ޝައިހް ފަރީދުގެ ހަނދާނުގައި ރާއްޖޭގައި ވެސް މިސްކިތެއް ބިނާކުރަނީ ޝައިހް ފަރީދުގެ ހަނދާނުގައި ރާއްޖޭގައި ވެސް މިސްކިތެއް ބިނާކުރަނީ

މިދިޔަ ހޯމަ ދުވަހު ކުއްލި ގޮތަކަށް ނިިޔާވި ރާއްޖޭގައި އެންމެ ފާހަކޮށްލެވޭ ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނޭ ޝައިހް އިބްރާހިމް ފަރީދުގެ ހަނދާނުގައި ރާއްޖޭގައި ވެސް މިސްކިތެއް ބިނާ ކުރުމަށް ނިންމައި މިސްކިތް އެޅުމަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލައިފި އެވެ.
އިސްލާމީ ދައުވަތު ދިނުމުގެ މަސައްކަތް ކުރާ ހިދުމަތް ޖަމިއްޔާއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެ ނިންމުން ނިންމީ ވަރަށް ގިނަ ބަޔަކު އެކަމަށް އެދެމުން ދާތީ އާއި ޝައިހް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރަން ނިންމި މިސްކިތަށް ވެސް ގިނަ ބަޔަކު އެހީތެރިކަން ފޯރުކޮށްދޭން އަދިވެސް ބޭނުންވާތީ ކަމަށެވެ.
ޝައިހް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރުމަށް ހިދުމަތް ޖަމިއްޔާއިން ނިންމައި، އެކަމަށް އެހީތެރިވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވައިލިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި 760،000ރ. އެ ޖަމިއްޔާއަށް ލިބުނެވެ.
ހިދުމަތް ޖަމިއްުޔާއިން ބުނީ އެ އަދަދު ހަމަވުމަށްފަހު ވެސް ބައެެއް ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވެގެން އެކަމަށް އެދެމުންދިޔަ ކަމަށެވެ. އެ މިސްކިތް ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން ހިދުމަތް ޖަމިއްޔާގެ ބީއެމްއެލް އިސްލާމިކް އެކައުންޓު، 7770000141496 އަށް އެހީ ފޮނުވުމަށް އެ ޖަމިއްޔާއިން އެދެ އެވެ.
ޝައިހް ފަރީދު ކުއްލި ގޮތަކަށް ނިޔާވީ ދީނީ ދަރުހެއް ދިނުމަށް މެލޭޝިޔާއަށް ވަޑައިގެންނެވިތަނުން ކުއަލަލަންޕޫރުގަ އެވެ. އޭނާ ނިޔާވީ އެއާޕޯޓަށް މަތިންދާބޯޓު ޖެއްސުމަށް ފަހު އެ ބޯޓުން ފޭބި ވަގުތު އެވެ. ފަރީދުގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިޔައީ މެލޭޝިޔާގަ އެވެ.
ޝެއިހު ފަރީދަކީ ރާއްޖޭގައި ދީނީ އިލްމު ފެތުރުމުގައި ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އޭގެއިތުރުން އޭނާއަކީ އިސްލާހީ ހަރަކާތުގައި ވެސް އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ. އޭރު ބޭއްވި އެއްވުންތަކުގައި ފަރީދު ތަގުރީރު ވެސް ކުރެއްވި އެވެ.
އޭގެ ތެރެއިން ބައެއް އެއްވުންތަކުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އޭރުގެ ސަރުކާރުން ޝެއިހު ޖަލުގައި ވެސް ބަންދުކުރި އެވެ. އޮގަސްޓު 12-13 ގެ އެއްވުމުގެ ތެރެއިން ވެސް ހައްޔަރުކޮށް ޖަލުގައި ބަންދުކުރި އެވެ.
ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުންނާއި ޓެރަރިޒަމްގެ ކުށުގެ ދައުވާ ވެސް ފަރީދުގެ މައްޗަށް އުފުލި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ