ކާތިކްގެ ފިލްމު 'ޗަންދޫ ޗެމްޕިއަން' އިންޑީ ފިލްމު ފެސްޓިވަލްގައި ވިދާލައިފި
މިދިޔަ އަހަރު ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ ފިލްމު ކުންފުނި ނަދިއަދުވާލާ ގްރޭންޑްސަން އެންޓަޓެއިންމަންޓްއިން ގެނެސްދިން ބައޮގްރަފިކަލް ސްޕޯޓްސް ޑްރާމާ "ޗަންދޫ ޗެމްޕިއަން" އިންޑީ ފިލްމު ފެސްޓިވަލުގައި ވިދާލައިފިއެވެ. ދަ އިންޑީ ފިލްމު ފެސްޓިވަލް (އައިއެފްއެފްއޭ) އަކީ މިނިވަންކަމާ އެކު ފިލްމު އުފެއްދުމުގެ މަސައްކަތްކުރާ މީހުންގެ އުފެއްދުންތަކާއި ކޮންޓެންޓްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން އެމެރިކާގެ ނިއު ޔޯކް ސިޓީގައި ކޮންމެ އަހަރަކު ބޭއްވޭ އެވޯޑު ޝޯއެކެވެ. ކާތިކް އާރްޔަން ލީޑް ރޯލް ކުޅެފައިވާ "ޗަންދޫ ޗެމްޕިއަން" މި އެވޯޑު ޝޯގެ ތިން ކެޓަގަރީއަކަށް ނޮމިނޭޓްވެފައި ވާއިރު އޭގެތެރޭގައި އެންމެ މޮޅު ފިލްމު، އެންމެ މޮޅު ޑައިރެކްޓަރު އަދި އެންމެ މޮޅު ފިރިހެން އެކްޓަރުގެ އެވޯޑު ހިމެނެއެވެ. ފިލްމު "ޗަންދޫ ޗެމްޕިއަން'ގެ މަންޒަރެއްގައި އެކްޓަރު ކާތިކް އާރްޔަން--ފޮޓޯ/އިންޑިއަންއެކްސްޕްރެސް ބޮލީވުޑްގެ ފިލްމުތައް އުފައްދާފައިވާ މަގުބޫލު ޑައިރެކްޓަރު ކަބީރު ޚާން ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ، އިންޑިއާއަށް އެންމެ ފުރަތަމަ ޕެރަލިމްޕިކް ގޯލްޑް މެޑަލް ކާމިޔާބުކޮށްދިން މުރުލިކަންތު ޕެތުކަރުގެ ހަޔާތުގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މުރުލިކަންތު ޕެތުކަރުއަށް ދާދިފަހުން ވަނީ އިންޑިއާގައި ކުޅިވަރުގެ ދާއިރާއަށް ޚިދުމަތްކޮށްދޭ ފަރާތްތަކަށް ދެވޭ އަރުޖުނާ އެވޯޑު ވެސް އަރުވާފައެވެ. މި އެވޯޑަކީ ކުޅިވަރުގެ ދާއިރާއަށް ޚިދުމަތްކޮށްދީފައިވާ ފަރާތްތަކަށް އިންޑިއާގައި ދެވަނައަށް ދެވޭ އެންމެ މަތީ ޝަރަފުގެ އެވޯޑެވެ. މިދިޔަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރި މި ފިލްމަށް ބެލުންތެރިންނާއި ކްރިޓިކުން ދީފައި ވަނީ މަސްހުނި ރިވިއުތަކެކެވެ. ފިލްމުގެ ލީޑް ރޯލް ކުޅުމަށް ކާތިކް ވަރަށް ބޮޑެތި ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައިވާއިރު މި ފިލްމު ރިލީޒްކުރިތާ ދުވަސްކޮޅެއްފަހުން ފިލްމު ވަނީ އެމޭޒަން ޕްރައިމްގައި ސްޓްރީމްކުރަން ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ