މިރެއަކީ އުފެއްދުންތެރިކަމުގެ މައުރަޒުގެ އެންމެ ފަހު ރޭ

އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު މިރޭ ނިމޭއިރު، މިއަދާ މިރޭވެސް މައުރަޒާ ގުޅުވައިގެން ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދާނޭކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބުނެފިއެވެ.
މައުރަޒު އިންތިޒާމުކުރާ ބީސީސީން ބުނީ، މައުރަޒުގައި އެކި ކަހަލަ ހަރަކާތްތަށް މިއަދު ހަވީރު 16:00ން ރޭގަނޑު 00:00އަށް ކުރިޔަށްދާނެ ކަމަށެވެ. އެގޮތުން ކުރިޔަށްދާނެ ހަރަކާތްތަކުގެ ތެރޭގައި، ސްޓޭޖް ހަރަކާތްތަކާއި ކުޑަކުދިންނަށް ހާއްސަކޮށްގެން ގެންދާ ކުޅިވަރު ހަރަކާތަތަށް ހިމެނެއެވެ. 
ސްޓޭޖް ހަރަކާތްތަކުގެ ތެރޭގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި، ބޭންޑް ހަރަކާތަކާއި، ބޮޑުބެރު ހަރަކާތެއްގެ އިތުރުން ފެޝަން ޝޯވ އެއް ކުރިޔަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. ކުޑަކުދިންނަށް ހާއްސަކޮށްގެން ގެންދާ ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ޕްލޭސްޓޭޝަން ގޭމް އަދި 360 ވީޑިއޯ ބޫތް ފަދަ ހަރަކާތްތަށް ހިމެނެއެވެ.
އުފެއްދުންތެރިކަމުގެ މައުރަޒެއްގެ ތެރެއިން... ފޮޓޯ: ވޮއިސް
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ޖުމްލަ 383 ފަރާތަކުންވަނީ ބައިވެރިވެފައެވެ. އެގޮތުން 3600 އަށް ވުރެ ގިނަ ތަކެތި މިމައުރަޒުގައި ބައިވެރި ކޮށްފައިވެއެވެ. އެންމެ ގިނަ ތަކެތި ބައިވެރިކޮށްފައިވަނީ މާލެއިންނާއި ބ.ތުޅާދޫ އިންނެވެ.މިފަހަރުގެ މައުރަޒުގައި   15 ދާއިރާއަކުން 81 ގިންތިއަކުން ތަކެތި ބައިވެރިކުރުމުގެ ފުރުސަތު ވަނީ ދީފައެވެ.
މި އަހަރުގެ މައުރަޒުގައި ކުރީ އަހަރުތަކާ ހިލާފަށް ޑިޖިޓަލް އުފެއްދުންތަކާއި ހިދުމަތްތައް ވެސް ދައްކާލުމަށް ވަނީ ފުރުސަތުދީފައެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ނަމުގައި މައުރަޒެއް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ 2024 ވަނަ އަހަރުގެ މެއި 20 ވަނަ ދުވަހު، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކުގައެވެ. މިއީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރިތަށް ފުޅާ ކުރުމުގެ މަގްސަދުގައި، ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށްގެން ބޭއްވުނު މައުރަޒެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ