އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވައިފި

އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ (އައިއައިޔޫއެމް) އިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވައިފިއެވެ. މި ޝަރަފު އެމަނިކުފާނަށް ދެއްވާފައިވަނީ އިސްލާމިކް ލީޑަރޝިޕް އެންޑް މަދަނީ ޑިވަލޮޕްމެންޓްގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޮސޮފީގެ ގޮތުގައެވެ.
މި ޝަރަފު ރައީސް މުޢިއްޒަށް އެރުވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އެމަނިކުފާނަށް މި ޝަރަފު އެރުއްވީ އައިއައިޔޫއެމްގެ ޕަހަންގް ކޮންސިޓިޓިއުޝަންގެ ހެޑް ޓެންގޫ އެމްޕުއަންއެވެ.
އައިއައިޔޫއެމްއިން ފާހަގަކުރެއްވި ގޮތުގައި، "ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ޒަމާނީ އުކުޅުތަކާއި އިސްލާމީ ހަމަތަކުގެ މަތިން ސިޔާސަތުތައް ކަނޑައެޅުއްވުމާއި އަރބަން ޕްލޭނިންގެ ދާއިރާއިން ފާހަގަކޮށްލެވޭ ބޭފުޅެއް" ކަމަށެވެ.
މީގެއިތުރުން، އެ ޔުނިވަރސިޓީން ވަނީ ރައީސް މުޢިއްޒަކީ ދުރުވިސްނޭ، ކާމިޔާބު ލީޑަރެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. މި ޝަރަފަކީ އެމަނިކުފާނުގެ ލީޑަރޝިޕް އަދި ގައުމީ ތަރައްޤީއަށް ކުރައްވާފައިވާ މަސައްކަތްތަކަށް ލިބިވަޑައިގެންނެވި ބޮޑު އިއްތިރާފެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ