމަށް ފަހި ގަވަނަންސް އޮނިގަނޑެއް އައިސީޓީ ސެކްޓާގައި ގާއިމުކުރުމެވެ. ހަަމއެއާއެކު ސަރުކާރުގެ އިދާރާތަކުގެ މެދުގައި ޑޭޓާ އަދި މައުލޫމާތު ފަސޭހަކަމާއެކު ހިއްސާ ކުރެވޭނެ "އިންޓަ އޮޕަރަބަލް އޯޕަން ޑޭޓާ ޝެއަރިން ޕްލެޓްފޯމެއް" ގާއިމުކުރުމާއި މިކަމަށް މަގުފަހިކޮށްދިނުމަށް އަސާސީ އަސްލު 'ސިންގަލް ސޯސް އޮފް ޓުރުތް" ގެ ގޮތުގައި ބޭނުންކުރާ ސެންޓްރަލް ދަފްތަރުތަކާއި ރަޖިސްޓްރީތައް އެކަށައަޅައި އެ ދަފްތަރުތައް ނުވަތަ ރަޖިސްޓްރީތައް ބަލަހައްޓަންޖެހޭ ދައުލަތުގެ އިދާރާތައް ކަނޑައެޅުމެވެ.
ސިޓިޒަން ސެންޓްރިކް ހިދުމަތް ފޯރުކޮށް ދިނުމަށާއި އީ-ގަވަމަންޓްގެ ނިޒާމު ހަރުދަނާ ކުރުމަށް ގައުމީ ފެންވަރުގައި އޮޕަރޭޓްކުރާ ސެންޓްރަލް ޕްލެޓްފޯމްތައް އެކަށައަޅައި އާއްމުކުރުމާއި އީ-ގަވަމަންޓް ނިޒާމު ފުޅާކޮށް ހަރުދަނާކުރުމަށް ދައުލަތުގެ ހުރިހާ އިދާރަތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ރައްޔިތުންނަށް ދޭ ހިދުމަތްތައް ޑިޖިޓަލައިޒްކުރުން ވެސް ހިމެނެއެވެ. އަދި ދައުލަތުގެ އިދާރާތަކުގައި އެއްކުރެވިފައިވާ މައުލޫމާތާއި ޑޭޓާ ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ނޭޝަނަލް ސޮވަރިން ކްލައުޑް ގާއިމުކުރުމާއި، ޑޭޓާ ސެންޓަރުގެ ވަސީލަތްތައް ފުޅާކުރުމާއި ޑިޖިޓަލް ާކައިވްގެ ނިޒާމު ހަރުދަނާކުރުން ވެސް ހިމެނެއެވެ.
މީގެ އިތުރުން އީ-ފާސް، އިލެކްޓްރޯނިކް އައިޑެންޓިފިކޭޝަން ނިޒާމުގެ ގޮތުގައި ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ތަރައްގީ ކުރުމާއެކު، ޑިޖިޓަލް ސިގްނޭޗާ ބޭނުންކުރަން ފެށުމާއި، ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް ފައްކާވެފައިވާ މަސައްކަތުގެ އާބާދީއެއް ބިނާކުރުމަށް ސްކޫލް ކަރިކިއުލަމްގައި ޓެކްނޯލޮޖީއަށް އަހުލުވެރިކުރުވާ އެކަޑަމިކް ކޮންޓެންޓް އިތުރުކޮށް، މަސައްކަތްތެރިންގެ އާބާދީ އާ ޓެކްނޯލޮޖީގެ ދާއިރާއިން ތަމްރީންކޮށް އަދި މި ދާއިރާގެ ރިސާޗް، ޑިވެލޮޕްމަންޓް އަދި އިނޮވޭޝަންގެ މަސައްކަތްތައް ކުރިއެރުވުމަށް ހާއްސަ ފަންޑެއް އުފައްދައި ތަމްރީނާއި ތަހުލީލުގެ މަސައްކަތްތައް ފުޅާކުރުމަށް ފުރުސަތު ފަހިކޮށްދިނުން ވެސް ހިމެނެއެވެ. އަދި އައިސީޓީ އަދި އެހެނިހެން ޓެކްނޯލޮޖީގެ ހިދުމަތްތައް ސަރުކާރުގެ ބޭނުންތަކަށް ހޯދުމުގައި ދިވެހިންނަށް އިސްކަން ދިނުމާއި، ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ރިސާޗް ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމް ކުރުން ހިމެނެއެވެ.
މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި މަތީގައި ބަޔާންކޮށްފައިވާ ކަންކަން ކުރެއްވުމަށް ޓައިމްލައިންތައް ކަނޑައަޅުއްވައި އެކިކަންކަން ހާސިލްކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި ވެއެވެ.
ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ އިންގިލާބީ ބަދަލަކަށް މައިގަނޑު އަސާސްތައް އެކަށައެޅުމަށް ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ