އަލަށް ގެނައި މަސްކިރާ ބޯޓު އޮޕަރޭޝަނަށް ނުނެރެވި ލަސްވީ މޫސުން ގޯސް ކަމުން: މިފްކޯ

މިފްކޯއިން އަލަށް ގެނައި "ޖަޒީރާ 103" މަސްކިރާބޯޓު, އޮޕަރޭޝަނަށް އިއްޔެ ނުނެރެވުނީ، މޫސުން ގޯސްވެގެން ކަމަށް މިފްކޯއިން ބުނެފިއެވެ. ޤައުމީ މަސް ކުންފުނި މިފްކޯގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް މަސްކިރާ ބޯޓެއް ރާއްޖެ ގެނެސްފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ކުރިން ހަމަޖެހިފައި އޮތް ގޮތުން ބޯޓުގެ އޮޕަރޭޝަން ރަސްމީކޮށް ފެށުމަށް ތާވަލްކޮށްފައި އޮތީ އިއްޔެ އެވެ. "ސަން" އާ ވާހަކަދައްކަވަމުން މިފްކޯގެ އޮފިޝަލަކު ވިދާޅުވީ ބޯޓުގެ އޮޕަރޭޝަން ފެށުމުގެ ގޮތުން ވާންޖެހޭ ތައްޔާރީތައް ނިމިފައިވާކަމަށެވެ. އަދި މޫސުން ރަނގަޅުވިހާ އަވަހަކަށް އޮޕަރޭޝަންތައް ފަށާނޭ ކަމަށް އޭނާ ވިދާޅުވިއެވެ. "ޖަޒީރާ 103" މި ބޯޓަކީ 120 މެޓްރިކް ޓަނުގެ މަސް ގަނޑުކުރެވޭ އަދި 420 މެޓްރިކް ޓަނުގެ މަސް ގަނޑުކުރުމުގެ ގާބިލުކަން ލިބިފައިވާ ބޯޓެކެވެ. މި ބޯޓު މަސްކިރުމަށް ހަރަކާތްތެރިވާނީ ހުވަދު އަތޮޅުގައެވެ. މިފްކޯގެ އޮޕަރޭޝަންތައް ފުޅާކުރުމަށް އެ ކުންފުނިން ވަނީ މަސްކިރާ ހަތަރު ބޯޓު ރާއްޖެ ގެނައުމަށް ނިންމާފައެވެ. "ޖަޒީރާ 103"އަކީ އޭގެ ތެރެއިން އެއް ބޯޓެވެ. އަނެއް ތިން ބޯޓު ތައިލެންޑަށް އެހެލައިގެން ރާއްޖެ ގެނައުމުގެ ކުރިން ކުރަންޖެހޭ ބައެއް ކަހަލަ މަސައްކަތްތައް ކުރަމުންގެންދާކަމަށް މިފްކޯއިން ބުނެފައިވެއެވެ. މި ބޯޓުތައް ބަނދެފައިވަނީ ދެކުނު ކޮރެއާގައެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުން މިފްކޯއަށް މިސްކިރުވޭ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތްކުރަމުންދާއިރު، އެ ކުންފުނިން ވަނީ ތ. ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ވެސް ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ