ޑރ. އިބްރާހީމް އުމަރު މަނިކުގެ ހަނދާނުގައި ސިއްހީ ދާއިރާއިން ސްކޮލާޝިޕެއް
ޑރ. އިބްރާހީމް އުމަރު މަނިކުގެ ހަނދާނުގައި, ޔުނިވާސަލް ފައުންޑޭޝަނުން ޚާއްސަ ސްކޮލާޝިޕެއް ތައާރަފު ކުރުމަށް ނިންމައިފިއެވެ. ޑރ. އިބްރާހީމް އުމަރު މަނިކަކީ، ސިއްހީ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވައި އެދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ޔުނިވާސަލް ފައުންޑޭޝަނުން ބުނީ، ޑރ. އިބްރާހީމް އުމަރު މަނިކުގެ ހަނދާނުގައި މި ސްކޮލާޝިޕް ހުޅުވާލަނީ ރާއްޖޭން ބޭރުގައި ސިއްހީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރުމަށް އެދޭ ދިވެހި ދަރިވަރުންނަށް ކަމަށެވެ. އެގޮތުން، ސްކޮލާޝިޕަށް ހޮވޭ ދަރިވަރުން ކޯސް ފުރިހަމަކުރާނީ އިނގިރޭސިވިލާތުގެ މެޑިކަލް ޔުނިވާސިޓީތަކުގެ ތެރެއިން ކޮންމެވެސް އެއް ޔުނިވާސިޓީއެއްގައި ކަމަށް އެ ކުންފުނިން ބުންޏެވެ. "އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖެއަށް މިވަގުތު އެންމެ ބޭނުންތެރި، އެންމެ މުހިންމު ދާއިރާތަކުން ޑޮކްޓަރުން ސްޕެޝަލައިޒްވެގެން ރާއްޖެ އައިސް ދިވެހީންނަށް ޚިދުމަތް ކުރުމަށް ފުރުސަތު ތަނަވަސްކޮށްދިނުން،" ޔުނިވާސަލް ފައުންޑޭޝަނުން ބުންޏެވެ. އެ ސްކޮލާޝިޕަށް އެދި ހުށަހެޅޭނީ ހަމައެކަނި ދިވެހިންނަށެވެ. އަދި ތައުލީމް ހާސިލުކުރަން އެދޭ ލެވެލް އަކީ ޕޯސްޓް ގްރެޖުއޭޓް ކަމުގައިވާން ޖެހެވެ. ޔުނިވާސަލްއިން ބުނީ ސްކޮލާޝިފަށް އެދި ހުށަހަޅާއިރު، ޔުނިވާސިޓީއަށް ވަނުމުގެ ޖާގަ ލިބިފައިވާކަން އަންގައިދޭ ލިޔުން އޮންނަން ވާނެ ކަމަށެވެ. އަދި ތައުލީމް ހާސިލުކުރަން އެދޭ ޔުނިވަރސިޓީއަކީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީއަކަށް ވާން ޖެހޭ ކަމަށެވެ. ހަމައެހެންމެ، ސްކޮލާޝިޕަށް އެދޭ ފަރާތަކީ، އެމްބީބީއެސް ފުރިހަމަކުރުމަށްފަހު ރާއްޖޭގައި މަދުވެގެން ދެއަހަރު ދުވަހު މަސައްކަތް ކޮށްފައިވާ ފަރާތަކަށް ވާން ޖެހެއެވެ. އޭގެ އިތުރުން ވެސް ސްކޮލިޝިޕަށް އެދި ހުށަހެޅުމަށްޓަކައި ފުރިހަމަ ވާން ޖެހޭ ޝަރުތުތަކާ މިންގަނޑުތައް ޔުނިވާސަލް ފައުންޑޭޝަނުން ވަނީ އާންމު ކޮށްފައެވެ. މި ސްކޮލަޝިޕަށް އެދި ހުށައެޅުމާ، އިތުރު މައުލޫމާތު ޔުނިވާސަލް ފައުންޑޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ސްކޮލާޝިޕަށް ކުރިމަތިލާން އެދޭ ފަރާތްތަކުން ފޯމް ހުށަހަޅާނެ އެންމެ ފަހުގެ ތާރީޚަކީ އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހެވެ. ޑރ. އިބްރާހީމް އުމަރު މަނިކު އެމްބީބީއެސް ފާސް ނެންގެވީ، ޖަރުމަނުވިލާތުގެ ޔުނިވާސިޓީ އޮފް ލެއިޕްޒިގުންނެވެ. އޭނާ ސްޕެޝަލައިޒްވެވަޑައިގެންފައިވަނީ އެނަސްތީޒިއޮލޮޖީގެ ރޮނގުންނެވެ. ޑރ. އިބްރާހިމް އުމަރު މަނިކު ވަނީ ދިވެހިރާއްޖޭގެ ފުރަތަމަ ހޭނައްތާ ޑޮކްޓަރުގެ ގޮތުގައި މާލޭ ސެންޓްރަލް ހޮސްޕިޓަލަށް ޚިދުމަތް ކުރައްވާފައެވެ. އޭނާ ވަނީ އެނަސްތީޒިއޮލޮޖީ ޑިޕާޓްމަންޓަށް ޒަމާނީ ކުރިއެރުން ގެންނެވުމާ، ހޮސްޕިޓަލަށް ބޭނުންވާ ފަހުގެ އާލާތްތައް ހޯއްދެވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ސިއްޙީ ދާއިރާގެ އިތުރުން، ޑރ.އިބްރާހީމް އުމަރު މަނިކު ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށްވެސް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައެވެ. އަދި ތަފާތު ސިނާއަތު ރާއްޖެއަށް އަލަށް ތައާރަފު ކޮށްދެއްވުމުގައި ވެސް މުހިންމު ދައުރެއް އަދާކުރެއްވިއެވެ. ޔުނިވާސަލް އެންޓަޕްރައިޒަސްގެ ތާރީޚުގައި ފާއިތުވެދިޔަ 40 އަހަރުގެ ތެރޭގައި ދިވެހިންގެ ލާބައާއި މަންފާއަށްޓަކައި ކޮށްފައިވާ ގިނަގުނަ މަސައްކަތްތައް މިހާރު ރަސްމީ ގޮތެއްގައި ކުރިއަށް ގެންދަނީ ޔުނިވާސަލް ފައުންޑޭޝަނުންނެވެ. މިގޮތުން ޔުނިވާސަލް ފައުންޑޭޝަނުން ވަނީ 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް ދިވެހި ކިޔަވާކުދިންނަށް ޖުމްލަ 204 ސްކޮލާޝިޕް ދީފައެވެ. އޭގެތެރެއިން 51 ސްކޮލަރޝިޕަކީ ސިއްހީ ދާއިރާއިން ދީފައިވާ ސްކޮލާޝިޕްތަކެވެ. ޔުނިވާސަލް ފައުންޑޭޝަނުން ބުނީ، ސަރުކާރާއި އަމިއްލަ ޖަމުއިއްޔާ ޖަމާއަތްތަކުން ރާއްޖޭގެ ތަރައްގީއަށާއި، އިޖުތިމާއީ ކަންކަމަށާއި އެކިއެކި އެހީގެ ޕްރޮގްރާމް ރާވާ ހިންގުމުގައި ސީދާ ގޮތުންނާ، ނުސީދާގޮތުން އެހީތެރިވުމަށް އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް ބޭނުންތެރި، ތަފާތު ފުރުސަތުތައް ފަހިކޮށް ދިނުމަށާއި އަދި ދިވެހީންނަށް އިންސާނީ ތަރައްގީއާއި ކުރިއެރުން ގެނެސްދިނުމަށްޓަކައި އެ ފައުންޑޭޝަނުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ. ޔުނިވާސަލް ފައުންޑޭޝަންގެ މައިގަނޑު އަމާޒަކީ ދިވެހި ރައްޔިތުންގެ ސިއްހީ ހާލަތާއި، ތައުލީމާއި، އިޖުތިމާއީ އަދި އިންސާނީ ތަރައްގީއަށް ބޭނުންވާ އެންމެހައި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ