މިހާރުގެ ވަޒީރުން އުޅެނީ ޕާޓީކުރާކަށް ނޫން: ފަލާހް

މި ސަރުކާރުގެ ވަޒީރުންނަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ ބައެއް ކަމަށާއި އެ ބޭފުޅުންނަކީ އެމްޑީޕީގެ ސަރުކާރުގެ ވަޒީރުންހެން "ކާލައިގެން، ހުކުރު ވިލޭރޭ ޕާޓީކުރަން އުޅޭ ބައެއް ނޫން" ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، ރ. އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.މެންބަރުން ވަޒީރުންނާ ކުރާ ސުވާލުތަކުގެ މައްސަލަ ލަސްވާތީ މިއަދު ވަނީ ގަރާރެއް ހުށަހަޅުއްވައިފައެވެ.ވަޒީރުން މަޖިލީހަށް ހާޒިރުނުކުރާ ކަމަށާއި ސަބަބެއް ނާންގާ މަޖިލީހުގެ ޖަލްސާތައް ކެންސަލްކުރާ ކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވައި މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މަޖިލީހުގައި މިއަދު ވަނީ އެ ގަރާރަށް ބަހުސްކޮށްފައެވެ.ބަހުސްގައި ވާހަކަދައްކަވަމުން ފަލާހް ވިދާޅުވީ، ވަޒީރުންނަށް 14 ދުވަސް ފިޔަވާ އިތުރު ވަގުތު ދޭންޖެހެނީ ވަޒީރުންނާ ސުވާލުކުރަން ހުށަހަޅުއްވާ މެންބަރުންނާއި އަދި ވަޒީރާ އިދާރީ މުވައްޒަފުން ވާހަކަދައްކަން ޖެހޭތީ ކަމަށެވެ. އެ ވަޒީރުން ހާޒިރުކުރަނީ އެންމެންނަށް އެއްބަސްވެވޭ ދުވަހެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ."މި ސަރުކާރުގެ ވަޒީރުންނަކީ ވަރަށް ބުރަކޮށް އުޅޭ  ވަޒީރުންތަކެއް. ވަރަށް މަސައްކަތްތަކެއް، ވަރަށް ގިނަ ވަގުތު ކުރައްވާ ވަޒީރުންތަކެއް. ވަރަށް ގިނައިން ރާއްޖެއިން ބޭރަށް ދަތުރު ކުރައްވައިގެން އިގުތިސޯދީ ގޮތުން ހަލާކުވެފައި އޮތް ގައުމެއް ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުން އަންނަ ވަޒީރުންތަކެއް،" އޭނާ ވިދާޅުވި އެވެެ."އެމްޑީޕީގައިހެން މިހެން ކާލައިގެން، ހުކުރު ވިލޭރޭ ޕާޓީކޮށްގެން އެހެން އުޅުނު ވަޒީރުންނެއް ނޫން މިހާރު މި އުޅެނީއެއް."މަޖިލީހުގެ މެންބަރުން ވަޒީރުންނާ ސުވާލު ކުރުމަށް ހުށަހެޅުމުން އެ ކަމަށް ގިނަ ދުވަސް ނަގާތީ އިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ކަމަށް އިޝާރާތް ކުރައްވައި ފަލާހު ވިދާޅުވީ، ވަޒީރުންނާ ސުވާލު ކުރަން މީގެ ކުރިން ވެސް 14 ދުވަސް ހަމަވާ ދުވަހު ވަޒީރު މަޖިލީހަށް ހާޒިރު ނުކުރާ ކަމަށެވެ."އެކި ވަޒީރުން އެކި ދުވަހު، އެކި ތަނުގައި މި އުޅެނީ،" އޭނާ ވިދާޅުވި އެވެ.ފަލާހް ވިދާޅުވީ، މީގެ ކުރީގެ މަޖިލީސްތަކުގައި ވެސް 14 ދުވަސް ހަމަވާ ދުވަހު ވަޒީރު މަޖިލީހަށް ހާޒިރުވެ ޖަވާބުނުދެއްވާނެ ކަމަށެވެ. އެ ގޮތަށް އަމަލުނުކުރުމަކީ ކޮންމެހެން ގާނޫނުއަސާސީއާއި ނުވަތަ މަޖިލީހުގެ ގަވާއިދާ ހިލާފު ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.މަޖިލީހަށް ހާޒިރުކުރަން އޮންނަ ދުވަހު ވަޒީރުން ރާއްޖޭން ބޭރުގައި ވެސް ނުވަތަ އާލާސްކަންފުޅާ ވެސް އުޅުއްވައިފާނެކަން އޭނާ ފާހަގަކުރެއްވިއެވެ.އެހެންވެ، މި ފަދަ ގަރާރުތައް މަޖިލީހަށް ނުވައްދަން އޭނާ ވަނީ އެމްޑީޕީއަށް ގޮވާލައިފަ އެވެ.ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ވަޒީރުން ހާޒިރުކުރުން ލަސްވަނީ ސުވާލު ރައްދުވާއި ވަޒީރާއި ހުށަހަޅުއްވައި މެންބަރުން ވެސް ރާއްޖޭގައި ނޫޅުއްވާތީ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވެސް މިއަދު ވަނީ  ވިދާޅުވެފަ އެވެ.ނާޒިމް ވިދާޅުވީ، ވަޒީރުން ހާޒިރުކުރުން ލަސްވަނީ އެ ބޭފުޅުންނާއި އަދި ސުވާލު ހުށަހަޅުއްވާ މެންބަރުން ވެސް ރާއްޖޭގައި ނޫޅުއްވާތީ ކަމަށެވެ."ވަޒީރުންނާ ސުވާލުކުރުމާ ގުޅޭ ގޮތުން އަޅުގަނޑު ދަންނަވާލަން އޮތް ވާހަކައަކީ މިހާރު ވަޒީރަކަށް ސުވާލެއް ފޮނުވުމަށް ފަހު ގާނޫނީ ގޮތުން ދޭ ނޯޓިސް ދިނުމަށް ފަހު، ވަޒީރަށް މަޖިލީހަށް ވަޑައިގެންނެވޭ ގޮތަށް ރާއްޖޭގައި ހުންނެވުމަކީ ވެސް ވާންޖެހޭ ކަމެއް،" ކަން އޮތްގޮތް ސާފުކޮށްދެއްވަމުން އޭނާ ވިދާޅުވިއެވެ."އަދި، ސުވާލުކުރެއްވި މެންބަރަށް މަޖިލީހަށް ވަޑައިގެންނެވޭ ގޮތަށް ހުންނެވުމަކީ ވެސް ވާންޖެހޭ ކަމެއް،"ނާޒިމް ވިދާޅުވީ، މިއަދުގެ ޖަލްސާއަށް ވެސް ސުވާލެއް އެޖެންޑާކުރަން މަސައްކަތްކުރެއްވި ކަމަށެވެ. އެކަމަކު، އެ ސުވާލު ހުށަހެޅުއްވި މެންބަރު ރާއްޖޭގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ކޮން ސުވާލެއްކަން ނުވަތަ ކޮން މެންބަރެއްކަން ފާހަގަނުކުރައްވައި އޭނާ ވިދާޅުވީ، އެ މެންބަރު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭން ބޭރުގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ