ގައުމީ ވޮލީބޯޅަ މުބާރާތް 2025 ގެ ފުރަތަމަ މެޗުތައް ޕޮލިސް ކްލަބާއި ކްލަބް ވެމްކޯ އިން ކާމިޔާބުކޮށް މޮޅަކުން ފަށައިފި އެވެ.
އަންހެން ވޮލީބޯޅަ ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ ޗެމްޕިއަންކަން ޕޮލިސް ބަލިކޮށް ހޯދީ ވެމްކޯ އިންނެވެ. އެކަމަކު، ގައުމީ ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން ޕޮލިހުން ވަނީ ހޯދައިފަ އެވެ.
ގައުމީ މުބާރާތުގައި ޕޮލިހާއި ވެމްކޯގެ އިތުރުން ދެން ވާދަކުރަނީ ފްލެކްސާ ސްޕޯޓްސް ކްލަބް އަދި ހުރާ ކޮމިއުނިޓީ ކްލަބެވެ. މި ހަތަރު ޓީމަށް އަންނަ އަހަރުގެ އެސޯސިއޭޝަން ކަޕުގެ ޖާގަ މިހާރު ވަނީ ކަށަވަރުވެފަ އެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި އިއްޔެ ހަވީރު ވެމްކޯ އިން ނުކުތީ ފްލެކްސާއާ ދެކޮޅަށެވެ. މި މެޗު ވެމްކޯ އިން ވަނީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ކާމިޔާބުކޮށްފަ އެވެ.
މި މެޗުގެ ސެޓުތައް ދިޔައީ، 25-22، 25-17 އަދި 25-19 އިންނެވެ. މުޅި މެޗުގައި ވެސް ޖުމްލަކޮށް ވެމްކޯ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ. އެގޮތުން މި މެޗުގައި ވެމްކޯގެ ބިދޭސީ ދެ ކުޅުންތެރިން ވަނީ ތަފާތު މޮޅަށް ކުޅެ މުހިންމު ވަގުތުތަކުގައި ގިނަ ޕޮއިންޓްތަކެއް އެ ޓީމަށް ސްކޯކޮށްދީފަ އެވެ.
މީގެ އިތުރުން ރޭ ޕޮލިސް ކްލަބުން ހުރާ ބަލިކުރީވެސް ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 25-22، 25-22 އަދި 25-16 އިންނެވެ.
މި މެޗުގެ ފުރަތަމަ ދެ ސެޓުގައި ހުރާއިން ވަނީ ޕޮލިހަށް ބޮޑު ލީޑެއްގައި އޮވެގެން ކުޅުމުގެ ފުރުސަތު ނުދީ ރަނގަޅު ފައިޓެއްދީފަ އެވެ. ހާއްސަކޮށް ދެވަނަ ސެޓު ފަށައިގެން ހުރާއިން ވަނީ ހަ ޕޮއިންޓްގެ ލީޑެއްވެސް ނަގާފަ އެވެ. އެކަމަކު ދެވަނަ ސެޓުގައި ޕޮލިހުގެ ތަފާތަަކަށްވީ އެ ޓީމުގެ ތަޖުރިބާ އެވެ.
މި މުބާރާތުގައި މިއަދު ވެސް ދެ މެޗު ކުޅޭނެ އެވެ. މިއަދު ހަވީރު ޕޮލިހުން ނުކުންނާނީ ފްލެކްސާއާ ދެކޮޅަށެވެ. އަދި މިރޭ ވެމްކޯ އިން ނުކުންނާނީ ހުރާއާ ދެކޮޅަށެވެ.
ޕޮލިހާއި ވެމްކޯ އިން ގައުމީ މުބާރާތް ވެސް ފެށީ ވަރުގަދަކޮށް ޕޮލިހާއި ވެމްކޯ އިން ގައުމީ މުބާރާތް ވެސް ފެށީ ވަރުގަދަކޮށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ