ދަ ޑިމޮކްރެޓްސް ގެ ލިސްޓު، އީސީ އިން އާންމުކޮށްފައިވާކަމަށް ތުހުމަތު ކޮށްފި

ރާއްޖޭގައި އެންމެފަހުން އުފައްދަން ހުއްދަ ދިން ސިޔާސީ ޕާޓީ، ދަ ޑިމޮކްރެޓްސް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅި މެމްބަރުންގެ ލިސްޓު އީސީ އިން އާންމުކޮށްފައިވާކަމަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން ތުހުމަތު ކޮށްފިއެވެ.
އެ ޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ މިގޮތަށް ކަންތައް ކުރީ އެ ޕާޓީ ރަޖިސްޓްރީވިޔަ ނުދޭން ކަމަށެވެ.
އެޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒް އާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ އެކަން އެގޮތަށް ކޮށްފައިވަނީ ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ކަމަށެވެ.
ޝިފާޒު ވިދާޅުވީ އެޕާޓީ ރަޖިސްޓްރީވިޔަ ނުދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެކަން ވަރަށް ސާފު ކަމަށެވެ.
"މިކަން ސާފުވާ އެއްސަބަބަކީ މި ޕާޓީ ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ލިސްޓު ކޮމިޝަންގެ ވެބްސައިޓުގައި އާންމު ކުރުމުގެ ކުރިން، ސަރުކާރުގެ އިސް އޮފިޝަލުން ފެށިގެން ސިޔާސީ ވަޒީފާތަކުގައި ތިބި އެންމެ އާދައިގެން މުވައްޒަފުން ވެސް އެ ލިސްޓު ގެންގުޅެމުންދޭ." ޝިފާޒު ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އީސީ އަށް ލިސްޓު ހުށަހެޅިއިރު، އެގެން ނެތް މައުލޫމާތު އާންމުވެފައިވާ ލިސްޓުގައި ހިމެނޭ ކަމަށާއި އޭގެ ތެރޭގައި އެޕާޓީއަށް ސޮއިކޮށްފައިވާ މެމްބަރުން ތިބި ސިޔާސީ ޕާޓީތައް ވެސް އެގެން ހުރި ކަމަށެވެ.
އެހެންކަމުން އެއީ އިލެކްޝަންސް ކޮމިޝަނުން ފޯރުކޮށްދީގެން އުޅޭ މައުލޫމާތުތަކެެއްކަން އެގޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދަ ޑިމޮކްރޭޓްސް އިން ބުނީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެޕާޓީއަށް ވަންނަ މީހުންނަށް ބޮޑަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ